28 Nov 2025, 13:51

ސްރީ ލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބޮޑެތި ގެއްލުންތަކެއް ވަމުންދާއިރު، ފެންބޮޑުވުމުގެ ސަބަބުން ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތަށް އިންޑިއާގެ އަސްކަރިއްޔާއިން އެހީތެރިވާން ފަށައިފިއެވެ.
ކޮލޮމްބޯ ބަނދަރުގައި މިހާރު އިންޑިއާގެ އަސްކަރީ މަތިންދާބޯޓުތައް އުފުލާ, އައިއެންއެސް ވިކްރަންޓް އެބައޮތެވެ. އެއީ އެ ގައުމުގެ އަސްކަރީ ހެލިކޮޕްޓަރުތަކާއެކުއެވެ.
އިންޑިއާއިން ބުނީ ލަންކާގެ މޫސުން ގޯސްވެ, ކުއްލި ހާލަތު އިއުލާނުކޮށްފައިވާ މި ދަނޑިވަޅުގައި ލަންކާގެ ކަމާބެހޭ ފަރާތްތަކުން ރަސްމީކޮށް އެ ގައުމުގެ އެހީތެރިކަމަށް އެދިފައިވާ ކަމަށެވެ.
އިންޑިއާގެ ދިފާއީ ވުޒާރާގެ ސެކްރެޓަރީ އެއާ ވައިސް މާޝަލް ސަމްޕަތު ތުޔާކޮންތާ ވިދާޅުވީ ރިލީފް އޮޕަރޭޝަންތަކަށް އެހީތެރިވުމަށް އިންޑިއާގެ ހަނގުރާމަ މަނަވަރުގެ އެހީތެރިކަމަށް އެދިފައިވާ ކަމަށާއި އޭގެ ތެރޭގައި ހެލިކޮޕްޓަރާއި މަތިންދާބޯޓު ބޭނުންކުރުން ހިމެނޭ ކަމަށެވެ.
ތުޔާކޮންތާ ވިދާޅުވީ މޫސުން ގޯސްވުމުގެ ސަބަބުން އިންޑިއާގެ މަތިންދާބޯޓުތަކަށް ވެސް އަސަރު ކުރަމުންދާ ކަމަށާއި، މިހާރުގެ ހާލަތުގައި ފްލައިޓް އޮޕަރޭޝަންތައް ކެންސަލްވެދާނެ ކަމަށެވެ.

ކޮލަމްބޯގެ ބޭރުގައި އޮންނަ މަލްވާނާއަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވެފައިވާ މަގެއް. ފޮޓޯ/ޢޭއެފްޕީ
ބޭ އޮފް ބެންގާލްގެ ހުޅަނގުން ލަންކާ ކައިރިން އުފެދިފައިވާ ކޮޅިގަނޑު މިހާރު ވަނީ ތޫފާނަކަށް ބަދަލުވެފައެވެ.
"ދީތްވާ" ގެ ނަމުން ނަން ދީފައިވާ އެ ތޫފާން މިހާރު އަންނަނީ އެގައުމުގެ އިރުމަތީ އައްސޭރިފަށަށް ދަތުރުކުރަމުންނެވެ. އެހެންވެ، މިއަދު ލަންކާގެ މޫސުން އިތުރަށް ގޯސްވާނެ ކަމަށް ލަފާކުރާ ކަމަށް ޑީއެމްސީން ބުނެއެވެ.
ލަންކާގެ މެދުތެރެއާއި އުތުރުގެ ބައެއް ހިސާބުތަކަށް މިއަދު 200 މިލިމީޓަރަށްވުރެ ގިނައިން ވާރޭ ވެހޭނެ ކަމަށް ލަންކާގެ މެޓް އޮފީހުން ލަފާކުރެއެވެ.
ބޯކޮށް ވާރޭވެހުމުގެ ސަބަބުން އުދައެރުމާއި ބިންގަނޑު ކަނޑައިގެން ގޮސް ހިނގި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 56 އަށް ވަނީ އުފުލިފައެވެ.