ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ސޯޝަލް މީޑިއާގައި އިންޒާރުދިން މީހަކު 10 އަހަރަށް ޖަލަށްލާން ހުކުމްކޮށްފިއެވެ.

ނަޝީދަށް އެކި ފަހަރު މަތިން އިންޒާރުދިން މައްސަލައިގައި ޖަލަށްލާން ހުކުމް ކުރީ، ހ. ލައިޓްނައިޓް، އިސްމާއިލް ޔާފިސްގެ މައްޗަށެވެ.
އޭނާގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް އުފުލިއެވެ. އެއީ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރުމުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ހިންގާނެ ކަމުގެ އިންޒާރު ދިނުމުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލަކަށް ހިތްވަރު ދިނުމުގެ ދައުވާ އެވެ.

ރައީސް ނަޝީދު، މަޖިލީހުގެ ރައީސްކަމުގެ މަގާމުގައި ހުންނެވިއިރު ދިން އިންޒާރުތަކާ ގުޅިގެން ކުރި ދައުވާތަކުގެ އަސްލު އަދަބަކީ 26 އަހަރުގެ ޖަލު ހުކުމެއް ނަމަވެސް ދައުލަތާ އެކު ހެދި އިއުތިރާފްގެ އެއްބަސްވުމެއްގެ ދަށުން އޭނާ ކުށަށް އިއުތިރާފްވުމުން އޭނާގެ އަދަބު 10 އަހަރުގެ ޖަލު ހުކުމަކަށް ކުޑަކުރަން ދައުލަތުން އެއްބަސްވީ އެވެ.
ޔާފިސް 10 އަހަރަށް ޖަލަށްލާން ހުކުމް ކުރީ މިދިޔަ ބުދަ ދުވަހު އެވެ. އެއީ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރުމުގެ ކުށުގައި ދެ އަހަރަށް އަދި އިންޒާރު ދިނުމުގެ ކުށުގައި ތިން އަހަރަށް އަދި އެކަމަށް ހިތްވަރު ދިނުމުން ފަސް އަހަރަށް ކަމަށް ޕީޖީން ބުންޏެވެ.

މަޖިލީހުގެ ރައީސްކަމުގައި ހުންނަވަނިކޮށް ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއަކުން އެމަނިކުފާނުވަނީ ސަލާމަތްވެވަޑައިގެންފައެވެ. އެކަމަކު އެ ހަމަލާގައި ސީރިއަސް އަނިޔާތަކެއް ލިބި ގިނަ ދުވަސްތަކަކަށް އެމަނިކުފާނު ފަރުވާ ހޯއްދަވަން ޖެހިވަޑައިގަތެވެ.