25 Aug 2012, 10:21
މިހާރުގެ ސަރުކާރާ ދެކޮޅަށް އަވަސް އިންތިހާބަކަށްގޮވާލައި އިއްޔެ ހަވީރު އައްޑޫގައި ބޭއްވި ޕިކަޕުބުރުގައި ބައިވެރި މީހެއް ޕިކަޕަކުން ވެއްޓި ބޯފަޅައިގެން ހިނގައްޖެ އެވެ.
އެމްޑީޕީގެ ހަރަކާތްތައް އައްޑޫގައި ވެސް މެދުކަނޑަލާފައި އޮތުމަށް ފަހު އިއްޔެފެށި ޕިކަޕް ބުރު އިންތިޒާމް ކުރުމުގައި ހަރަކާތްތެރިވި މީހަކު މިއަދު ބުނީ އަވަސް އިންތިހާބަކަށް ގޮވާލާ ޝުއޫރު ފާޅުކުރަމުންދަނިކޮށް ޕިކަޕުން ވެއްޓި ތާރުގަނޑުގައި ޖެހުމުގެ ސަބަބުން ބޯފަޅައިގެން ދިޔައީ ސ. ހިތަދޫ އުމުރުން 60 އަހަރަށް ވުރެމަތީގެ ފިރިހެނެއް ކަމަށެވެ.
ނަމަވެސް އޭނާއާ ބެހޭއިތުރު މައުލޫމާތެއް ނުލިބެ އެވެ.
އަދި ބުނީ އޭނާ ޕިކަޕުން ވެއްޓުނީ ޕިކަޕުތައް ފޭދޫ އާއި ގަމާގުޅޭ ހިސާބުގައި މަޑުކޮށް ޝުއޫރުފާޅުކުރުމަށް ފަހު ނައްޓާލިވަގުތު ކަމަށެވެ.
އޭނާ އަށް އިއްޔެ ވަނީ ސ. ފޭދޫ ސިއްޚީ މަރުކަޒުނާއި ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ފަރުވާދިނުމަށް ފަހު ދޫކޮށްލާފަ އެވެ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ފޯނު ނުނަގާތީ އޭނާ އަށް ލިބިފައި ވަނީ ކިހާވަރެއްގެ ގެއްލުންތަކެއް ކަމަށް ވަނީ ސާފްނުވެފަ އެވެ.