31 Aug 2010, 09:36
14:37
ވީޓީވީ ހިންގާ އިމާރާތުގެ ބިއްލޫރިގަނޑެއް އިއްޔެ ތަޅާލި މައްސަލަ ކުށްވެރިކޮށް، އެތަނަށް ގެއްލުން ދިން ބަޔަކު ހޯދުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން ނުވަތަ އެމްޖޭއޭން ގޮވާލައިފި އެވެ.
އެމްޖޭއޭން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ވީ.ޓީ.ވީ އަށް ގެއްލުން ދިނުމުގެ ފަހަތުގައި ވަނީ ކޮން ބައެއްކަން، އަދި ކޮން ކަމެއްކަން ނޭނގުނަސް، ޓީވީ ޗެނަލަކުން ނުވަތަ ރޭޑިއޯ އާއި އެނޫންވެސް ޒަރީއާއަކުން ފަރުތާ ޚަބަރުތަކަކީ އެފަރާތެއްގެ އެޑިޓޯރިއަލް ޕޮލިސީގެ ތެރޭގައި ފަތުރާ ޚަބަރާއި ހާމަކުރާ މަންޒަރުތައް ކަމަށެވެ. އެހެންކަމުން، ޚަބަރުފަތުރާ އިދާރާއަކުން ފަތުރާ ޚަބަރަކަށް ނުވަތަ ދައްކާ މަންޒަރަކާ ހިތްހަމަނުޖެހިގެން އެޚަބަރެއް ނުވަތަ މަންޒަރެއް ފޮނުވާ އިދާރާއަކަށާއި، ނޫސްވެރިންނަށް އަމާޒުކޮށް ހަމަލާ ދިނުމަކީ ޤާނޫނު އަސާސީން ލިބިދީފައިވާ ޚިޔާލުފާޅުކުމުގެ މިނިވަންކަމަށް ހުރަސް އެޅުމަށް ނުވަތަ ބިރުދެއްކުމަށް ކުރާ ކަމެއްކަމުގައި އެމްޖޭއޭން ބުނެ އެވެ.
ޓީވީ ޗެނަލްތަކާއި، ރޭޑިއޯ ސްޓޭޝަންތަކުން ފަތުރާ ޚަބަރުތަކާ ގުޅިގެން ސިޔާސީ އެކި ފަރާތްތަކުން މީޑިޔާތަކަށާއި ނޫސްވެރިންނަށް ބިރުދެއްކުމުގެ ތަފާތު ވާހަކަތައް އެކިއެކި ފޯރަމްތަކުގައި ދައްކަވަމުން ގެންދާ ގެންދިއުމަކީ މިފަދަ ނާތަހުޒީބު ކަންކަން ހިނގުމަށް މަގުފަހިވާ ކަންކަން ކަމުގައި ތަކުރާރުކޮށް އެ ޖަމްއިއްޔާއިން ހަނދާންކޮށްދޭ ކަމަށް ވެސް ބަޔާނުގައިވެ އެވެ. އަދި އެފަދަ ކަންކަން އެއްވެސް ފަރާތަކުން ނުކުރެއްވުމަށް ވެސް އެ ޖަމިއްޔާއިން އިލްތިމާސް ކޮށްފައިވެ އެވެ. އަދި ޤާނޫނީ ގޮތުންނާއި ޤަވާއިދުތަކުގެ ތެރެއިން ޒިންމާދާރު ނޫސްވެރިކަމަކަށް މަގުފަހިކޮށްދެއްވުމަށް ސިޔާސީ ފަރާތްތަކަށް ގޮވާލައި، އެކަމަށް ހުރަސްއެޅޭ ޒާތުގެ ކަމެއް އެއްވެސް ފަރުދަކު ނުވަތަ ބަޔަކު ވިޔަސް ނުކުރުމަށް ވެސް އެ ޖަމިއްޔާއިން ގޮވާލާފައިވެ އެވެ.