29 Nov 2025, 23:13
ތޫފާން 'ދީތްވާ' ގެ ސަބަބުން ސްރީ ލަންކާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ރާއްޖޭގެ ގިނަ މީޑިއާތަކުން ބައިވެރިވާ ޚާއްސަ ޓެލެތޯނެއް މާދަމާ ބާއްވަން ނިންމައިފިއެވެ.
މި ޓެލެތޯން އޮންނާނީ މާދަމާ ހެނދުނު 09:00އިން ފެށިގެން މެންދަމު 01:00 އަށެވެ.
ޕަބްލިކް ސާވިސަސް މީޑިއާ (ޕީއެސްއެމް) އިން އިންތިޒާމްކޮށްގެން ބާއްވާ މި ޓެލެތޯނުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވެސް އޮތީ ހުޅުވާލައިފައެވެ. އެގޮތުން ޖަމިއްޔާ ޖަމާއަތްތަކަށާއި، ސަރުކާރު އޮފީސްތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކަށް ވެސް އެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.
މި ޓެލެތޯންގައި ގިނަ އަދަދެއްގެ އޮންލައިން މީޑިއާތަކާއި، ޓީވީ ޗެނަލްތަކުން ބައިވެރިވާނެއެވެ.
މާލެއާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ފަންޑު ފޮށި ބަހައްޓަން ހަމަޖެހިފައިވާއިރު، އޮންލައިން ޓްރާންސްފާ ކޮށްގެން ވެސް އެހީ ފޯރުކޮށްދެވޭނެއެވެ.
ތޫފާން 'ދީތްވާ' ގެ އަސަރު ލަންކާއަށް ވަރަށް ބޮޑަށް ކުރަމުން އަންނައިރު، ތޫފާންގެ ސަބަބުން ހިނގި އެތައް ހާދިސާއެއްގައި މަރުވި މީހުންގެ އަދަދު މިހާރުން ވަނީ 150 އަށް ވުރެ މައްޗަށް އަރައިފައެވެ. އަދި ބޯކޮށް ވާރޭވެހި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ހިނގި ހާދިސާތަކުގައި 176 މީހުން ވީނުވީއެއް ނޭގި ގެއްލިފައިވާ ކަމަށް ލަންކާ ޑިޒާސްޓާ މެނޭޖްމަންޓް (ޑީއެމްސީ)އިން ބުނެއެވެ.
ފެންބޮޑުވުމުގެ ސަބަބުން 3،000 ގެއަށް ގެއްލުން ލިބިފައިވާއިރު، 18،000 އަށް ވުރެ ގިނަ މީހުން ވަނީ ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައެވެ.
ޑީއެމްސީން ބުނީ ކުރިއަށް ދުވަސްތަކުގައި ވެސް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ބޭ އޮފް ބެންގާލްގެ ހުޅަނގުން ލަންކާ ކައިރިން އުފެދިފައިވާ އެ ތޫފާން މިހާރު އަންނަނީ އިންޑިއާގެ އުތުރު ތަމިލް ނާޑޫ، ޕުޑުޗެރީ އަދި އަންދްރާ ޕްރަދޭޝްގެ ދެކުނު އައްސޭރިފަށާ ކައިރިވަމުންނެވެ. މާދާމާ ހެނދުނުގެ ވަގުތެއްގައި އެ ސަރަހައްދުތަކަށް ތޫފާން އަރާނެ ކަމަށްވެސް މޫސުމާބެހޭ އިދާރާތަކުން ލަފާކޮށްފައިވެއެވެ.