28 Nov 2025, 14:37

ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯއަށް ދަތުރުކުރާ ފްލައިޓްތައް މޫސުން ގޯސްވުމުގެ ސަބަބުން ބަންޑާރަ ނައިކަ އިންޓަނޭޝަނަލް އެއާޕޯޓު (ބީއައިއޭ)އަށް ޖެއްސުމަށް ދަތިތަކެއް ދިމާވެއްޖެނަމަ، އެ ގައުމުގެ މައްޓަލާ ރާޖަޕަކްސާ އިންޓަނޭޝަނަލް އެއާޕޯޓަށް ނުވަތަ އިންޑިއާގެ ކޮޗިން އަދި ޓްރިވެންޑްރަމްއަށް ޑައިވާޓްކުރާނެ ކަމަށް މިނިސްޓަރު އަރޫނާ ކަރޫނާޓިލާކޭ ވިދާޅުވެއްޖެއެވެ.
ބައެއް ފްލައިޓްތައް މިހާރު ވެސް ޑައިވާޓްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މުޅި ލަންކާއަށް ވިއްސާރަކޮށް ފެންބޮޑުވުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 56 އަށް އަރާފައިވާއިރު، 600 އަށް ވުރެ ގިނަ ގެއަށް ގެއްލުން ލިބިފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

ލަންކާއަށް ކުރަމުންދާ ވިއްސާރައިގައި މިހާތަނަށް 56 މީހުން ވަނީ މަރުވެފައި. ފޮޓޯ/ގެޓީ
މިދިޔަ ހަފުތާއިން ފެށިގެން ލަންކާއަށް މޫސުން ގޯސްވެ، ބުރާސްފަތި ދުވަހު ބޯކޮށް ވާރޭވެހި، ބިންގަނޑު ކަނޑައިގެން ދިއުމުން ގެތަކާއި ދަނޑުތަކާއި މަގުތަކުގައި ފެންބޮޑުވިއެވެ. ވެރިރަށް ކޮލަމްބޯގެ އިރުމަތީގައި ގާތްގަނޑަކަށް 300 ކިލޯމީޓަރު (186 މޭލު) ދުރުގައި އޮންނަ ބަދޫލާއާއި ނޫވާރާ އެލިޔާގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 25 މީހުން ވަނީ މަރުވެފައެވެ.
ލަންކާގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރާ ހަވާލާދީ އެސޯސިއޭޓެޑް ޕްރެސް (އޭޕީ) ނޫހޫން ބުނި ގޮތުގައި އިތުރު 21 މީހަކު ގެއްލިފައިވާއިރު، 14 މީހަކަށް އަނިޔާވެފައިވަނީ ނޫވާރަ އެލިޔާގެ ސަރަހައްދުތަކުންނެވެ.
މޫސުން ގޯސްވުމުގެ ސަބަބުން އޮފީސްތަކާއި ސްކޫލުތައް ވެސް ވަނީ ބަންދުކޮށްފައެވެ.
މިއީ ލަންކާއަށް އާންމުކޮށް ވިއްސާރަކުރާ ދުވަސްވަރެއް ނަމަވެސް މިހާރު ވިއްސާރަ ކުރަމުންދަނީ ވަރަށް ބޮޑަށެވެ.
މި ގަރުނުގައި ލަންކާގައި އެންމެ ބޮޑަށް ފެންބޮޑުވެފައިވަނީ 2003 ވަނަ އަހަރުގެ ޖޫން މަހެވެ. އެ ފަހަރު ފެންބޮޑުވުމުގެ ސަބަބުން 254 މީހުން މަރުވެ، ލައްކައެއްހާ މީހުންގެ ގެދޮރު ގެއްލުނެވެ.
މި ދުވަސްވަރު ރާއްޖެއަށް ވެސް އަންނަނީ ވިއްސާރަކުރަމުންނެވެ. ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި މި ހަފުތާގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ގުގުރުމާ އެކު ވައިގަދަވުން އެކަށީގެންވެއެވެ.