ރަންދީޕް ބައްޕައަކަށްވާން އުޅޭކަން އިއުލާނުކޮށްފި
ރަންދީޕް ބައްޕައަކަށްވާން އުޅޭކަން އިއުލާނުކޮށްފި

ބޮލީވުޑްގެ ގިނަ ފިލްމުތަކުން ފެނިފައިވާ ކުޅަދާނަ އެކްޓަރު ރަންދީޕް ހޫޑާ ބައްޕައަކަށްވާން އުޅޭކަން އިއުލާނުކޮށްފިއެވެ.

އަންހެނުން ލިން ލައިޝްރާމް އަލަތު ދަރިފުޅަށް ބަލިވެއިންކަން ސޯޝަލް މީޑިއާގައި ހިއްސާ ކުރިއިރު އިއްޔެ އަކީ ދެ ތަރިންގެ ކައިވެންޏަށް ދެ އަހަރު ފުރުނު ދުވަހެވެ.

ދެތަރިން އެކީގައި ޖަންގައްޔެއްގެތެރޭ ވަގުތު ހޭދަކުރާ މަންޒަރު ދައްކުވައިދޭ ފޮޓޯއެއް ހިއްސާ ކުރަމުން ރަންދީޕް ބުނެފައި ވަނީ ދެ މީހުންގެ އެޑްވެންޗާ ދިރިއުޅުމަށް އިތުރު އުފާވެރިކަމެއް އަންނަން އުޅޭ ކަމަށެވެ.

ރަންދީޕްގެ ދެމަފިރިންނަށް ކުއްޖަކު ލިބެން އުޅޭކަން އިއުލާނު ކުރުމާ އެކު ސޯޝަލް މީޑިއާގައި ސަޕޯޓަރުން ވަނީ އުފާފާޅުކޮށްފައެވެ. ހަމައެއާއެކު ފިލްމު އިންޑަސްޓްރީގެ ވެސް ގިނަ ބަޔަކު ވަނީ ރަންދީޕް އާއި އަންހެނުން ލިންއަށް މަރުހަބާގެ މެސެޖުތައް ރައްދުކޮށްފައެވެ.

ރަންދީޕްގެ ދެމަފިރިން--ފޮޓޯ/ފޭސްބުކް

އިންޑިއާގެ މަޝްހޫރު މޮޑެލްއެއްގެ އިތުރުން ބައެއް ފިލްމުތަކުން ވެސް ފެނިފައިވާ ލިން އާއި ރަންދީޕް އެންމެ ފުރަތަމަ ބައްދަލުވީ ކުރީގެ އެކްޓަރު ނަސީރުއްދީން ޝާހްގެ ތިއޭޓަ ގްރޫޕްގައި މަސައްކަތް ކުރުމުގެތެރޭގައެވެ.

ދެ ތަރިންގެ މެދުގައި އުފެދުނު ލޯބީގެ ގުޅުމަށްފަހު ކޮވިޑްގެ ލޮކްޑައުންގައި ދެ މީހުންވެސް ދިރިއުޅެމުންދިޔައީ އެކީ އެއް ގެއެއްގައި ކަމަށާއި ކައިވެންޏާ މެދު ވިސްނީ އެ ދުވަސްވަރު ދެ މީހުންގެ ގުޅުން އިތުރަށް ވަރުގަދަވުމުގެ ސަބަބުން ކަމަށް ރަންދީޕް ވަނީ ބުނެފައެވެ.

ރަންދީޕް ލިންއާ ކައިވެނިކުރީ އެކްޓަރުގެ އާއިލާއިން އޭނާ ޒަވާޖީ ހަޔާތެއް ނުފަށާނެ ކަމަށް ނިންމައިގެން ތިއްބާ ކަމަށް ވެސް އެކްޓަރު ވަނީ ބުނެފައެވެ.

ކައިވެންޏަށްފަހު ދިރިއުޅުމަށް ވަރަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަމަށާއި މިހާރު ވިޔަފާރިވެރިއެއް ކަމަށްވާ ލިންއާ އެކު ޒަވާޖީ ހަޔާތެއް ފަށަން ނިންމި ނިންމުމަކީ މިހާތަނަށް ދިރިއުޅުމުގައި ނިންމި އެންމެ ރަނގަޅު ނިންމުން ކަމަށް ރަންދީޕް ވަނީ ބުނެފައެވެ.

އިންޑިއާގެ އިތުރުން އިންޓަނޭޝަނަލް ފިލްމުތަކުން ވެސް ފުރުސަތު ލިބޭ ރަންދީޕް އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މި އަހަރުގެ އޭޕްރީލް މަހު ރިލީޒްކުރި ފިލްމު "ޖާޓް"ގެ ވިލެންގެ ރޯލްއިންނެވެ.