ކޮލަންބޯ (އޮގަސްޓް 24) : ސްރީލަންކާގެ ބައިނަލްއަޤްވާމީ ކަނޑުގެ ބަނދަރު އިތުރަށް ބޮޑުކޮށް ފުޅާކުރުމަށާއި ރޭލްވޭ އިތުރަށް ތަރައްޤީކޮށް ފުޅާކުރުމަށް ޓަކައި 1.12 ބިލިޔަން އެމެރިކާ ޑޮލަރުގެ ލޯނެއް ޗައިނާއިން ނެގުމަށް ހަމަޖެހިފައިވާކަން ސްރީލަންކާ ސަރުކާރުން ހާމަކޮށްފިއެވެ.

ސްރީލަންކާގެ ކެބިނެޓުން އިއްޔެ ނިންމާފައިވަނީ އެޤައުމުގެ ދެކުނުގެ ހަމްބަންޓޯޓާ ގައިވާ ކަނޑުގެ ބަނދަރު ބޮޑުކުރުމުގެ ދެވަނަ ފިޔަވަހި ކުރިޔަށް ގެންދިޔުމަށާއި ރޭލްވޭ، ދެކުނުގެ މަޓާރާ އާ ހަމައަށް ފުޅާކުރުމަށް ޓަކައި 1.12 ބިލިޔަން އެމެރިކާ ޑޮލަރުގެ ލޯނެއް ޗައިނާއިން ނެގުމަށެވެ. މި 1.12 ބިލިޔަން އެމެރިކާ ޑޮލަރުގެ ލޯންގެ ތެރެއިން 237.35 މިލިޔަން ޑޮލަރު ނެގުމަށް ހަމަޖެހިފައިވަނީ ޗައިނާ ސަރުކާރުން ދޭ ޚާއްސަ ލޯނެއްގެ ގޮތުގައެވެ. އަނެއް 878.2 މިލިޔަން ޑޮލަރު ނެގުމަށް ހަމަޖެހިފައިވަނީ ކުޑަ އިންޓްރަސްޓަކާއެކު ޗައިނާގެ އެގްޒިމް ބޭންކުންނެވެ. މިދެލޯންވެސް ޗައިނާއިން ލިބޭގޮތް މިހާރު ހަމަޖެހިފައިވާ ކަމަށް ސްރީލަންކާގެ ސަރުކާރާ ޙަވާލާދީ ރޮއިޓާސް ޚަބަރު ދެއެވެ.

ސްރީލަންކާގެ އަހްލީ ހަނގުރާމައަށްފަހު ޤައުމު އަލުން ބިނާކޮށް އާރާސްތުކުރުމަށް ސްރީލަންކާ ސަރުކާރުން ފަށާފައިވާ އިންފްރާސްޓްރަކްޗަރ ތަރައްޤީ ކުރުމުގެ ފްރޮގްރާމްގެ ދަށުން އެޤައުމުން ގެންދަނީ ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ. މީގެތެރޭގައި މަގުތަކާއި ރޭލްވޭ ތަރައްޤީ ކުރުމާއި ކަނޑުގެ ބަނދަރު ބޮޑުކޮށް ތަރައްޤީ ކުުރުމާއި ޑޮމެސްޓިކް ކަނޑުގެ އިތުރު ޕޯޓްތަކާއި އެއަރޕޯޓްތައް ބިނާކުރުމާއި ހަނގުރާމައިގާ ހަލާކުވެފައިވާ ސަރަޙައްދުތަކުގެ މުޅި އިންފްރާސްޓްރަކްޗަރ ބިނާކުރުމުގެ އިތުރުން ޓޫރިޒަމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުން ހިމެނެއެވެ.

ސްރީލަންކާ ސަރުކާރުން ފަށާފައިވާ އިންފްރާސްޓްރަކްޗަރ ތަރައްޤީ ކުރުމުގެ ފްރޮގްރާމަށް ފައިސާގެ އެންމެ ބޮޑު އެހީއެއް ދެމުން ގެންދަނީ ޗައިނާއިންނެވެ. 2009 އާއި 2010 އާ ދެމެދު ޗައިނާއިން ސްރީލަންކާއަށް 2.21 ބިލިޔަން އެމެރިކާ ޑޮލަރުގެ ލޯންތައް ދީފައިވެއެވެ. މިއީ ސްރީލަންކާއިން ނަގާފައިވާ ބޭރުގެ ލޯންތަކުގެ 54 ޕަސެންޓް ކަމަށް ރިޕޯޓްތައް ބުނެއެވެ. -- ރޮއިޓާސް