ލ. އަތޮޅުގެ ރަށަކަށް ނިސްބަތްވާ, ކުށުގެ ރެކޯޑް އޮތް މީހެއް ލެޕްޓޮޕެއް ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ޖަލުގައި ބަންދު ކުރަން ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފިއެވެ.

މި މައްސަލާގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވަނީ 38 އަހަރުގެ ފިރިހެނެކެވެ. އޭނާއަކީ ކުށުގެ ރެކޯޑް އޮތް މީހެއްކަން ބަންދު އަމުރުން އެނގެއެވެ.

މި ފަހަރު އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ ފިހާރައަކުން ލެޕްޓޮޕެއް ވަގަށް ނެގި ކަމަށެވެ. ބަންދު އަމުރުގައި ބުނެފައިވާ ގޮތުގައި އޭނާ, ފިހާރައަކުން ލެޕްޓޮޕެއް ވަގަށް ނެގިތަން ފެންނަ ސީސީޓީވީ ފްޓޭޖް ހުށަހަޅާފައިވެއެވެ.

އޭނާ ހައްޔަރު ކޮށްފައިވަނީ އިޖުރާތާ އެއްގޮތަށް ކަމަށާއި އޭނާއަކީ ކުށުގެ ރެކޯޑް އޮތް މީހެއްކަމަށް ވެސް އަމުރުގައި ބުނެފައިވެއެވެ.

އެކަންކަމަށް ބަލައި ކްރިމިނަލް ކޯޓުގެ ޤާޞީ ވަނީ އޭނާ 15 ދުވަހަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދު ކުރުމަށް އަމުރު ކުރައްވައިފައެވެ.