25 Aug 2012, 14:42
ރާއްޖެއާ ގުޅިގެން ސްރީލަންކާގެ ޓޫރިޒަމް ފުޅާކުރަން އެ ގައުމުން ހުށަހަޅާފައިވާ ކަންތައްކާ މެދު އިތުރަށް ވިސްނަން ޖެހޭ ކަމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު މިއަދު ވިދާޅުވެއްޖެ އެވެ.
ލަންކާގައި ހުންނަވައި ސަން އޮންލައިން އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު އަދީބު މިއަދު ވިދާޅުވީ ދެ ގައުމު ގުޅިގެން ޓޫރިޒަމް ޕްރޮމޯޓްކުރުމަށް ލަންކާ އިން ހުށަހަޅާފައިވާ ހުށަހެޅުމާ މެދު މަޝްވަރާތައް ކުރިއަށްދާ ކަމަށާއި އެކަން ފައިނަލް ކުރެވޭނީ އިތުރަށް ބެލުމަށް ފަހު ކަމަށެވެ.
"ލަންކާ އިން ރާއްޖެއާ ގުޅިގެން ޓޫރިޒަމް ޕްރޮމޯޓްކުރުމަށް ބޭނުންވޭ. އެކަމާ އަަޅުގަނޑުމެން ވާނީ މަޝްވަރާކޮށްފައި. ނަމަވެސް އޭގެ ކުރިން އަޅުގަނޑުމެން އެކަން ބަލައި އޭގެ ޓާމްސްތައް ދިރާސާކޮށްފައި އެކަމަށް އެއްބަސްވާން ޖެހޭނީ،" އަދީބު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ލަންކާއަކީ ވެސް ކުރިއަރަމުން އަންނަ މާކެޓަކަށް ވުމުން ރާއްޖެ ވެސް އެހެން ގައުމަކާ ގުޅިގެން ޓޫރިޒަމް ޕްރޮމޯޓް ކުރުމަކީ އުސޫލެއްގެ ގޮތުން މައްސަލައެއް ނޫން ކަމަށާއި އޭގެ ސަބަބުން ރާއްޖެއަށް ފައިދާތަކެއްކުރާނެ ކަމަށެވެ.
"އެގޮތަށް ގުޅިގެން ޓޫރިޒަމް ޕްރޮމޯޓް ކުރުމަކީ ބައެއް ގައުމުތައް އެބަހުރި. އެކަމުން ފައިދާ ވެސް ކޮށްފައި އެބަހުރި، ލަންކާ ރާއްޖެއާ މިހާ ކައިރީ މާކެޓެއް، ފުޅާވާ އިރު ރާއްޖެ ވެސް ރަހުމަތްތެރިޔަކަށް ބޭނުންވާނެ،" އަދީބު ވިދާޅުވި އެވެ.
އެނގައިފައިވާ ގޮތުގައި ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ލަންކާ ދަތުރުފުޅުގައި ސޮއިކުރުމަށް އެއްބަސްވެފައިވާ ވިޔަފާރީގެ އެއްބަސްވުމުގައި މިފަހަރު ސޮއި ނުކުރީ ގުޅިގެން ޓޫރިޒަމް ޕްރޮމޯޓްކުރުމުގެ މާއްދާ އެ އެގްރިމަންޓަށް އިތުރުކުރަން ޖެހޭތީ އެކަމާ މެދު އިތުރަށް މަޝްވަރާ ކުރުމަށެވެ.
ލަންކާގެ ނޫސްތަކުން ދާދިފަހުން ބުނެފައި ވަނީ ރާއްޖެ އަށް އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން އަންނަ އިނގިރޭސި ވިލާތުން ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު މަދުވެ ލަންކާ އަށް ޒިޔާރަތް ކުރާ ޓޫރިސްޓުން އިތުރުވެފައިވާ ކަމަށެވެ.
ރާއްޖެއާ ލަންކާޔާ ދެެމެދު ދެކެވުނު ރަސްމީ ވާހަކަތަކުގައި ވެސް ގުޅިގެން ޓޫރިޒަމް ޕްރޮމޯޓުކުރުމުގެ ވާހަކަވަނީ ދެކެވިފަ އެވެ. ރައީސް ވަހީދު މިއަދު ވިދާޅުވީ ވަރަށް އަވަހަށް ތިން އެގްރިމަންޓެއްގައި ސްރީލަންކާއާ އެކު ސޮއި ކުރުމަށް ނިންމާފައިވާ ކަމަށެވެ.