30 Nov 2025, 08:57

ބޮލީވުޑްގެ އެކްޓަރު ސިދާންތު ޗަތުރަވެދީ ސޮއިކޮށްފައިވާ އެކްޓަރުގެ ކެރިއަރުގެ ފުރަތަމަ ބައޮގްރަފިކަލް ފިލްމުގެ ބަތަލާއަކަށް ތަމަންނާ ބާޓިއާ ގެންނަން ނިންމައިފިއެވެ.
މި ފިލްމަކީ ހިންދީ ސިނަމާގެ އިތުރުން މަރާޓީ ސިނަމާއަށް ގިނަ ދުވަހު ޚިދުމަތްކޮށްދީފައިވާ ވަރުގަދަ ޝަހްސިއްޔަތު ވީ ޝަންތަރަމްގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާއެކެވެ. "ޗިތުރަޕަތީ ޝަންތްރަމް"ގެ ނަމުން ގެނެސްދޭނެ ކަމަށް ރިޕޯޓުތަކުން ބުނެފައިވާ މި ފިލްމުގެ ޑައިރެކްޓަރަކީ އަނީޝެކް ދޭޝްޕާންޑޭއެވެ.
އަނީޝެކްގެ މަގުބޫލު ފިލްމުތަކުގެތެރޭ 2018 ވަނަ އަހަރު ގެނެސްދިން "ބްރީތު" އާއި 2016 ވަނަ އަހަރު ގެނެސްދިން "ވަޒީރު"ގެ އިތުރުން މަރާޓީ ސިނަމާގެ ކުރީގެ މަޝްހޫރު ތަރިއެއް ކަމަށްވާ ޑރ. ކަޝީނާތު ގަނޭކަރްގެ ބައޮގްރަފިކަލް ޑްރާމާ "އަނީ…ޑރ. ކަޝީނާތު ގަނޭކަރް" ހިމެނެއެވެ.
މި ފިލްމަށް ބަތަލާ ތަމަންނާ ގެންނަން ނިންމާފައިވާ ބޮލީވުޑްގެ ރިޕޯޓުތަކުން ބުނެފައިވީ ނަމަވެސް އެކަމާބެހޭ އެއްވެސް މައުލޫމާތެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ސިދާންތު އަދި އެކްޓަރުގެ އާ ފިލްމު ބިނާކޮށްފައިވާ އިންޑިއާ ޝަހްސިއްޔަތު ވީ ޝަންތަރަމް--ފޮޓޯ/ބޮލީވުޑްހަންގާމާ
ސައުތު ސިނަމާގެ ފިލްމުތަކުން ބޮޑު މަޝްހޫރުކަމެއް ހޯދި ބަތަލާ ތަމަންނާ އަކީ މިފަހުން ބޮލީވުޑްގެ ވަރަށް ގިނަ ފިލްމުތަކުންނާއި ސީރީސްތަކުން ފުރުސަތު ލިބެމުން އަންނަ ތަރިއެކެވެ. ތަމަންނާ ވެފައިވަނީ ސައުތު ސިނަމާއިން ބޮލީވުޑަށް ތައާރަފްވި ބަތަލާއިންގެތެރޭ ހިމެނޭ އެންމެ ޑިމާންޑިންގް ބަތަލާގެ ގޮތުގައެވެ.
ފިލްމު "ބާހޫބަލީ"އިން ބޮޑު މަޝްހޫރުކަމެއް ހޯދި ބަތަލާގެ ބޮލީވުޑް ފިލްމުތަކުގެތެރޭ "ހިއްމަތުވާލާ"، "ލަސްޓް ސްޓޯރީސް"، "އިސްތިރީ 2"، "ވެދާ"، "ސިކަންދަރު ކާ މުގައްދަރު" ހިމެނެއެވެ.
ބަތަލާގެ މަގުބޫލު ވެބް ސީރީސްތަކުގެތެރޭ މިފަހުން އެމެޒޯން ޕްރައިމްއިން ގެނެސްދިން "ޑު ޔޫ ވޮނަ ޕާޓްނަ" ހިމެނެއެވެ. ތަމަންނާގެ އަތުގައި މިހާރުވެސް ރަސްމީކޮށް އިއުލާނު ނުކުރާ ފަސް ބޮލީވުޑް ފިލްމެއް އެބައޮތެވެ. އޭގެތެރޭގައި "ރާގިނީ އެމްއެސްއެސް"، "އޯ ރޯމިއޯ" އަދި ވީވާން" ހިމެނެއެވެ.