އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އިންޑިއާގެ ޖީއެމްއާރަށް އޭރުގެ ސަރުކާރުން ދިނީ ބަޖެޓަށް ކުއްލި އަކަށް ބޭނުންވާ ފައިސާ ހޯދަން ޖެހިގެން އެ ފައިސާ ހޯދުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ލަންކާގައި ދިވެހިންނާ ބައްދަލުކުރައްވައި ރައީސް ޑރ. ވަހީދު މިއަދު ވިދާޅުވީ ދައުލަތުގެ ދަރަނި ވަރަށް ބޮޑަށް ބޮޑުވެފައިވާ ކަމަށާއި ދައުލަތުގެ ހަރަދުތައް ވަރަށް ބޮޑަށް ހުރީ މައްޗަށް ގޮސްފައި ކަމަށާއި ލިބޭ އާމްދަނީއަށް ވުރެ ދައުލަތުގެ ހަރަދުތައް ބޮޑުވެފައިވާ ކަމަށެވެ. އެތައް އަހަރެއްވަންދެން އެގޮތަށް ދައުލަތް ހިންގަން ޖެހުމުން ދައުލަތުގެ ބޮޑެތި ހަރުމުދާތަކެއް ވިއްކާލާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"މިގޮތަށް އެތައް އަހަރެއް ވަންދެން ހަރަދުކުރަން ޖެހުމުން މިހުރީ ދައުލަތުގެ ބޮޑަތި އެސެޓްތައް ވިއްކާލާފައި. އެގޮތުން، އަޅުގަނޑަށް ފެނުނު ތާންގައި ދައުލަތުގެ، ފެންކުންފުނި، އެމްޑަބްލިޔުއެސްސީ އަދި ދިރާގުގެ ވެސް ހިއްސާވިއްކާލީ ބަޖެޓަށް މިގޮތަށް ބޭނުންވި ފައިސާ ހޯދަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުގެ އަމާޒަކީ ދައުލަތުގެ އެއްވެސް ހަރުމުދަލެއް ނުވިއްކާ އިގްތިސޯދީ އެކި ފިޔަވަޅުތަކުގެ ތެރެއިން ދައުލަތުގެ އާމްދަނީއާ ހަރަދު ފޫބެއްދުން ކަމަށެވެ. އެގޮތުން ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ބައެއް ފިޔަވަޅު އަޅާފައިވާކަމަށް ރައީސް ވިދާޅުވި އެވެ.

"އެގޮތުން އަޅުގަނޑުމެން ހަރަދުކުޑަކުރުމަށް ވިސްނައި އެބަޖެހޭ ގޮތްތަކެއް ކަނޑައަޅަން. އެއީ ރާއްޖެއަކީ މާގިނަ އާމްދަނީ ލިބޭނެ ގޮތްތަކެއް ވެސް އޮތް ގައުމެއް ނޫން. އަޅުގަނޑުމެންނަށް މިހެން އަބަދު ބަޖެޓް ހަމައެއް ނުޖެއްސޭނެ،" ރައީސް ވިދާޅުވި އެވެ.

ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ދައުލަތުގެ މުވައްޒަފުންގެ މުސާރަތައް ހަމައަކަށް އަޅުވަން ޖެހޭ ކަމަށާއި މިނިވަން މުއައްސަސާތަކުން މުސާރަތައް އެ މުއައްސަސާތަކުން އަމިއްލައަށް ކަނޑައަޅަން ޖެހޭ ގޮތަށް އޮންނަ އޮތުން ބަދަލުކުރަން ޖެހޭ ކަމަށެވެ. އަދި މުސާރަތައް މިހާރުކަނޑައަޅަނީ އެއްވެސް ކޯޑިނޭޝަނެއް ނެތި އެ މުއައްސަސާތަކުން އަމިއްލައަށް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ރާއްޖެއަކީ ވަރަށް ބޮޑެތި ސަބްސިޓީތަކެއް ދޭ ގައުމެއް ކަމަށާއި އެ ސަބްސިޑީތައް ދެވޭވަރަށް ދައުލަތައް ފައިސާ ނުލިބޭ ކަމަށެވެ.

"ވޭޖްބިލް ]މުސާރައިގެ ބިލް[ މިހާރު ވަރަށް ބޮޑު، ގިނަ މުއައްސަސާތަކެއް އުފެދުނު އިރު އެއްވެސް ކޯޑިނޭޝަނެއްނެތި އެ މުއައްސަސާއަކުން ބޭނުން އަދަދެއް ޖަހައިގެން މުސާރަ ނަގަނީ. އެކަމަކު އެ މުސާރަ ވެސް ދޭން މިޖެހެނީ ސަރުކާރަށް،" ރައީސް ވިދާޅުވި އެވެ.

ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ސަރުކާރުން މިހާރުވަނީ ކޮންމެ އޮފީހެއްގެ ބަޖެޓުން 15 ޕަސެންޓް އުނިކޮށް އަދި ސަބްސިޑީއަށް ވެސް ބަދަލުގެނެސް އިމްޕޯޓް ޑިއުޓީ އަދި ޓީ-ޖީއެސްޓީ ބޮޑުކުުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ރެކޮމެންޑޭޝަންތަކެއްފޮނުވައިފަ އެވެ.

މި އަހަރަށް ކަނޑައެޅި 14 ބިލިއަން ރުފިޔާގެ ބަޖެޓް 18 ބިލިއަން ރުފިޔާ އަށް އަރާ ބަޖެޓް ޑެފިސިޓް 3.4 ބިލިއަން ރުފިޔާ އަށް އުފުލޭނެ ކަމަށް އަންދާޒާ ކުރެވުމާއި އެކު އެވެ.

މިއަހަރުގެ ހަމަސް ފާއިތުވީއިރު ދައުލަތުގެ ހަރަދު ވަނީ 7.1 ބިލިއަން ރުފިޔާ އަށް އަރައިފަ އެވެ.