މެލޭޝިއާގެ ޕެނިންސުލާއަށް އެރި ތޫފާން 'ސެންޔާ'ގެ ބާރު ދަށްވުމުން ލޯ ޕްރެޝާ ވެދާ ސިސްޓަމަކަށް ދަށްކޮށްފައިވާ ކަމަށް މެލޭޝިއާގެ މޫސުމާ ބެހޭ އިދާރާ (މެޓްމެލޭޝިއާ)އިން ބުނެފިއެވެ.

މެޓްމެލޭޝިއާގެ ޑިރެކްޓަރު ޖެނެރަލް ހިޝާމް އަނިލް ވިދާޅުވީ, އެ ތޫފާން ސެލަންގޯރާއި ނެގޭރީ ސެމްބިލާންގެ އައްސޭރިފަށަށް އަރާފައިވަނީ ރޭ ދަންވަރު ކަމަށެވެ. ތޫފާން މިހާރު އޮތީ ޕެނިންސުލާގެ މެދުގައެވެ.

އަދި، ދެން މިސްރާބު ޖަހާނީ އިރުމަތިން ދެކުނު ޗައިނާ ކަނޑާ ދިމާއަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ތޫފާން ބަލިކަށިވަމުން ދިޔަ ނަމަވެސް ވާރޭ ވިލާ އަދިވެސް އެބަ އުފައްދާ. މި ހާލަތުގެ ސަބަބުން ޕެނިންސުލާގެ ބައެއް ހިސާބުތަކުގައި ޚާއްސަކޮށް ޕަހަންގް އަދި ޓެރެންގަނޫގައި މެދުނުކެނޑި ބޯކޮށް ވާރޭވެހުމާއި ވައި ގަދަވެ، ކަނޑުތައް ގަދަވާނެ،" ހިޝާމް ވިދާޅުވިއެވެ.

"މާދަމާ ވެސް މޫސުން ގޯސްވާނެ ކަމަށް ބެލެވޭ. މެޓްމެލޭޝިއާއިން ހާލަތު މޮނިޓާކޮށް ބޮޑެތި ބަދަލުތަކެއް އަންނަނަމަ، އަޕްޑޭޓްތަކާއި އިންޒާރުތައް ދޭނެ،"

ތޫފާން 'ސެންޔާ'އަކީ މެލޭޝިއާއަށް އަރާނެ އެންމެ ވަރުގަދަ ތޫފާން ކަމަށް މެޓްމެލޭޝިއާއިން އިއްޔެ ބުނެފައިވެއެވެ.

ތޫފާންގެ ސަބަބުން 200 މިލިމީޓަރާއި 300 މިލިމީޓަރާއި ދެމެދުގެ މިންވަރަކަށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށްފައިވާއިރު، ކުއަލަލަމްޕޫރާއި ސެލަންގޯރު އަދި ޕަހަންގްގެ ބައެއް ހިސާބުތަކަށް ވާރޭ ވެހޭ މިންވަރު އިތުރުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި، އާދީއްތަ ދުވަހުގެ ނިޔަލަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މެޓްމެލޭޝިއާއިން ބުނެއެވެ.

ފާއިތުވެދިޔަ ދެ ދުވަހު ކްލަންގް ވެލީގެ ބައެއް ހިސާބުތަކަށާއި ހުޅަނގު އައްސޭރީއަށް 120 މިލިމީޓަރާއި 150 މިލިމީޓަރާއި ދެމެދުގެ މިންވަރަކަށް ވާރޭވެހި، ތިރި ސަރަހައްދުތަކަށް ފެންބޮޑުވެފައިވެއެވެ.

މެލޭޝިއާއަށް މެދުނުކެނޑި ބޯކޮށް ވާރޭވެހުމުގެ ސަބަބުން އެ ގައުމުގެ އެތައް ސަރަހައްދެއްގައި ވަނީ ފެންބޮޑުވެފައެވެ.

މި ދުވަސްވަރު ރާއްޖެއަށް ވެސް އަންނަނީ ވިއްސާރަކުރަމުންނެވެ. ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި މި ހަފުތާގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ގުގުރުމާ އެކު ވައިގަދަވުން އެކަށީގެންވެއެވެ.