ކަޕިލް 11 އަހަރަށްފަހު ކަލަސްގެ ޝޯއަކަށް
ކަޕިލް 11 އަހަރަށްފަހު ކަލަސްގެ ޝޯއަކަށް

އިންޑިއާގެ މަޝްހޫރު ޓެލެވިޒަން ޗެނަލްއާ އެކު މީގެ 11 އަހަރު ކުރިން މަސައްކަތްކޮށްފައިވާ އިންޑިއާގެ ކޮމީޑިއަން/އެކްޓަރު ކަޕިލް ޝަރުމާ އެ ޗެނަލްގެ ޝޯ އަކުން އަލުން ފެންނާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ކަޕިލްގެ ކެރިއަރުގެ ފެށިތަނާ ކަލަސްއާ އެކު ދިގު މުއްދަތެއް ވަންދެން މަސައްކަތްކުރީ އެ ޗެނަލުން އޭރު ގެނެސްދިން ކޮމެޑީ ޝޯ "ކޮމެޑީ ނައިޓްސް ވިތު ކަޕިލް"ގައެވެ.

އެ ޝޯއިން ބޮޑު މަޝްހޫރުކަމެއް ހޯދުމަށްފަހު ކަޕިލް އެ ޗެނަލުން ނުފެންނާތީ މާޔޫސްވި ގިނަ ބަޔަކު ވެސް ތިއްބެވެ. ނަމަވެސް ކުޅަދާނަ ކޮމީޑިއަން އެނބުރި އަނެއްކާވެސް ކަލަސްއާ ގުޅުނުއިރު މިފަހަރު ގެނެސްދެނީ ކޮމެޑީ ޝޯއެއް ނޫނެވެ.

ކަޕިލް ބައިވެރިވާން ނިންމާފައި ވަނީ ކަލަސްއިން ގެނެސްދެމުން އަންނަ މަގުބޫލު ރިއަލިޓީ ޝޯ "ލާފްޓަ ޝެފްސް"ގައެވެ. މިއީ ކަލަސް ޗެނަލްގެ ހިންގުންތެރިންނާ ކަޕިލްއާ ދެމެދު މީގެ 11 އަހަރު ކުރިން އުފެދުނު ޚިޔާލު ތަފާތުވުންތަކަށް ނިމުމެއް ގެނެސް މުޅިން އާ ފެށުމަކުން ކަލަސްއާ އެކު މަސައްކަތް ކުރަން ނިންމި ނިންމުމުގެ ފެށުން ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ކަލަސްގެ ރިއަލިޓީ ޝޯ "ލާފްޓަ ޗެލެންގް"ގެ ދެވަނަ ސީޒަންގެ ބައިވެރިން--ފޮޓޯ/އިންޑިއާޓީވީ

ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ "ލާފްޓާ ޝެފްސް"ގައި ކަޕިލް ކުޅޭނީ ކޮން ރޯލެއްކަން ހާމަކޮށްފައި ނެތް ނަމަވެސް އެކްޓަރުގެ ސަކަ މަޖާ މިޒާޖާ އެކު ޝޯގެ ބައިވެރިންގެ މަސައްކަތްތަކުގައި ބައިވެރިވާނެ ކަމަށް ފިލްމީ ރިޕޯޓުތައް ބުނެއެވެ.

މިހާތަނަށް މި ޝޯގެ ދެ ސީޒަނެއް ގެނެސްދީފައިވާއިރު ތިން ވަނަ ސީޒަން ފަށާފައި ވަނީ މި މަހުގެ 22ގައެވެ. ތިން ވަނަ ސީޒަންގެ ވެސް ހޯސްޓަކީ ކުރީގެ ދެ ސީޒަން ހޯސްޓުކުރި ކޮމީޑިއަން އަދި ބަތަލާ ބާރްތީ ސިންގްއެވެ.

ބާރްތީ އަކީ ކަޕިލް ގެނެސްދެމުން އައި "ކޮމެޑީ ނައިޓްސް ވިތު ކަޕިލް"ގެ ކާސްޓުންގެތެރޭ ހިމެނި ކަޕިލްއާ އެކު ޓެލެވިޒަން ކެރިއަރު ފެށި މީހެކެވެ.

ކޮމީޑިއަންއެއްގެ އިތުރުން އެކްޓަރެއްގެ ގޮތުގައި ފިލްމީ ކެރިއަރު ވެސް ފަށާފައިވާ ކަޕިލް ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މި ފެށޭ ޑިސެމްބަރު މަހުގެ 12ގައި ރިލީޒްކުރާ "ކިސް ކިސްކޯ ޕިޔާރު ކަރޫ 2"އިންނެވެ.