މި މަހުގެ 30 ވަނަ ދުވަހަކީ ދިވެހިން ސިޔާސީ އިތުރު ސޮފްހާއެއް އެއްލާނޭ ދުވަހެކެވެ. ދިވެހިންނަށް އަނެއްކާ ވެސް ބޮޑުދުވަހެކެވެ. ފެބުރުއަރީ 7ގައި ރައީސް މުހަންމަދު ނަޝީދުގެ ވެރިކަން ފުރޮޅި ބާރުތައް އޭރުގެ ނައިބު ރައީސް އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދުގެ އަތް މައްޗަށް ދިޔުމުގައި ރައީސް ނަޝީދު އުފައްދަވާ ޝައްކުތަކަށް ޖަވާބު ލިބޭނެ އެވެ. ރައީސް އުފައްދަވާފައިވާ ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ (ކޯނީ) އަކީ އެންމެންގެ ވެސް އިތުބާރު އޮތް ކޮމިޝަނެކެވެ. ރައީސް ނަޝީދު ވެސް ހިތްޕުޅާވާ ކޮމިޝަނެކެވެ. ބޮޑު ރިޕޯޓުގެ ވަގުތު ކުޑަތަން ވަމުން އަންނަ އިރު އުފެދޭ އުދާސްތައް ގިނަ އެވެ. ފެންނަ މަންޒަރުތަކުން ރިޕޯޓަށް ފަހު ބަދަލުވާނެ ހާލަތް މިހާރު ވެސް ތަސައްވަރު ކުރެވިދާނެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު، ލަންކާއަށް މިހާރު ކުރައްވާ ދަތުރުފުޅުގައި އެންމެ ބޮޑަށް ބާރުއަޅުއްވަނީ ކޯނީގެ ރިޕޯޓުގެ ތާރީހަށް ފަހު ރާއްޖެއާ މެދު އިތުބާރު އުފެއްދުމަށެވެ. ގައުމުގެ ހަމަޖެހުމާއި ސުލްހަ މަސަލަސްކަމަށް އަޅުއްވަން ޖެހޭ ފިޔަވަޅު އެޅުއްވުމުގަ އެވެ. ރައީސް އެކަމަށް ދެއްވާ އަހަންމިއްޔަތުން ވެސް ދެން މަންޒަރު ބަދަލުވެދާނެ ގޮތް ވިސްނަން އެހާ އުނދަގުލެއް ނުވާނެ އެވެ. ރައީސް ވިދާޅުވަމުން ގެންދަވަނީ މަޝްވަރާ ކުރުމަކީ ކޯނީގެ ރިޕޯޓަށް ފަހު އޮތް ހައްލުކަމަށެވެ. ސުލްހައިގެ މަގަށް އޮތް ރާސްތާ ކިތަންމެހާ ވެސް ހަންޏެވެ.

ޑީއާރުޕީގެ ލީޑަރު ތަސްމީން އަލީ މީގެ މަހެއްހާ ދުވަސްކުރިން ވިދާޅުވެފައިވެ އެވެ؛ "ކޯނީގެ އެ ރިޕޯޓުން ވެރިކަން ބަދަލުވީ ބަގާވާތަކުންތޯ ނުވަތަ ނޫންތޯ ހިމަނާފައިނުވެދާ ނެތީ ކަންބޮޑުވާ ކަމަށާއި އަދި ސާފުކޮށް ވަކިގޮތެއް ކަނޑައެޅުނަސް މިހާރު އިވޭ އަޑުތަކުން އެ ރިޕޯޓްގެ ނަތީޖާ ގަބޫލު ނުކުރާނެ ބަޔަކު އުޅޭނެ ކަމަށް އެނގިވަޑައިގަންނަވާ،" ކަމަށެވެ.

ތަސްމީންގެ ވިދާޅުވުމާއި މިއަދުގެ ހަގީގަތް ދިމާވެ އެވެ. ސިޔާސީ ލީޑަރުންގެ ތެރެއިން އެންމެ ބޮޑު އެއް ސިޔާސީ ލީޑަރު، ކުރީގެ ރައީސް މައުމޫން މާކުރިން ވެސް ވިދާޅުވެފައި ވަނީ ބަޣާވާތެއް ކަމަށް ނިންމައިފި ނަމަ ކޯނީގެ ރިޕޯޓް ގަބޫލުނުކުރައްވާނެ ކަމަށެވެ. އެމަނިކުފާނު ނިސްބަތްވާ ޕާޓީ، ޕީޕީއެމް އިން ބުނަނީ ކޯނީގެ ރިޕޯޓުގައި ބަޣާވާތުގެ ލަފުޒު އޮތް ނަމަވެސް މައްސަލަ ކޯޓަށް ވައްދާނޭ ކަމަށެވެ. ރިޕޯޓުގެ މާކުރިން ވަކި ބަޔަކު އަމަލުކުރާނެ ހަރުކަށި ސްޓޭންޑްތަކެއް ނުކުމެއްޖެ އެވެ. ވާހަކަތަކުން މަސްރަހު އެނބުރިގެންދާނެ ގޮތުގެ ބޮޑު މަންޒަރު އަންނަނީ މަޑުމަޑުން ފާޅުވަމުންނެވެ.

ރައީސް ވަހީދު ވަނީ ސިޔާސީ ޕާޓީތަކުން ކޯނީގެ ރިޕޯޓާ ގުޅޭގޮތުން މަޝްވަރާކުރުމަށް ގޮވާލައިފަ އެވެ. ޕާޓީތަކުގެ ލީޑަރުންނަށް މަޝްވަރާގެ ޕްލެޓްފޯމް ހުޅުވާއްލަވަމުން ވިދާޅުވެފައި ވަނީ؛ "ކޯނީގެ ރިޕޯޓަށް ފަހު ކަންކަން ސުލްހަވެރިކަމާ އެކު ގެންދިޔުމަށް އޮތް ހައްލަކީ މަޝްވަރާ ކުރުން" ކަމަށެވެ.

ރައީސް މަޝްވަރާއަށް ގޮވާލެއްވީ ވެސް ކޯނީގެ ރިޕޯޓަށް ފަހު، ފެބުރުއަރީ އަށެއް އަނެއްކާ ވެސް އިއާދަވެދާނެ ކަމަށް ސަރުކާރަށް ވިސްނިފައި އޮތުން އެއީ ކަންވުން ވަރަށް ގާތްގޮތެކެވެ. ރައީސް ވަހީދު އިންޓަނޭޝަނަލް ކޮމިޔުނިޓީއާ ވެސް މުހާތަބު ކުރައްވާ ވިދާޅުވީ ކޯނީގެ ރިޕޯޓަށް ފަހު މަޝްރަހު އިތުރަށް ހަލަބޮލިވާނެ ފުރުސަތު ނުދެއްވާނެ ކަމަށެވެ.

"ރިޕޯޓަށް ފަހު އަޅުގަނޑުމެން ދެން ކުރަން ހުރި މަސައްކަތްތައް ވެސް މަދެއް ނޫން، އަޅުގަނޑުމެންގެ ޅަފަތުގެ މި ޑިމޮކްރަސީ ކުރިއަށް ގެންދިޔުމަށް ކުރަން ޖެހޭ މަސައްކަތް ވަރަށް ގިނަ، އަޅުގަނޑުގެ މަޝްވަރާގެ މަގުސަދަކީ ވެސް އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބެއްގެ ކުރިން ނިންމަން ޖެހޭ ކަންކަން ގުޅިގެން ނިންމުން،" ރައީސް ވިދާޅުވި އެވެ. "ރިޕޯޓަށް ފަހު ކަންކަން ނިންމަން ޖެހޭނީ އޮންނަ އުސޫލުގެ ތެރެއިން، ގާނޫނުގެ ތެރެއިން،"

ކޯނީގެ ރިޕޯޓު އަދި ނުކުންނާނެ ވަކިގޮތެއް ސާފުނިވިޔަސް، ރިޕޯޓުގެ ކުރިން އަޅަން ޖެހޭ ގިނަ ފިޔަވަޅުތަކެއް ވަނީ އަޅަންޖެހިފަ އެވެ. އެ ދުވަހަކީ ރާއްޖޭގެ ސިޔާސީ ހަޔާތުން، އިތުރު ކަޅު ސޮފްހާއެއްގެ ފެށުން ކަމަށްވާ ނަމަ އެއީ މައްސަލަ އެކެވެ. ސުލްްހަޔަށް ހުރި މަގުތައް މަދުއިރު އެއީ އުނދަގޫ އެއްކަމެވެ. ސިޔާސީ ވެރިން މަޝްވަރާތަކަށް އައުމަކީ މިހާތަނަށް ކާމިޔާބުވެފައި ނެތް ކަމެކެވެ. ޕާޓީތަކުން ރޯޑް މެޕެއްް އެކުލަވާލުން ވެސް ދިޔައި ފެނަށެވެ. މަޖިލިސް އަލުން ފެށުމުގެ ވާހަކަތައްވެސް ވީނުވީ ހިސާބެއް ނޭނގެ އެވެ. މަޝްވަރާތަކަކީ ހައްލު ކަމަށް ވިދާޅުވާ އިރު، ރައީސް މައުމޫނާއި ނަޝީދު ވެސް ބޮޑާ ހޭކުން އެއްފަރާތްކުރައްވައި މަޝްވަރާގެ މޭޒު އިހުތިޔާރު ކުރައްވަފާނެތޯ މިއީ އުފެދޭ ބޮޑުސުވާލެކެވެ. އެހެން ކަމަށް ވާނަމަ ސުލްހަޔަށް ހުރި ދޮރުގައި އަނެއްކާވެސް އެޅޭނީ "މަރުތަޅެ"ވެ. ރައީސް ވަހީދު ވިދާޅުވެފައި ވަނީ ބައެެއް ލީޑަރުންނާ އެކު ވާހަކަތަކުގައި އިށީނުމަށް ރައީސް ނަޝީދު ދެކޮޅު ހައްދަވާފައިވާ ކަމަށެވެ. އެއީ ވާހަކަތަކުގެ ނާކާމިޔާބީގެ ކޮޅުމަތި ކަމުގައި ވެދާނެ އެވެ.

ކޯނީގެ ރިޕޯޓާ ގުޅޭގޮތުން ރައީސް ނަޝީދު ވެސް ވިދާޅުވެފައި ވަނީ ހަރުކަށި ބަސްފުޅުތަކެވެ. "ރިޕޯޓަށް ފަހު ގާނޫނާއި ހިލާފު އަމަލުކުރި މީހުންނަށް އަދަބު ދިނުމަށް ފަހުގައި ނޫނީ ގެޔަށް ނުވަންނާނަން" ރައީސް ނަޝީދު ވިދާޅުވެފައިވެ އެވެ. "އަދި ވިދާޅުވެފައި ވަނީ؛ "ރިޕޯޓުގައި ބަޣާވާތެއް ފިިޔަވައި، އެހެން އެއްޗެއް ނޯންނާނެ،" ކަމަށެވެ.

ކޯނީގެ ރިޕޯޓު 29 ވަނަ ދުވަހު ރައީސް އާއި ޕީޖީ އަދި ރައްޔިތުންގެ މަޖިލީހަށް ހިއްސާކުރާނެ އެވެ. އޮގަސްޓް 30ގައި ރިޕޯޓް އާންމުކުރާނެ އެވެ. އެތައް ދުވަހެއްގެ މަަސައްކަތަށް ފަހު ކޯނީގެ ރިޕޯޓަކީ ރާއްޖޭގެ ހަލަބޮލި ސިޔާސީ މަސްރަހަށް ފިނިކަމެއް ކަމަށް އަންނާނެ ކަމެއް ކަމަށް މީގެ ކުރިން ބެލެވުނަސް މިއަދުގެ މަންޒަރުތަކާއި އަޑުތަކުން ރިޕޯޓަށް ފިނިކަމެއް ލިބުމުގެ ބަދަލުގައި އުފެދެނީ ބިރެވެ. ގައުމުގެ އެންމެ އިސްސަފުގައި ތިއްބެވި ސިޔާސީ ބޭފުޅުން ރިޕޯޓާ ގުޅޭ ގޮތުން ރައްޔިތުންނަށް ދައްކަވަނީ ބިރެވެ. ކޮންމެ ބޭފުޅަކު ވެސް ސިޔާސީ ކުޅި ކުޅުއްވުމުގައި ތިއްބެވީ އެވެ. އެންމެ ފަހުން ކޮމިޝަނުގެ ރިޕޯޓު ވެސް ބަހަނާއަކަށް ނުވާނެ ނަމަ ކިތަންމެހާ ވެސް ރަނގަޅެވެ.