ނިޔުޔޯކް (އޮގަސްޓް 24): ނިޔުޔޯކްގެ މަޝްހޫރު އެންޕެއަ ސްޓޭޓް ޢިމާރާތުގެ ކައިރީގައި މީހަކުދިން ބަޑީގެ ޙަމަލާތަކެއްގައި ދެ މީހަކު މަރުވެ 10 މީހަކު ޒަޚަމްވެއްޖެވެ.

ނިޔުޔޯކްގެ ގަޑިން އިއްޔެ ހެނދުނު (ރާއްޖޭގެ ގަޑިން ރޭ އިރާކޮޅު)ގެ ވަގުތެއްގައި ހިނގި މިހާދިސާގައި، މީހަކު ޢާންމުގެ ގަޔަށް ބަޑިޖަހަމުން ގެންދިޔައީ ގޮތެއްފޮތެއް ނުބަލަ އެވެ. އެންޕެއަރ ސްޓޭޓް ޢިމާރާތުގެ ކައިރީގައިވާ 34 ނަންބަރު މަގުގައި ހިނގި ބަޑިޖެހުމުގެ މިޢަމަލުގެ ފަހަތުގައި ވަނީ ދެ މީހެއްގެ ދެމެދުގައި ހިނގި ދެބަސްވުމެއް ކަމަށާއި މިއީ ޓެރަރިސްޓް ޙަމަލާއެއް ނޫންކަމަށް ނިޔުޔޯކްގެ ފުލުހުންބުނެ އެވެ. އަދި މިޙާދިސާގައި މަރުވި ދެ މީހުންގެތެރެއިން އެކަކީ ބަޑިން ޙަމަލާދިން ޤާތިލް ކަމަށްވެސް ފުލުހުން ބުނެ އެވެ.

މިހާދިސާއާގުޅިގެން ފުލުހުން ވަނީ އެންޕެއާ ސްޓޭޓް ޢިމާރާތުގެ ކައިރީގައިވާ 34 ނަންބަރު މަޤާއި 33 ނަންބަރު މަގު ވެސް ބަންދުކޮށްފަ އެވެ. އެންޕެއާ ސްޓޭޓް ޢިމާރާތަކީ ދުނިޔޭގައިވާ އިސްޢިމާރާތްތަކުގެ ތެރޭގައި ހިމެނޭ ޢިމާރާތެކެވެ. މިޢިމާރާތް ބެލުމަށް އަހަރަކު ހަތަރު މިލިޔަނެއްހާ ޓޫރިސްޓުން ނިޔުޔޯކަށް ޒިޔާރަތްކުރާކަމަށްވެ އެވެ. (ރޮއިޓާސް)