ދ. ހުޅުދެލީގައި އަލަށް އިމާރާތް ކުރުމަށްފަހު ހުޅުވަން ތައްޔާރުވެފައިވާ ހިނަވާގެއަށް ބަޔަކު ކަޅުތެޔޮ ޖަހައިފި އެވެ.

ހުޅުދެލި ކައުންސިލް މެންބަރު އަދުނާން އަލީ މިއަދު ވިދާޅުވީ އަލަށް ހެދި ހިނަވާގެއަށް ކަޅުތެޔޮ ޖަހާފައިވަނީ ރޭގެ ވަގުތެއްގައި ކަމަށާއި ކަޅުތެޔޮ ޖެހުމުގެ ސަބަބުން ހިނަވާގެ އެއްކޮށް ހަޑިވެ 10000ރ. އަށް ވުރެ ބޮޑު ގެއްލުމެއްވެފައިވާ ކަމަށެވެ.

ހުޅުދެލީ ހިނަވާގެއަށް ކަޅުތެޔޮ ޖަހާފައިވަނީ ރަށު ކައުންސިލާ އަދާލަތުޕާޓީ ގުޅިގެން ޝެއިހު އިލްޔާސް ހުސެއިންގެ ދަރުސެއް މިއަދު ބާއްވަން ނިންމާފައިވަނިކޮށެވެ. ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން ދަރުސް ދިނުމަށް އިލްޔާސް ހުޅުދެއްޔަށް ވަޑައިގެންފައެއް ނުވެއެވެ.

"އެހިނަވާގެއަކީ ދެ ލައްކަރުފިޔާގެ އިންވެސްޓް މެންޓެއް، ކައުންސިލާ ހެޔޮއެދޭ ފަރާތްތަކުގެ އެހީގައި އިމާރާތްކޮށްފައިވާ އަދި މިހާރު ހުޅުވަން ހަމަޖެހިފައިވާ ހިނަވާގެއެއް، ދެން އިލްޔާސް މިރަށަށް އެ ވަޑައިގަންނަވަނީ އެހިނަވާގެ ހުޅުވަން ކަމަށްބުނެ މިރަށުގައި ވަނީ އަޑު ފެތުރިފައި. ވެދާނެ މިއީ އިލްޔާސް މިރަށަށް ވަޑައިގަތުމާ ދެކޮޅު ހަދާބައެއްގެ ކަމަކަށްވެސް،" ޑީއާރްޕީގެ ފަސް ކައުންސިލަރުން ތިބޭ ކައުންސިލް މެންބަރު އަދުނާން ވިދާޅުވި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ހުޅުދެލީގެ ހިންވާގެއަކަށް ކަޅުތެޔޮޖެހި މައްސަލައެއް ހުށައަޅާފައިވާ ކަމަށާއި އެ މައްސަލަ ބަލަމުންގެންދާ ކަމަށެވެ.