14:35


ސައުދީ ސަރުކާރުން ހަދިޔާކުރި 150 ޓަނުގެ ކަދުރު ބެހުމުގެ މަސައްކަތް އަންނަ ހަފްތާތެރޭ ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.


އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލު އަލީ ޒާހިރު މިއަދު ވިދާޅުވީ، ސައުދީ ސަރުކާރުން ކޮންމެ ރޯދަ މަހަކު ރާއްޖެއަށް ދެމުން އަންނަ ކަދުރުގެ ޝިޕްމަންޓް އައީ މިދިޔަ ބުރާސްފަތު ދުވަހު ކަމަށެވެ. އާއްމުކޮށް ރޯދަ މަހުގެ ފުރަތަމަ ދިހަ ދުވަހުގެ ތެރޭގައި ބަހަން ފަށާ މި ކަދުރުގެ ޝިޕްމަންޓް މިފަހަރު ލަސްވީ، އެކޮޅުން ބޯޓު ފުރިލެއް ވެސް ލަސްވެގެން ކަމަށް އަލީ ޒާހިރު ވިދާޅުވި އެވެ.


ނަމަވެސް، މިހާރު އެ ޝިޕްމަންޓް ކްލިއަރކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށާއި އެއަށްފަހު އެސްޓީއޯގެ ގުދަންތަކުގައި އެ ރައްކާކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކަދުރު ބެހުމުގެ މަސައްކަތް ކުރިއަށްގެންދާނީ ހޯމް މިނިސްޓްރީ އާއި ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރާ ގުޅިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


އަލީ ޒާހިރު އިތުރަށް ވިދާޅުވީ، ރެޑް ކްރެސެންޓުން ރާއްޖެއަށް ދީފައިވާ 10 ޓަނުގެ ކަދުރު ބެހުމުގެ މަސައްކަތް ވެސް މުނިސިޕަލިޓީ އާއި އަވަށު އޮފީސްތަކުން މިހާރު ކުރަމުން އެބަދާ ކަމަށެވެ.