25 Aug 2012, 10:10
ކޮންމެ ފުލުހަކަށް ވެސް ޑިގްރީއާ ހަމައަށް ކިޔެވުމުގެ ފުރުސަތު ދިނުމުގެ ގޮތުން ފުލުހުންގެ މުއައްސަސާގައި ޑިގްރީއަށް ކިޔެވޭނެ ކެރިއާ ޕާތެއް ވަރަށް އަވަހަށް ގާއިމު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒް ރޭ ވިދާޅުވެއްޖެ އެވެ.
21 ވަނަ ޕޮލިސް ރެކުރޫޓް ޓެރޭނިން ކޯސް ނިންމި ބައިވެރިނަށް ސެޓްފިކެޓް ހަވާލު ކުރުމަށް ރޭ އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނާ ރިޔާޒް ވިދާޅުވީ ޑިގްރީ އަށް ކިޔެވޭނެ ކެރިއާ ޕާތެއް ފުލުހުންގެ މުއައްސާގައި ގާއިމު ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އެ ފުރުސަތު ބޭނުންކޮށްގެން އެކި ދާއިރާތަކުން މަތީ ތައުލީމް ހާސިލް ކުރުމުގެ ފުރުސަތު ތަނަވަސްކޮށްދޭނެ ކަމަށެވެ. އަދި ވިދާޅުވީ އެ ފުރުސަތުގެ ބޭނުން ހުރިހާ ފުލުހުން ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
"އަދި ރޭވެމުންދާ ގޮތުން ކުރިއަށް އޮތްތާގައި ތިޔައީން ފުލުހަކަށް ޑިގްރީއާ ހަމައަށް ތައުލީމް އުނގެނެވޭނެ ފަދަ ޕާތެއް މި ސާވީސްގައި ގާއިމު ކުރެވިގެންދާނެ،" ކޮމިޝަނާ ވިދާޅުވި އެވެ.
ނަމަވެސް އަލަށް ގާއިމުކުރާ ކެރިއާ ޕާތާ ބެހޭ އިތުރު ތަފްސީލެއް ކޮމިޝަނާ ދެއްވާފަ އެއްނުވެ އެވެ.
ރޭގެ ރަސްމިޔާތުގައި ފުލުހުންނާ މުހާތަބު ކުރައްވައި ކޮމިޝަނާ ދެއްކެވި ވާހަކަފުޅުގައި މިހާރު ވެސް ފުލުހުންނަށް އެކި ދާއިރާތަކުން އެކި ކޯސްތައް ހިންގަމުން އަންނަ ކަން ފާހަގަކުރައްވައި މަތީ ހަރުފަތްތަކަށް ދިއުމަށް ވާދަވެރިކަމާ އެކު މަސައްކަތް ކުރަން ޖެހޭކަމުގަ ވިދާޅުވި އެވެ.
މީގެ އިތުރުން ފުލުހުންގެ ވާޖިބު އަދާކުރުމުގައި ސާބިތުވެ ތިއްބެވުމަށް ފުލުހުނަށް އިލްތިމާސް ކުރައްވަމުން ކޮމިޝާނާ ވިދާޅުވީ ކޮންމެ މީހަކާ ވެސް ފުލުހުން މުއާމަލާތްކުރާ އިރު އެމީހެއްގެ ތިމާގެ މީހުންނާ މުއާމަލާތްކުރާ ފަދައިން މުއާމަލާތް ކުރެވެން ޖެހޭނެ ކަމުގަ އެވެ.
"ދިމާވާ ކޮންމެ މީހަކީ ވެސް މުޖުތަމައުގެ މެންބަރެއްކަން ހަނދާން ކުރަންޖެހޭނެ. ކޮންމެ މީހަކީ ވެސް ކޮންމެވެސް މީހެއްގެ މަންމައެއް ނުވަތަ ބައްޕަ އެއް. ނުވަތަ ދަރިއެއް ނުވަތަ ކޮއްކޮއެއް ބޭބެ އެއް. އެއިން ކޮންމެ ފަރާތަކާ ވެސް ތިމާގެ އާއިލާއާ މެންބަރުނާ މެދު މުއާމަލާތް ކުރާ ފަދައިން މުއާމަލާތް ކުރެވެން ޖެހޭނެ. އެގޮތުން ހުރިހާ ފަރާތްތަކާ ވެސް ހަމަހަމަ ކަމާއި އޯގާތެރިކަމާއި އިންސާފްވެރިކަމާ އެކު މުއާމަލާތް ކުރުމަށް ހުރިހާ ފުލުހުނަށް އަޅުގަނޑު އިލްތިމާސް ކުރަން،" ކޮމިޝަނާ ރިޔާޒް ވިދާޅުވި އެވެ.
ފުލުހުންގެ މުއައްސަސާގައި ގާއިމު ކުރުމަށް ހަމަޖައްސާފައިވާ ކެރިއާ ޕާތާ ބެހޭ ގޮތުން ފުލުހުންގެ މީޑިޔާ އޮފިޝަލް އިންސްޕެކެޓާ އޮފް ޕޮލިސް ހަސަން ހަނީފް ސަން މައުލޫމާތު ދެއްވަމުން މިރޭ ވިދާޅުވީ ފުލުހުންގެ މުއައްސާގައި ގާއިމު ކުރުމަށް ހަމަޖައްސާފައިވާ ކެރިއާ ޕާތު ގާއިމު ކުރުމަށް ހަމަޖައްސާފައި ވަނީ ވަކި މުއްސާސާއެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްގެން ކަމަށެވެ. އަދި އެ ނިޒާމްގެ ތެރެއިން އާންމުނަށް ވެސް ޑިގްރީއަށް ކިޔެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް ހަނީފް ވިދާޅުވި އެވެ.
އަދި ވިދާޅުވީ އެކަން ރަސްމީކޮށް ލޯންޗްކުރުމަށް ވަރަށް އަވަހަށް ރަސްމިޔާތެއް ބާއްވުމަށް ހަމަޖެހިފައވާ ކަމުގަ އެވެ.