25 Aug 2012, 21:57
ކޮމިޝަން އޮފް ނޭޝަނަލް އިންކްއަރީ (ކޯނީ) ގެ ރިޕޯޓު ނެރުމުގެ ކުރިން "ކޮޕީ ރިޕޯޓް"ގެ ނަމުގައި ރިޕޯޓެއް ނެރެން އެމްޑީޕީން ނިންމައިފި އެވެ.
އެމްޑީޕީގެ އެގްޒިބިޝަން ކޯޑިނޭޓަރު ޝާނީޒު ސައީދު މިރޭ ވިދާޅުވީ ފެބްރުއަރީ 7،6 އަދި 8 ވަނަ ދުވަހު ހިނގައި ދިޔަ ކަންތަކާ ގުޅޭގޮތުން އެޕާޓީން މައުރަޒެއް ބާއްވަން ނިންމާފައިވާ ކަމަށާއި ކޮޕީ ރިޕޯޓް އެކުލަވައިލަނީ އެ އެގްޒަބިޝަންގެ ތެރެއިން ކަމަށެވެ.
އެ މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް އެންމެނަށް ހުޅުވާލެވިފައިވާ ކަމަށާއި އެ މައުރަޒުގައި ބައިވެރިވާ ފަރާތްތައް، އެ ތިން ދުވަހު ކަން ހިނގައިދިޔަ ގޮތާ ބެހޭ ގޮތުން އަމިއްލަ ޚިޔާލު ލިޔުމުން ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލާނެ ކަމަށާއި އެންމެންގެ ޚިޔާލުތައް އެއްކުރުމަށްފަހު ކޮޕީ ރިޕޯޓެއް ނެރެ ރައީސް މުހައްމަދު ނަޝީދަށް ހަދިޔާ ކުރަން ހަމަޖައްސާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ފުރުސަތު ހުޅުވާލާފަ އޮތީ ވަކި ބަޔަކަށް ނޫން. ކޮންމެ ފަރުދަކަށް ވެސް ބައިވެރިވެވޭނެ. ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށް އެ ބޭފުޅެއްގެ ޚިޔާލު ލިޔާނެ އިންތިޒާމް އޮންނާނެ. ނޯޓުވެސް ކުރެވޭނެ އަދި ފިންގާ ޕްރިންޓް ވެސް ޖެހޭނެ. ކޯނީ ރިޕޯޓްގެ ކުރިން މި ރިޕޯޓު ކެޓަލޮގް ކުރެވޭނެ. އޭގެ ފަހުން އަޅުގަނޑުމެންގެ ރައީސަށް [ނަޝީދަށް] މި ރިޕޯޓު ހަދިޔާ ކުރާނީ،" ޝާނީޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މައުރަޒު އޮންނާނީ އަންނަ ހޯމަ ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ މެންދުރު 2:00 ފެށިގެން ރޭގަނޑު 9:30 ށް މާލޭ ސިޓީ ކައުންސިލް އިދާރާގެ ފުރަގަހުގައި އޮންނަ ހުސްބިމުގައި ކަމަށާއި މައުރަޒު ނިމޭ ދުވަހު ރިޕޯޓު ނެރޭ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގްޒެބިޝަން އޮފް ޕަބްލިކް އިންކްއަރީ (ޒޯޕީ)ގެ ނަމުގައި ބާއްވާ އެ މައުރަޒުގައި ފެބްރުއަރީ 7،6 އަދި 8 ވަނަ ދުވަހުގެ ފަހުން ރާއްޖޭގައި ހިނގައިދިޔަ ގޮތުގެ ހުރިހާ ކަމެއް އަދި ރައީސް ނަޝީދު އިސްތިއުފާ ދެއްވި ސަބަބުތައް ފޮޓޯ އާއި ވީޑިއޯ އަދި ލިޔުމުން ހުށަހަޅައިދިނުން އޮންނާނެ ކަމަށް ވެސް ޝާނީޒު ވިދާޅުވި އެވެ.