28 Nov 2025, 22:52
އެމްޑީޕީގެ ހުސްވެފައިވާ ޗެއާޕާސަންގެ މަގާމަށް މެންބަރަކު އިންތިޚާބުކުރެވެންދެން އެ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން އަދައިކުރަން ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދުގެ ނަން ހުށަހެޅި ނަމަވެސް އޭނާ ނުހޮވަން ނިމިއްޖެއެވެ.
މިރޭ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް އޮތް އިރު މި ޖަލްސާގައި މައިގަނޑު ކަމެއްގެ އޮތީ ވަގުތީ ޗެއާޕާސަނެއް ހަމަޖެއްސުމެވެ.
އެނގިފައިވާ ގޮތުގައި އެ މަގާމަށް ދެ ނަމެއް ހުށަހަޅަން މަސައްކަތްކުރިއެވެ. އެއީ މަޖިލީހުގެ ރައީސްކަން ކުރެއްވި، ހިތަދޫ އުތުރު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އަސްލަމްގެ ނަމާއި، ވަހީދުގެ ނަމެވެ.
އަސްލަމްގެ ނަން ހުށަހަޅަން މަޝްވަރާކުރީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހަށް ތާއީދުކުރައްވާ ފެކްޝަންގެ ތެރެއިންނެވެ. ވަހީދު ނަން ހުށަހެޅީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ތާއީދުކުރައްވާ ފެކްޝަނުގެ ތެރެއިންނެވެ.
ނަމަވެސް އަސްލަމުގެ ނަން ހުށަހަޅައިފައެއް ނުވެއެވެ. އެއީ އެމްޑީޕީގެ ލީގަލް ޑައިރެކްޓަރު މުޙައްމަދު މައުރޫފް ދެއްވި ލަފާގައި، ޗެއާޕާސަންގެ މަގާމަށް ވަގުތީގޮތުން ހަމަޖައްސާ މީހަކީ، ގައުމީ މަޖިލީހުގެ މެންބަރުންގެ ތެރެއިން އިންތިހާބީ މެންބަރަކަށްވުން ލާޒިމުކުރާ ކަމަށް އޮތުމުންނެވެ.
އަދި ޕާޓީގެ އަސާސީ ގަވައިދުގެ ރޫހަކީ، ވަގުތީ ޗެއާޕާސަންކަމަށް މީހަކު ހަމަޖައްސާނަމަ، އެ ކަން އެއްވެސް އިންތިހާބީ ގުނަނެއްގެ ރިޔާސަތު ބެލެހެއްޓުން، އިންތިހާބުވެފައި ނުވާ މީހަކާ ހަވާލުނުކުރުންކަން، ގަވާއިދުގެ އެންމެހައި މާއްދާތަކާއި، ޕާޓީގެ އޮނިގަނޑު އެކަށައަޅައިފައި އޮތްގޮތަށް ބެލުމުން އެނގޭކަމަށް ލަފާ ދެއްވުމުންނެވެ.
ވަހީދު ވަގުތީ ޗެއާޕާސަންކަމަށް އައްޔަންކުރަން ފެނޭތޯ ގައުމީ މަޖިލީހުގެ މެންބަރުންގެ ތެރޭ ވޯޓަށް އެހުމުން ލިބުނީ 47 ވޯޓެވެ. ނަމަވެސް ފެންނަކަމަށް ކަނޑައަޅަން 48 ވޯޓު ބޭނުންވެއެވެ. އެހެންވެ އޭނާ ވެސް ނުހޮވުނެވެ.
ވޯޓަށްފަހު، ނިޒާމު ގެއްލިފައިވާކަމަށް ބުނެ މަޖިލިސް މެދުކަނޑައިލީއެވެ.
މެއި 23، 2022ގައި އެމްޑީޕީގެ ޗެއާޕާސަންކަމާ ހަވާލުވެވަޑައިގެންނެވި، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް, އެ މަގާމުން އިސްތިއުފާދެއްވިކަން ހާމަކުރެއްވީ މިދިޔަ އާދީއްތަ ދުވަހުގެ ރޭ އެ ޕާޓީން ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައެވެ.
އެ މަގާމުން އިސްތިއުފާދެއްވައި، އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނަށް އެޑްރެސްކުރައްވައި ފޮނުއްވި ސިޓީއެއްގައި ފައްޔާޒު ލިޔުއްވި ގޮތުގައި އެ ޕާޓީގެ ޗެއާޕާސަންގެ މަގާމާ ހަވާލުވެވަޑައިގަތީ ވަރަށް ފޮނި އުންމީދުތަކާއެކުގައެވެ. ޕާޓީގެ ލީޑަރުންގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަން ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވިކަން ފާހަގަކުރައްވައި ފައްޔާޒު ވަނީ ޕާޓީ ހިންގުމަށް ހުރި ބައެއް ދަތިތައް ހިއްސާކުރައްވައިފައެވެ.