25 Aug 2012, 10:35
އައިލެންޑް އޭވިއޭޝަންގެ މޯލްޑިވިއަންގެ ދަތުރުތައް އާ މަންޒިލްތަކަށް ފަށަން އެކުންފުނިން އަލަށް ގެންނަ އެއާބަސް އޭ320 ގެ ޓައިޕްރޭޓިން ހެދުމަށް އައިލެންޑް އޭވިއޭޝަންގެ ދެ ޕައިލެޓަކުް މިއަދު ފުރާންސްއަށް ފުރައިފި އެވެ.
އައިލެންޑް އޭވިއޭޝަނަށް އަލަށް ގެންނަ ޖެޓް އިންޖީނުގެ ޓައިޕްރޭޓިން ކުރާނެ ޕައިލެޓުން ތަމްރީން ކުރަން ހިންގާ ޓެރުއިނިން ޕްރޮގުރާމުގެ ދަށުން ތަމްރީން ހޯދަަން އެއާ ބަސްގެ މައިމަރުކަޒު ހުންނަ ފުރާންސްގެ ޓުލޫސް އަށް މިއަދު ފުރީ މޯލްޑިވިއަންގެ ދެ ކެޕްޓަނުންކަމަށްވާ މުހައްމަދު މަންސޫރު އާއި ހުސެއިން ހައިދަރެވެ. މިއީ އައިލެންޑް އޭވިއޭޝަންގެ ޕައިލެޓުން ޖެޓް އިންޖީނު ޓައިޕުރޭޓިން ހަދާފުރަތަމަ ފަހަރެވެ.
ސަންއޮންލައިނަށް ދިން އިންޓަވިއުއެއްގައި ކެޕްޓަން މުހައްމަދު މަންސޫރު ވިދާޅުވީ މޯލްޑިވިއަންއިން އަލަށް އެއާބަސް އޭ320 ޓައިޕްރޭޓީން ހަދަން ދިއުމުގެ ފުރުސަތު ލިބުމުން އެކަމާ ފަހުރުވެރިވާ ކަމަށާއި އެއީ އެ ކުންފުއްޏަށް ލިބޭވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
"އައިލެންޑް އޭވިއޭޝަންގެ ހިސްޓްރީގައި މީ ވަރަށް އުފާވެރި ދުވަހެއް ހުރިހާ ސްޓާފުނަށް ވެސް، އަދި ހަމައެއާއެކީގައި އަޅުގަނޑުމެންގެ ސްޓާފުނަށް ލިބޭނެ ވަރަށްބޮޑެތި ބެނެފިޓްތަކެއް ހުންނާނެ (އެއާބަސް އޭ 320 ދަތުރުތަށް ފެށުމުން)، އޭގެތެރޭގައި އެހެން ޑެސްޓިނޭޝަންތަކަށް ދަތުރުކުރުމާއިއެ އާލައިންތަކާއެކު ގުޅުންބަދަހިވުމުގެ ފުރުސަތު ލިބިގެންދާނެ" މަންސޫރު ވިދާޅުވި އެވެ.
މަންސޫރު ވިދާޅުވީ އެ ތަމްރީން ޕްރޮގްރާމަކީ އެއް މަސް ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ކަމަށާއި އެއާބަސް އޭ 320 އަށް ޓައިޕްރޭޓް ކުރުމުގެ ގޮތުން 10 ޕައިލެޓުނާއި އިންޖިނިއަރުންގެ އިތުރުން ކެބިން ކުރޫއިން ވެސް ތަމްރީން ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އެތަމްރީނު ޕްރޮގުރާމްގެ ދަށުން ތަމްރީނު ކުރުމަށް ހަމަޖެހިފައިވާ ޕައިލެޓުން ފަހަރަކު ދެމީހުން ފުރާންސަގައި ތަމްރީން ހާސިލްކުރުމަށް ފޮނުވާނެ ކަމަށާއި އިންޖީނިއަރުނާއި ކެބިންކުރޫއިން ވެސް ތަމްރީން ކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މޯލްޑިވިއަންގެ ޕައިލެޓުންގެ ތެރެއިން ތަމްރީން ހާސިލްކުރުމަށް މިއަދު ފުރި ހުސެއިން ހައިދަރު ވިދާޅުވީ އަލަށް ގެނައުމަށް ހަމަޖެހިފައިވާ ބޯޓްގެ ދަތުރުތަށް އާ މަންޒިލްތަކަށް ފެށުމުން ޓޫރިސްޓުން ރާއްޖެއަށް އައުމުގައި ފަސޭހަވެގެން ގޮސް ޓޫރިޒަމަށް ރަނގަޅު ފުރުސަތެއް ލިބިގެންދާނެ ކަމަށެވެ.
އައިލެންޑް އޭވިއޭޝަނުން އަލަށް ގެނައުމަށް ހަމަޖެހިފައިވާ އެއާބަސް އޭ 320 ގެނައުމަށް ހަމަޖެހިފައިވަނީ މިއަންނަ އޮކްޓުބަރުމަހުގެ ތެރޭގައެވެ. އެ ފުލައިޓަކީ 152 ސީޓުގެ ބޯޓެކެވެ. އޭގެތެރޭގައި ހިމެނެނީ 14 ބިޒުނަސް ސީޓާއި 138 އިކޮނޮމީސީޓެވެ. އަދި އެބޯޓް ގެނައުމައެކު މޯލްޑިވިއަންގެ އާމަންޒިލްތަކަށް ދަތުރުފެށުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިއަހަރު ނޮވެމްބަރު މަހުގެތެރޭގައި އިންޑީއާގެ މުންބާއީ އާއި ޗެންނާއީ އާއި ބަގުލަދޭޝްގެ ވެރިރަށް ޑާކާއަށް ދަތުރުފެށުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިއަންނަ އަހަރުގެ ތެރޭގައި އިންޑީއާގެ ވެރިރަށް ދިއްލީގެ އަށް ދަތުރުތަށް ފެށުމަށް ވަނީ ހަމަޖެހިފައެވެ.