28 Nov 2025, 13:46

އަވައްޓެރި ސްރީލަންކާއަށް މިހާރު ކުރަމުން އަންނަ ބޯ ވިއްސާރައިގައި ފެންބޮޑުވެ, 46 މީހުން މަރުވެފައިވާއިރު, މިހާތަނަށް ދިވެއްސަކަށް ގެއްލުމެއް ލިބިގެން ރިޕޯޓްކޮށްފައިނުވާ ކަމަށް, އެ ގައުމުގައި ހުންނަ ދިވެހި ސަފީރު މަސްއޫދު އިމާދު މިއަދު ވިދާޅުވެއްޖެއެވެ.
"ދީތްވާ"ގެ ނަމުން ނަން ދީފައިވާ އެ ތޫފާން މިހާރު އަންނަނީ އެ ގައުމުގެ އިރުމަތީ އައްސޭރިފަށަށް ދަތުރުކުރަމުންނެވެ. އެހެންވެ، މިއަދު ލަންކާގެ މޫސުން އިތުރަށް ގޯސްވާނެ ކަމަށް ލަފާކުރާ ކަމަށް ލަންކާގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (ޑީއެމްސީ)އިން ބުނެއެވެ.
ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި ކެލާނީ ކޯރު ވާދީގެ ތިރި ސަރަހައްދުތަކަށް ފެންބޮޑުވެދާނެކަމުގެ ރެޑް ލެވެލް އިންޒާރު ނެރެފައިވާ ކަމަށް އިރިގޭޝަން ޑިޕާޓްމަންޓުން ބުނެއެވެ. ރައްކާތެރި ނޫން ސަރަހައްދުތަކުގެ ތެރޭގައި ދިވެހީން އާއްމުކޮށް ދިރިއުޅޭ, ވެރިރަށް ކޮލަމްބޯ ވެސް ހިމެނެއެވެ.
ލަންކާގައި ދިރިއުޅޭ ދިވެހީންގެ ހާލަތާ ގުޅޭގޮތުން "ސަން"އާ މިއަދު ވާހަކަދައްކަވަމުން ސަފީރު މަސްއޫދު ވިދާޅުވީ, އެ ގައުމުގައި 1800 އެއްހާ ދިވެހީން ދިރިއުޅޭއިރު, އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބިގެން ނުވަތަ އެހީތެރިކަމެއް ބޭނުންވެގެން މިހާތަނަށް ރިޕޯޓްކޮށްފައިނުވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ހޮޓްލައިނަށް އަބަދު ވެސް ގުޅޭނެ. އެހީތެރިކަން ބޭނުންވާ ހާލަތުގައި އެހީތެރިކަން ފޯރުކޮށްދޭން މި ތިބީ ތައްޔާރަށް," ސަފީރު ވިދާޅުވިއެވެ.
ލަންކާގައި ހުންނަ ދިވެހި ރާއްޖޭގެ އެމްބަސީގެ ހޮޓްލައިން ނަންބަރަކީ, 09476991666 އެވެ.
ގަދަވަޔާއެކު ވާރޭވެހޭއިރު ހިޔާވަހިތަނެއްގައި ތިބުމަށާއި ރައްކާތެރި ސަރަހައްދުތަކުގައި ތިބުމަށް ހައިކޮމިޝަނުން ވަނީ ލަފާ ދީފައެވެ.

ލަންކާގެ ހުޅަނގުގައި އޮންނަ ޕުއްޓަލަމަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވެފައި. ފޮޓޯ/އޭއެފްޕީ
ލަންކާގެ ކޯރުތަކުގެ ފެންގަނޑު އުފުލެމުންދާއިރު، ތިރި ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުން އުސް ތަންތަނަށް ބަދަލުވުމަށް ޑީއެމްސީން ވަނީ އިންޒާރުދީފައެވެ. ލަންކާގެ މެދުތެރެއާއި އުތުރުގެ ބައެއް ހިސާބުތަކަށް މިއަދު 200 މިލިމީޓަރަށްވުރެ ގިނައިން ވާރޭ ވެހޭނެ ކަމަށް ލަންކާގެ މެޓް އޮފީހުން ލަފާކުރެއެވެ.
އެ ގައުމުގެ ހައިވޭތައް ބަންދުކޮށްފައިވާއިރު، ބައެއް ސަރަހައްދުތަކުގެ ރޭލު ދަތުރުތަކަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ.
މިއީ ލަންކާއަށް އާންމުކޮށް ވިއްސާރަކުރާ ދުވަސްވަރެއް ނަމަވެސް މިހާރު ވިއްސާރަ ކުރަމުންދަނީ ވަރަށް ބޮޑަށެވެ.
ލަންކާއަކީ ގިނަ ބޭނުންތަކަށް ދިވެހީން ގޮސް, އައިސް އުޅޭ ގައުމެއްގެ އިތުރުން ގިނަ އަދަދެއްގެ ދިވެހީން ދިރިއުޅޭ ވެސް ގައުމެކެވެ. ކުރިން ގާތްގަނޑަކަށް 13000 އެއްހާ ދިވެހީން އެ ގައުމުގައި ދިރިއުޅުނެވެ. ނަމަވެސް ފަހުން ކޮވިޑާއި އެ ގައުމުގެ އިގްތިސާދީ ދަތިކަމުގެ ސަބަބުން އެ ގައުމުގައި ދިރިއުޅޭ ދިވެހީންގެ ނިސްބަތް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.