ލަންކާ ވިއްސާރަ: ނުވަރަލިޔާއަށް ދިޔަ ދިވެހި އާއިލާއެއް ޚަބަރު ނުވެގެން ހޯދަނީ
ލަންކާ ވިއްސާރަ: ނުވަރަލިޔާއަށް ދިޔަ ދިވެހި އާއިލާއެއް ޚަބަރު ނުވެގެން ހޯދަނީ

އަވައްޓެރި ސްރީލަންކާއަށް މިހާރު ކުރަމުން އަންނަ ވިއްސާރާގައި 56 މީހުން މިހާތަނަށް މަރުވެ, ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު, އެ ގައުމުގެ ނުވަރަލިޔާއަށް ދިޔަ ދިވެހި އާއިލާއެއްގެ ޚަބަރު ނުވެގެން ހޯދަން މިއަދު ފަށައިފިއެވެ.

ސްރީލަންކާގައި ހުންނަ ދިވެހި ރާއްޖޭގެ އެމްބަސީއިން "ސަން" އަށް މައުލޫމާތު ދިން ގޮތުގައި ނުވަރަލިޔާއަށް ޗުއްޓީއަކަށް ގޮސް އުޅޭ ދިވެހި އާއިލާއަކާ ނުގުޅިގެން ވަނީ ރިޕޯޓް ކޮށްފައެވެ.

އެ އާއިލާގައި ހިމެނެނީ ދިވެހި ފިރިހެނަކާއި ކުޑަކުއްޖެއްގެ އިތުރުން ލަންކާ އަންހެނެއް ކަމަށް އެމްބަސީން ބުންޏެވެ.

ލަންކާއަށް ކުރަމުން އަންނަ ވިއްސާރައިގައި ފެންބޮޑުވެފައި: ---

އެ މީހުންނާ ނުގުޅިގެން މާލެއިން ރިޕޯޓެއް ކޮށްފައިވާއިރު އެމްބަސީއިން މިހާތަނަށް ކުރި މަސައްކަތުން ވެސް އެ މީހުންނާ އަދި ގުޅޭގޮތް ނުވާ ކަމަށް ވެސް ބުންޏެވެ.

މުޅި ލަންކާއަށް ކުރަމުން އަންނަ ވިއްސާރައިގައި ފެންބޮޑުވުމުގެ އިތުރުން, ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ވެސް އަންނަނީ ހިނގަމުންނެވެ. މޫސުން އެންމެ ގޯސް ހިސާބުތަކުގެ ތެރޭގައި ދިވެހީން ގިނައިން ދިރިއުޅޭ އެ ގައުމުގެ ވެރިރަށް ކޮލޮމްބޯ ވެސް ހިމެނެއެވެ.

ސްރީލަންކާގައި މިވަގުތު 1800 އެއްހާ ދިވެހިން ދިރިއުޅެމުން އަންނަ ކަމަށް އެމްބަސީއިން މައުލޫމާތު ދެއެވެ. އޭގެ ތެރެއިން އެ އާއިލާ ފިޔަވާ އެހެން ބަޔަކަށް ގެއްލުމެއްވެގެން މިހާތަނަށް ރިޕޯޓް ކޮށްފައެއް ނުވެއެވެ.

ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި ކެލާނީ ކޯރު ވާދީގެ ތިރި ސަރަހައްދުތަކަށް ފެންބޮޑުވެދާނެކަމުގެ ރަތް އިންޒާރު ނެރެފައިވާ ކަމަށް އިރިގޭޝަން ޑިޕާޓްމަންޓުން ބުނެއެވެ.

ލަންކާގައި ހުންނަ ދިވެހި ރާއްޖޭގެ އެމްބަސީގެ ހޮޓްލައިން ނަންބަރަކީ, 09476991666 އެވެ.

ގަދަވަޔާއެކު ވާރޭވެހޭއިރު ހިޔާވަހިތަނެއްގައި ތިބުމަށާއި ރައްކާތެރި ސަރަހައްދުތަކުގައި ތިބުމަށް ހައިކޮމިޝަނުން ވަނީ ލަފާ ދީފައެވެ.

ލަންކާގެ މެދުތެރެއާއި އުތުރުގެ ބައެއް ހިސާބުތަކަށް މިއަދު 200 މިލިމީޓަރަށްވުރެ ގިނައިން ވާރޭ ވެހޭނެ ކަމަށް ލަންކާގެ މެޓް އޮފީހުން ލަފާކުރެއެވެ.

އެ ގައުމުގެ ހައިވޭތައް ބަންދުކޮށްފައިވާއިރު، ބައެއް ސަރަހައްދުތަކުގެ ރޭލު ދަތުރުތަކަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ.

މިއީ ލަންކާއަށް އާންމުކޮށް ވިއްސާރަކުރާ ދުވަސްވަރެއް ނަމަވެސް މިހާރު ވިއްސާރަ ކުރަމުންދަނީ ވަރަށް ބޮޑަށެވެ.