25 Aug 2012, 14:08
ސިޔާސީ ޕާޓީތައް އުފެދުމަކީ މުޅި ގައުމުގައި ފުން ޒަހަމްތަކެއް އުފެދި އާއިލާގެ ތެރޭގައި ހަމަނުޖެހުންތައް އުފެދިގެންދާންޖެހޭނެ ސަބަބެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
ސްރީލަންކާ ދަތުރުފުޅުގައި ރައީސް ހުންނަވާ ހޮޓަލުގައި މިއަދު ހެނދުނު ސްރީލަންކާގައި ދިރިއުޅޭ ދިވެހިނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ ސިޔާސީ ޕާޓީތައް އޮތުމަކީ ގައުމު ގަބީލާތަކަކަށް ބެހިގެންދާންވީ ކަމެއް ނޫން ކަމަށެވެ. އަދި ކޮންމެ ޢާއިލާއެއްގައި ވެސް ފިކުރީ ގޮތުން ހިޔާލު ތަފާތު އެކަކު ނަމަވެސް ހުންނަ ކަމަށެވެ. އޭގެ ސަބަބުން އެއްބަނޑުއެއްބަފާކަން މިއަދު ގެއްލިފައިވާ ކަމަށާއި، އެއީ ވަރަށް އަސަރުގަދަ ވާހަކައެއް ކަމަށް ރައީސް ވިދާޅުވިއެވެ.
"ޤައުމު އިޞްލާޙު ކުރަން ކަންތައްތައް ރަނގަޅަށް ގެންދަން އެންމެންވެސް ބޭނުންވޭ، އެހެން ނަމަވެސް، އަޅުގަނޑުމެން އެދޭހާ އަވަސް މިނެއްގައި ކަންކަން ހަމަޖެހިގެން ނުދާނެ، އެހެންކަމުން އަޅުގަނޑުމެން އެންމެންވެސް ކެތްތެރިކަމާއި ރަޙްމަތްތެރިކަން އިސްކުރަން އެބަޖެހޭ، އަޅުގަނޑުމެންގެ ތެރޭގައި އޮތް ލޯތްބާއި، އެކަކު އަނެކަކަށް އަޅާލުން އިތުރުކޮށް، ޢާއިލާތަކަކީ އުފާވެރި ހަމަޖެހޭ ޢާއިލާތަކަކަށް ހެދުމަށް މަސައްކަތް ކުރަން އެބަޖެހޭ އަދި ހަމައެހެންމެ، މިވަގުތަކީ ފިކުރީ ވިސްނުންތައް، އަމިއްލަ ކަމެއްގެ ގޮތުގައި ބާއްވާފައި، އެކަކު އަނެކަކާ ދޭތެރޭގައި އޮންނަ ލޯތްބާއި އުޚުއްވަތްތެރިކަން ބަދަހިކުރަންޖެހޭ ވަގުތު ކަމަށް ދެކެން" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ ދަތުރުފުޅުގެ ސަބަބުން ސްރީލަންކާގެ ރައީސާއި، ސަރުކާރާއި ރައްޔިތުންގެ ހިތްތަކުގައި ދިވެހި ރައްޔިތުންނަށް އޮތް ލޯތްބާއި، ދިވެހިންނަށްޓަކައި ބާއްވާ ޚާއްޞަ ގަދަރާއި އިހްތިރާމް ފެނިވަޑައިގަތް ކަމަށާއި ދަތުރުފުޅުގެ މުހިންމު ބޭނުންފުޅަކީ ރާއްޖެއާއި ސްރީލަންކާއާ ދެ ގައުމު ދެމެދުގައިވާ ގުޅުން، މިހާރަށްވުރެ ވަރުގަދަ ކުރެއްވުން ކަމަށެވެ.