25 Aug 2012, 13:18
އެކި މައްސަލަތަކުގައި ސްރީލަންކާގައި ބަންދުކުރާ ދިވެހިންނަށް ސްރީލަންކާ ސަރުކާރު މެދުވެރިވެގެން ގާނޫނީ ލަފާ ހޯދައި ދިނުމުގެ އެގްރިމަންޓެއްގައި ސްރީލަންކާ ސަރުކާރާއެކު ދިވެހި ސަރުކާރުން ސޮއި ކުރުމުގެ މަސައްކަތް ކުރާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ހުންނަވައި ރަސްމީ، ހޮޓެލް ހިލްޓަންގައި، ލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު މިއަދު ވިދާޅުވީ ލަންކާއަށް މިހާރު ކުރައްވަމުން ގެންދަވައި ދަތުރުފުޅުގައި ތިން އެގްރިމެންޓެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އެ އެގްރިމަންޓްތަކަކީ ވިޔަފާރީގެ ގުޅުން ބަދަހިކުރުމުގެ އެގްރިމަންޓަކާއި ދިވެހިންނަށް ލަންކާގެ ޔުނިވާސިޓީތަކުން ފުރުސަތު ފަހި ކޮށް ދިނުމަށް ދެ ގައުމުގެ ދޭތެރޭގައި އެއްބަސްވާ އެގްރިމަންޓަކާއި އަދި އެކިކުއްކުށުގައި ލަންކާގައި ބަންދުކުރެވޭ ދިވެހިންނަށް ގާނޫނީ ލަފާ ފޯރުކޮށްދިނުމުގެ އެގްރިމަންޓެއް ކަމަށެވެ.
~
"މި ފަހަރު އެ އެގްރިމަންޓްތަކުގެ ތެރެއިން ވިޔަފާރީގެ އެގްރިމަންޓުގައި ސޮއި ނުކުރެވުނީ އޭގައި ހިމަނަންޖެހޭ ކަންތައްތައް ފުޅާކުރަން ދެ ފަރާތުގެ މަޝްވަރާތައް ކުރާތީ، އެކަން ނިމި އިރާދަ ކުރެއްވިއްޔާ ވަރަށް އަވަހަށް މި ތިން އެގްރިމަންޓުގައި ވެސް ސޮއިކުރެވޭނެ، މި އެގްރިމަންޓްތަކުގެ ސަބަބުން މިކޮޅުގައި ދިވެހިންނަށް އޭގެ ފަސޭހަތައް ވާނެ،" ރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހާ ބެހޭގޮތުން ވެސް ރައީސް ވަނީ ދިވެހިންނާ ބައެއް ވާހަކަތައް ހިއްސާ ކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ހުއްޓިފައި އޮތް އޮތުން ވަރަށް ބޮޑަށް ކުށްވެރިކުރައްވާ ވާހަކަ ދައްކަވައިފަ އެވެ. ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ނިންމަން ޖެހޭ ބިލުތަކެއް ހުރިއިރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަސައްކަތެއް ނުކުރެއްވި ނަމަވެސް ބަރާބަރަށް ޗުއްޓީ ނަންގަވަންޖެހޭ ކަމަށެވެ.
"މިއީ ހިތާމަހުރި ކަމެއް، ޗުއްޓީއަށް އެބޭފުޅުން ބުރުލެއް އަރުވައެއް ނުލައްވާ. ނަމަވެސް ތިބޭފުޅުންގެ އަތުން ޓެކްސް ނަންގަވައިގެން ބޮޑެތި މުސާރަތައް އެބޭފުޅުން ނަންގަވާ،" ރައީސް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކުރަން ހުރި ބިލުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ މަލްޓި ޕާޓީ ޑިމޮކްރަސީއެއް އޮންނައިރު ކޯލިޝަން ސަރުކާރެއް އެކުލަވާލާނެ ގޮތް ގާނޫނަކުން ކަނޑައަޅަން ޖެހޭ ކަމަށެވެ. އަދި އެކަމަށް ގާާނޫނެއްގެ ތެރެއިން ބާރުލިބި ގޮތްތަކެއް ކަނޑައަޅަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ސިޔާސީ ޕާޓީގެ ގާނޫނު ހަރުދަނާކޮށް ޒިންމާދާރުކަމެއް ނެތް ސިޔާސީ ހަރަކާތްތައް ހުއްޓުވަން ޖެހޭކަން ފާހަގަކުރެއްވި އެވެ.
"ގާނޫނީ އޮނިގަނޑު ވަރުގަދަ ކުރުން މިއީ މަޖިލީހުން ކުރަން ޖެހޭ ކަމެއް، އަންނަ އިންތިހާބަށް ވާއިރަށް މަޖިލީހަށް އޮތީ ގާތްގަނޑަކަށް ފަސް މަސްުދުވަސް މިކަންކަން ނިންމަން، އެހެން ނޫނީ ދެންވެސް ސަރުކާރު ހިންގުމަށް ދަތިތަކާ ކުރިމަތިވާނެ،" ރައީސް ވިދާޅުވި އެވެ. "މި ރާއްޖޭގައި އޮންނަ ގާނޫނު އަސާސީއަކީ ދުނިޔޭގައި ނެތް ފެންވަރުގެ ގާނޫނު އަސާސީއެއް، ވަކި ހައްގުތަކެއް ކަށަވަރު ކޮށްދީ އޭގެ ދަށުން ހާއްސަ ގާނޫނުތަކެއް ހަދަން ޖެހޭ، ނަމަވެސް އެކަން މި އޮތީ ނުކުރެވި،"
އިގްތިސޯދީ ހާލަތާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އިގްތިސޯދީ ދުވެލި ކުރިއަރާފައި ވީނަމަވެސް ދައުލަތުގެ ދަރަނީ ވަރަށް ބޮޑުވެފައިވާ ކަމަށާއި އެކަންތައްތައް ހައްލުކުރެއްވުމަށް ފިޔަވަޅުއަޅުއްވަމުން ގެންދަވައި ކަމަށެވެ. އަދި ވިދާޅުވީ ލަންކާގެ ވިޔަފާރިންވެރިން ރާއްޖޭގައި އިންވެސްޓް ކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.
"އަޅުގަނޑާ ސީދާ ހަތަރުވަރަކަށް ވިޔަފާރި ވެރިއަކު ޕާޒަނަލީ ބައްދަލުކުރައްވާ ވިދާޅުވި ރާއްޖެއަށް އިންވެސްޓް ކުރަން ބޭނުންވާ ވާހަކަ އަޅުގަނޑާއި މަޝްވަރާކުރެއްވި،" ރައީސް ވިދާޅުވި އެވެ.
ލަންގާގައި ތިބި ދިވެހި ބައެއް އާއިލާތަކުގެ ޝަކުވާތައް އަޑުއައްސަވައި ރައީސް ވަނީ އެކަންތައްތަކައްވެސް ޖަވާބުދާރީ ވެވަޑައިގެންފަ އެވެ. އާސަންދަ ލަންކާގައި އުޅޭ ދިވެހިންނަށް ނުލިބޭ މައްސަލައިގައި ރައީސް ވިދާޅުވީ އެންމެ ލަސްވެގެންވެސް އަންނަ އަހަރުގެ ތެރޭގައި ލަންކާގައި ދިރިއުޅޭ ދިވެހިންނަށް އާސަންދައިމް ބޭސްފަރުވާ ކުރެވޭނެ ގޮތް ހަމަޖައްސަވައި ދެއްވާނެ ކަމަށެވެ.