އެމްޑީޕީގެ ހުސްވެފައިވާ ޗެއާޕާސަންގެ މަގާމަށް އެ ޕާޓީގެ މެންބަރަކު އިންތިޚާބުކުރެވެންދެން އެ މަގާމުގެ މަސްއޫލިއްޔަތުތައް އެ ޕާޓީގެ ގައުމީ މަޖިލީހުން ކަނޑައަޅާ މެންބަރަކާ ވަގުތީގޮތުން ހަވާލުކުރުން މިރޭ އޮންނައިރު ހުށަހަޅަނީ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދުގެ ނަމާއި، މަޖިލިސް ރައީސްކަން ކުރެއްވި މުޙައްމަދު އަސްލަމް ކަން އެނގިއްޖެއެވެ.

މިރޭ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް ބާއްވަން ހަމަޖެހިފައިވާއިރު މި ޖަލްސާގައި ޕާޓީއަށް ވަގުތީ ޗެއާޕާސަނެއް އައްޔަންކުރުން އޮންނާނެއެވެ.

އެނގިފައިވާ ގޮތުގައި އެ މަގާމަށް ދެ ނަމެއް ހުށަހަޅަން އޮތީ ތައްޔާރުވެފައެވެ. އެއީ މަޖިލީހުގެ ރައީސްކަން ކުރެއްވި، ހިތަދޫ އުތުރު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އަސްލަމްގެ ނަމާއި، ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ވަހީދުގެ ނަމެވެ.

އެނގިފައިވާ ގޮތުގައި އަސްލަމްގެ ނަން ހުށަހަޅުއްވާނީ، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހަށް ތާއީދުކުރައްވާ ފެކްޝަންގެ ތެރެއިންނެވެ. ވަހީދު ނަން ހުށަހަޅުއްވާނީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ތާއީދުކުރައްވާ ފެކްޝަނުގެ ތެރެއިންނެވެ.

މިދިޔަ ރިޔާސީ، އިންތިޚާބުގައި ޞާލިހުގެ ރަނިންމޭޓުގެ ގޮތުގައި ނިކުމެވަޑައިގަތުމަށްފަހު ލިބިވަޑައިގެންނެވި ނާކާމިޔާބާއި، މަޖިިލިސް އިންތިޚާބުގެ ނާކާމިޔާބަށްފަހު އަސްލަމް ޕާޓީގެ ސިޔާސީ ހަރަކާތްތަކުގެ އިސް ސަފުން ވަނީ ގެއްލިފައެވެ.

ނަމަވެސް ވަހީދު ގެންދަވަނީ އެ ޕާޓީގެ އެކި ހަރަކާތްތަކުގައި އަދިވެސް ބައިވެރިވަމުންންނެވެ.

މެއި 23، 2022ގައި އެމްޑީޕީގެ ޗެއާޕާސަންކަމާ ހަވާލުވި، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ފައްޔާޒް, އެ މަގާމުން އިސްތިއުފާދެއްވިކަން ހާމަކުރެއްވީ މިދިޔަ އާދީއްތަ ދުވަހުގެ ރޭ އެ ޕާޓީން ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައެވެ.

އެ މަގާމުން އިސްތިއުފާދެއްވައި، އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނަށް އެޑްރެސްކުރައްވައި ފޮނުއްވި ސިޓީއެއްގައި ފައްޔާޒު ލިޔުއްވި ގޮތުގައި އެ ޕާޓީގެ ޗެއާޕާސަންގެ މަގާމާ ހަވާލުވެވަޑައިގަތީ ވަރަށް ފޮނި އުންމީދުތަކާއެކުގައެވެ. ޕާޓީގެ ލީޑަރުންގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަން ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވިކަން ފާހަގަކުރައްވައި ފައްޔާޒު ވަނީ ޕާޓީ ހިންގުމަށް ހުރި ބައެއް ދަތިތައް ހިއްސާކުރައްވައިފައެވެ.