24 Aug 2012, 20:40
ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސްގެ ރިޕޯޓުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފުރާނަފުޅަށް ގެއްލުންވާނެ ކަމެއް ހިނގާފައި ނުވާ ކަމަށް ހާމަވުމުން، ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ (ކޯނީ)ން މި މަހުގެ 31ގައި ނެރޭ ރިޕޯޓް ވެސް، ހިއުމަންރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ އެ ހޯދުމާ އެއްގޮތްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.
ލަންކާ އަށް މިހާރު ކުރައްވަމުން ގެންދަވާ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅުގެ ތެރެއިން ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް މިއަދު ވިދާޅުވީ މިހާރު ލިބިފައިވާ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ފެބުރުއަރީ ހަތް ވަނަ ދުވަހު، ކުރީގެ ރައީސް ނަޝީދުގެ ފުރާނަފުޅަށް ގެއްލުންވާ ފަދަ ކަމެއް ނުވަތަ ހަށިކޮޅަށް ގެއްލުންވާ ފަދަ ކަމެއް ދިމާވެފައި ނުވާކަމަށް އެޗްއާރުސީއެމްގެ ތަހުގީގުން އެނގޭ ކަމަށާއި ކޯނީގެ ރިޕޯޓު ވެސް އެ ހޯދުމާ އެއްގޮތްވާނެ ކަމަށް އުންމީދު ކުރެވޭ ކަމަށެވެ.
"އުންމީދު ކުރަނީ ރިޕޯޓުގެ ސަބަބުން ގައުމު އިތުރަށް ބައިބައިނުވާނެ ކަމަށް، އޭގެ ބަދަލުގައި އެންމެން އެކީގައި ކުރިއަށް ދެވޭނެ ކަމަށް،" ރައީސް ވިދާޅުވި އެވެ. "އަޅުގަނޑުގެ އެކްސްޕެކްޓޭޝަން މިހުރީ ރައީސް ނަޝީދުގެ ފުރާނަފުޅަށް ބަޔަކު ގެއްލުންދީ ނޫނީ ހަށިކޮޅަށް ގެއްލުންދޭން މަސައްކަތް ނުކުރާކަން އެޗްއާރުސީއެމްގެ ރިޕޯޓުން އެނގޭއިރު، ކޯނީގެ ރިޕޯޓު ވެސް އެގޮތަށް އަންނާނެ ކަމަށް،"
ރައީސް ނަޝީދު ތުހުމަތުކުރައްވާ ގޮތުން އެޗްއާރުސީއެމްއިން ރިޕޯޓުތައް ނެރުނީ ކޯނީގެ ރިޕޯޓަށް ހިޔަނިއަޅަން ކަމަށެވެ.
ރައީސް މިއަދު ވިދާޅުވީ ހިއުމަން ރައިޓްސް ކޮމިޝަނަކީ މިނިވަން މުސްތަގިއްލު ކޮމިޝަނެއް ކަމަށެވެ. އަދި އެ ކޮމިޝަންގެ ރިޕޯޓާ މެދު ހިތްހަމަޖެހިވަޑައިގެން ހުންނެވި ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ކޯނީގެ ރިޕޯޓުގެ ނިންމުންތަކަށް އަމަލުކުރުމަށް އޮތް ގޮތަކީ މަޝްވަރާ ކުރުން ކަމަށެވެ.
"ސަރުކާރުގެ ސްޓޭންޑަކީ މަޝްވަރާކުރުން، މަޝްވަރާގެ ތެރެއިން ހައްލުހޯދުން. ސަރުކާރުން 48 ގަނޑިއިރު ތެރޭ ޕާޓީތަކަށް ރަސްމީކޮށް މަޝްވަރާއަށް ގޮވާލާނެ،" ރައީސް ވިދާޅުވި އެވެ.
އަވަސް އިންތިހާބެއް ބޭއްވުމަކީ ރާއްޖޭގެ ގާނޫނު އަސާސީން ތަންދޭ ކަމެއް ނޫންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ކޮމަންވެލްތު ވެސް އަދި އިންޓަނޭޝަނަލް ކޮމިޔުނިޓީއަށް ވެސް އެކަން މިހާރު ސާފުވެފައިވާ ކަމަށާއި ރާއްޖޭގައި އިންތިހާބެއް ބޭއްވޭނީ އަންނަ އަހަރުގެެ ތެރޭގައި ކަމަށެވެ.
ރައީސް ވިދާޅުވީ ކޯނީގެ ރިޕޯޓާ ގުޅިގެން އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް އެޅުމަށް ތައްޔާރަށް ހުންނެވި ކަމަށާއި ނަމަވެސް އެފިޔަވަޅުތައް އަޅަން ޖެހޭނީ އޮންނަ އުސޫލުގެ ތެރެއިން ކަމަށެވެ. ރައީސް ނަޝީދު މަގާމުން އިސްތިއުފާދިނީ މަޖުބޫރުން ކަމުގައިވާ ނަމަ މަގާމުން އިސްތިއުފާ ދިނުމާ މެދު ގާނޫނީ ލަފާހޯއްދަވާނެ ކަމަށާއި ރިޕޯޓާ ގުޅިގެން އެމަނިކުފާނު އަޅުއްވަން ޖެހޭ ފިޔަވަޅު އެޅުމަށް ފަސްނުޖެހޭނެ ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ މަނިކުފާނު އެމަގާމާ ހަވާލުވީ ގާނޫނީ ގޮތުން އެ މަސްއޫލިއްޔަތު ހަވާލުވެ ވަޑައިގަންނަވަން ޖެހޭތީ ކަމަށެވެ.