ސްރީލަންކާގައި ހުންނަ ރާއްޖޭގެ ކުރީގެ އެމްބަސީ، ސޯސަންވިލާ ދިވެހިންގެ ރެކްރިއޭޝަން ސެންޓަރެއްގެ ގޮތުގައި ތަރައްގީ ކުރަން ކެބިނެޓަށް ކަރުދާހެއް ހުށަހަޅައިފި އެވެ.

ރައީސް ނާސިރުގެ ދުވަސްވަރުން ފެށިގެން 2008 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ އެމްބަސީގެ ގޮތުގައި ސޯސަންވިލާ ވަނީ ބޭނުންކޮށްފަ އެވެ. އަދި އެތަނަކީ މީގެ ކުރިން ސްރީލަންކާ އަށް ކިޔަވަން އައި ދިވެހި ގިނަ ކުދިންތަކެއް ތިބި ތަނެކެވެ.

ލަންކާގައި ހުންނަވައި ދިވެހި ހައިކޮމިޝަނަރު، ހުސެން ޝިހާބު މިއަދު ސަން އޮންލައިން އަށް ވިދާޅުވީ ސޯސަންވިލާ ތަރައްގީ ކުރުމަށް ނިންމާފައި ވަނީ ލަންކާގައި އުޅޭ ދިވެހިންނަށް ކުޅިވަރު ކުޅެވޭނެ އިންތިޒާމުތަކާއި އަދި ދިވެހިންނަށް އިސްލާމާއި ދިވެހި ކިޔަވައިދޭ ކުލާސްތަކެއް ހިންގޭ ގޮތަށް ކަމަށެވެ.

"އަޅުގަނޑުމެން އުންމީދު މިކުރަނީ ކެބިނެޓާއި ފިނޭންސުން ކަރުދާހަށް އެޕްރޫވަލް ލިބުނީމަ އެތަން އެގޮތަށް ޑިވަލޮޕްކުރަން. މީގެ ކުރިން ވެސް އެތަނުގައި އެބަހުރި ދިވެހި އިސްލާމް ކިޔަވައިދޭ ކްލާސްތައް ހިންގާފައި،" ޝިހާބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖެ އިން ބޭރުގައި ދިވެހިން އުޅޭ އިރު ދިވެހިވަންތަކަމާއި އިސްލާމްދީނުގެ އާދަތައް ދެމެހެއްޓުމަށް ޓަކައި އެފަދަ ކްލާސްތަކެއްގެ މުހިންމުކަން ބޮޑުކަމަށެވެ. އެކަމުގެ ސަބަބުން ފައިދާ ކުރާނީ ދިވެހިންނަށް ކަމަށް ވެސް ވިދާޅުވި އެވެ.

"މީގެ ފައިދާ އޮތީ ހަމަ ދިވެހިންނަށް، މިކޮޅުގައި ވަޑައިގެން ކުދިންނަށް ކިޔަވައިދެއްވަން ތިއްބެވި ބޭފުޅުންނަށް ވެސް މިކަމުން ވަރަށް ބޮޑު ފައިދާއެއް ކުރާނެ. އެހެންވެ އަޅުގަނޑުމެން އެގޮތަށް މިތަން ޑިވަލޮޕްކުރަން މި ނިންމީ ވެސް،" ޝިހާބު ވިދާޅުވި އެވެ.