25 Aug 2012, 10:43
އޮސްލޯ (އޮގަސްޓް 26): މިދޔަ އަހަރު ނޯވޭގައި 77 މީހުން މަރާލި ބިރުވެރި ޤަތްލުއާންމު ހިންގި ޤާތިލް އެންޑްރޭސް ބްރެވިކް 21 އަހަރަށް ޖަލަށް ލުމަށް އެޤައުމުގެ ކޯޓަކުން އިއްޔެ ޙުކުމްކޮށްފި އެވެ.
ބްރެވިކްގެ މައްޗަށް ހުކުމް އިއްވަމުން ނޯވޭގެ އަންހެން ފަނޑިޔާރު ވިިންސީ އެލިޒަބަތް ވިދާޅުވީ މިއީ ކޯޓުގެ ހުރިހާ ފަޑިޔާރުން އެއްބަސްވާ ޙުކުމެއް ކަމަށާއި ބްރެވިކްގެ މައްޗަށް މި ހުކުމްކުރީ އޭނާއަކީ ބުއްދި ސަލާމަތުން ހުރި މީހެއްކަން ސާބިތުވުމުން ކަމުގަ އެވެ. ނޯވޭގެ ޕްރޮސެކިއުޓާ ޖެނެރަލް ވަނީ ބްރެވިކަކީ ނަފްސާނީ މައްސަލަތަކެއް ހުންނަ ބަލި މީހެއް ކަމަށް ސިފަކޮށް ނަފްސާނީ ފަރުވާދޭތަނެއްގައި ދިގުމުއްދަތެއްގައި އޭނާ ބެހެއްޓުމަށް ކޯޓުގައި އެދިފަ އެވެ. ނަމަވެސް ބްރެވިކަކީ ނަފްސާނީ އަދި ޖިސްމާނީ ބަލިމީހެއް ނޫންކަށް އޭނާއާ މެދު ކުރި ހުރިހާ ޓެސްޓްތަކަކުން ވަނީ ސާބިތުވެފަ އެވެ.
ގަސްދުގައި މީހުން މެރިކަން ސާބިތުވާ ޙާލަތުގައި ވެސް ނޯވޭގައި ދެވޭ އެންމެ ބޮޑު ޢުޤޫބާތަކީ 21 އަހަރަށް ޖަލަށް ލުމެވެ. ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކަމުން ބްރެވިކް ބުނެފައި ވަނީ އޭނާއަކީ ނަފްސާނީ ބަލިމީހެއް ނޫން ކަމަށާއި 77 މީހުން މަރާލި ޤަތްލު އާންމު އޭނާ ހިންގީ ހަމަބުއްދީގައި ގަސްދުގައި އަދި މީހުން މެރުމުގެ ނިޔަތުގައި ކަމުގައެވެ.
ޔޫރަޕްގައި އުފެދެމުންދާ ކަނާތުފިޔައިގެ ހައްދުފަހަނަޅާފައިވާ ނަސާރާއިންގެ ހަރުކަށި ޖަމާއަތްތަކަށް ނިސްބަތްވާ ބްރެވިކް 77 މީހުން މެރުމުގެ ޤަތްލު އާންމު ހިންގާފައި ވަނީ އެޤައުމަށް މުސްލިމުން ހިޖްރަކުރާތީ އެކަމާދެކޮޅު ހެދުުމުގެ ގޮތުން ކަމަށާއި "މުސްލިމުންގެ ނުރައްކާތެރިކަން" ހާމަކުރުމަށް ހިންގި މިޤަތްލުއާންމާ މެދު ފަޚްރުވެރިވެ އުފާކުރާކަމަށް އޭނާ ކޯޓުގައި ބުނެފައިވެ އެވެ.
ޔޫރަޕްގައި އެންމެ އަމާން އަދި އެހެން ޤައުމުތަކުން ހިޖްރަކުރާ މީހުންނަށް އެންމެ ބޮޑަށް މަރްޙަބާކިޔާ ތެލުގެ ގޮތުން މުއްސަނދި ނޯވޭ ވަނީ 2011 ވަނަ އަހަރުގެ ޖުލައި މަހުގެ 22 ވަނަ ދުވަހު ބްރެވިކް ހިންގި މިޤަތްލު އާންމާގުޅިގެން ސިހިފަ އެވެ. މިއީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހު އެޤައުމުގައި ހިންގި އެންމެ ބޮޑު ޖަރީމާ އެވެ. ބްރެވިކް މިޤަތްލުޢާންމު ހިންގުމުގެކުރިން އޮސްލޯގައި ހުންނަ ނޯވޭ ސަރުކާރުގެ ހެޑްކްއާޓާ ގޮއްވާލުމަށް ކުރިމަސައްކަތުގައި އެ ޢިމާރާތުގެ ބައެއް ހަލާކުވެ 8 މީހުން މަރުވި އެވެ. އެއަށް ފަހު ބަޑިން އޭނާ ޙަމަލާދިނީ ވެރިކަންކުރާ ޕާޓީގެ ފަރާތުން ބޭއްވި ޒުވާނުންގެ ހޫނު ހޫނުސުމުގެ ކޭމްޕެއްގައި ޙަރަކާތްތެރިވަމުން ދިޔަ ޒުވާނުންނަށެވެ. މިޙަމަލާގައި ބްރެވިކް 69 މީހަކު މަރާލި އެވެ.
ބްރެވިކް މިހާރު ވެސް ފަޚްރުވެރިކަމާ އެކު ބުނަނީ އޭނާ ހިންގީ ބިރުވެރި އަދި އިންސާނިއްޔަތުކަމެއް ނެތް ޤަތްލު ޢާންމެއް ކަމަށާއި ނަމަވެސް ނޯވޭ "މުސްލިމުންގެ ކިބައިން ޙިމާޔަތް" ކުރުމަށް ޓަކައި އަދި މުސްލިމުންގެ ނޯވޭއަށް ހިޖްރަކުރުމުގެ ނުރައްކާތެރިކަން އަންގައިދިނުމަށް ޓަކައި މިއީ ކޮންމެހެން ހިންގަންޖެހޭ ޤަތްލުއާންމެއް ކަމުގަ އެވެ.
ބްރެވިކް ވެސް އެޖަމާއަތްތަކަކަށް ނިސްބަތްވާ ޔޫރަޕްގެ ކަނާތުފިޔައިގެ ހައްދުފަހަނަޅާފައިވާ ނަސާރާއިންގެ ހަރުކަށި ޖަމާއަތްތަކުގެ މައިގަނޑު އަމާޒަކީ މުސްލިމުންނެވެ. ޔޫރަޕްގެ ބިމުގެ އިންޗިއަކުންވެސް މުސްލިމުންނަށާއި އިސްލާމް ދީނަށް ޖާގަ ނުދިނުމެވެ. މިފަދަ ހަރުކަށި ޖަމާއަތްތައް ޔޫރަޕްގައި މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. (ރޮއިޓާސް)