28 Nov 2025, 21:14

ރާއްޖޭގައި އެންމެ ބޮޑުވެފައި އޮތް އިޖުތިމާއީ މައްސަލަ ކަމަށްވާ، މަސްތުވާތަކެތިން ރައްކާތެރިވުމުގެ މިންގަނޑުތަކެއް "އުޖާލާ ކުރިމަގު"ގެ ނަމުގައި ޖާނީ އެންޖީއޯއިން އިފްތިތާހުކޮށްފިއެވެ.
އެ ޖަމިއްޔާގެ ވިހި ވަނަ އަހަރީ ދުވަހު އިފްތިތާހުކުރި މިންގަނޑުތައް ހިމެނޭ މި އޮނިގަނޑަކީ، ރާއްޖޭގައި ސައިންސްގެ ހެކިތަކަށް ބިނާކޮށް މަސްތުވާތަކެތި ބޭނުންކުރުމުން ދިފާޢުވުމުގެ މަސައްކަތްތައް ކުރިއެރުވުމަށްޓަކައި ފަރުމާކުރެވިފައިވާ އޮނިގަނޑެކެވެ.
މަސްތުވާތަކެތިން ރައްކާތެރިވުމުގެ މިންގަނޑުތަކުން ދިވެހި މުޖުތަމަޢުގެ ޙާލަތްތަކާ ގުޅޭ ގޮތެއްގައި، ދިފާޢުވުމުގެ މަސައްކަތްތައް އެކަށީގެންވާ ގޮތެއްގައި ހުންނަންވާނެ ގޮތް ކަނޑައަޅައިދޭނެ ކަމަށް ޖާނީ އެންޖީއޯއިން ބުނެއެވެ. މި މިންގަނޑުތައް ބިނާކުރެވިފައިވަނީ ބައިނަލްއަޤުވާމީ އެންމެ ރަނގަޅު އުޞޫލުތަކުގެ މައްޗަށް ކަމަށާއި އެއީ ޤައުމުގެ ޚާއްޞަ އިޖުތިމާޢީ ސަގާފީ، އަދި މުޖުތަމަޢުގެ ޙަޤީޤަތްތަކަށް ފައްތާފައިވާ މިންގަނޑުތަކެއްކަން ޖަމިއްޔާއިން ފާހަގަކުރިއެވެ.
މި މިންގަނޑުތަކުގައި ބާރުއަޅަނީ، ޢާއިލާއާއި ސްކޫލްތައް ބައިވެރިކުރުމަށާއި ހުނަރުތައް އިތުރުކުރުމުގެ މަސައްކަތްތަކުގެ އިތުރުން ހެކިތަކަށް ބިނާކޮށް ނިންމުންތައް ނިންމުން ފަދަ ކަންކަމަށް ކަމަށް ޖާނީ އެންޖީއޯއިން ވަނީ ބުނެފައެވެ.
އެއާއެކު، ޖާނީ އެންޖީއޯއިން ވަނީ އެ މިންގަނޑުތައް ނޭޝަނަލް ޑްރަގް އެޖެންސީގެ ބޯޑަށް ރަސްމީކޮށް ހުށަހަޅާފައެވެ.

އެ ޖަމިއްޔާއިން ބުނީ، މަސްތުވާތަކެއްޗަށް އޮންނަ ޑިމާންޑު ކުޑަކުރުމަށާއި މުޖުތަމައުގެ ވިލުންތެރިކަން އިތުރުކުރުމުގެ ތަނބެއްގެ ގޮތުގައި ބޭނުންކުރުން ހުއްޓުމުގެ މަސައްކަތްތައް ގެނެސްދިނުމަށް ޒުވާނުން އިސްކޮށް ހަރަކާތްތެރިވާ ސްޓެރެޓެޖީ "ރައިޒް"ގެ ނަމުގައި ތައާރަފުކޮށްފައިވާ ކަމަށެވެ.
އެއީ، ޒުވާނުން އިސްކުރުމާއި މުޖުތަމައު ހޭލުންތެރިކުރުމާއި ކަމެއް ގޯސްވުމުގެ ރައްދުދިނުމުގެ ބަދަލުގައި ރައްކާތެރިކަން އިސްކުރާ ސަގާފަތެއް ފުޅާދާއިރާއެއްގައި ދިރުވުމުގެ މަގުޗާޓެއް ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.
އެގޮތުން، އެކަމުގެ ތެރެއިން ޖާނީ އެންޖީއޯއިން 19 އަތޮޅުގެ 1,900 ޒުވާން ލީޑަރުން "ޕްރިވެންސަން އިންފުލުއެންޒާސް"ގެ ނަމުގައި ތަމްރީނު ކުރަން ވަނީ ނިންމާފައެވެ.
އެއީ ރައްކާތެރިވުމަށް އިސްކަންދޭ ނުފޫޒު ވެރިންގެ ގޮތުގައި މަސައްކަތްކުރުމަށް ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ. އެ ލީޑަރުން ސްކޫލްތަކާއި ޢާއިލާތަކާއި ރަށު ކައުންސިލްތަކާއި ދީނީ ޢިލްމުވެރިންނާއި ސިވިލް ސޮސައިޓީގެ ގްރޫޕްތަކާ ގުޅިގެން ޒަމާނީ ޕްރިވެންސަންގެ މަސައްކަތްތަކަށް ފުޅާ ދާއިރާއެއްގައި ތާއިދު ހޯދަން މަސައްކަތް ކުރާނެކަން ޖަމިއްޔާއިން ފާހަގަކުރިއެވެ.
"ތަމްރީނުތަކުގައި މައިގަނޑު ގޮތެއްގައި ސަމާލުކަން ދޭނީ ލީޑަޝިޕް، ވަކާލާތުކުރުން، މުޢާމަލާތުކުރުން، އަދި ޕްރިވެންސަންގެ މުހިންމު ބައިތަކައް ހޭލުންތެރިކުރުމަށެވެ. މިކަމުގެ ސަބަބުން، ނުރަނގަޅު މަޢުލޫމާތާ ދެކޮޅަށް މަސައްކަތްކުރުމަށާއި، ގެއްލުންހުރި އާދަތައް ބަދަލުކުރުމަށާއި، ދުޅަހެޔޮ އާދަތައް ކުރިއެރުވުމަށް ޒުވާނުންނަށް ބާރު ލިބިގެންދާނެ" އެ ޖަމިއްޔާއިން ބުނެއެވެ.