ރައީސް ޑރ. މުޙައްމަދު މުއިއްޒު, މިހާރު މާލޭގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބާއްވަވާ ސިލްސިލާ ބައްދަލުވުންތަކުގައި އެ މަނިކުފާނާ ކުރައްވަން ބޭނުންވާ ސުވާލުތައް ކުރިއާލާ ހުށަހަޅަން ޖެހޭ ކަމަށް ބުނެ ދައްކަމުން އަންނަނީ ދޮގު ވާހަކަތަކެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ.

މި ފަހުން ރައީސް ވިލިމާލެއާއި މަންޗަންގޯޅީ ރައްޔިތުންނާ ވަނީ ބައްދަލު ކުރައްވައިފައެވެ. އެ ބައްދަލުވުންތަކުގައި އާއްމުން ބޭނުން ސުވާލެއް, އަދި ޚިޔާލެއް ރައީސަށް ހުށަހެޅުމުގެ ފުރުސަތު ވަނީ ދީފައެވެ.

އެ ބައްދަލުވުންތަކުގައި އާއްމުންގެ ގޮތުގައި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ބައިވެރިވުން ވަރަށް ގިނައެވެ.

ވަޒީރުންނާއެކު ރައީސް ބާއްވަވާ މި ބައްދަލުވުންތަކުގައި ޚިޔާލު ފާޅުކުރާ ބައެއް އާއްމުން ވަނީ ސަރުކާރުގެ ބައެއް ސިޔާސަތުތައް ދެކޮޅު ނުޖެހޭކަން ފާހަގަކޮށް ކަންބޮޑުވުން ފާޅުކޮށްފައެވެ. އެހެންވެ, ދެން ކުރިއަށް އޮތް ބައްދަލުވުންތަކުގައި އެ ގޮތަށް ޚިޔާލު ފާޅުކުރަން ފުރުސަތު ނުދޭން ރައީސް އޮފީހުން ނިންމާފައިވާކަމުގެ އަޑުތަކެއް ދަނީ ފަތުރަމުންނެވެ.

ހީނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ, ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް ރައީސް ބާއްވަވާ ބައްދަލުވުންތަކުގައި އެ ބައްދަލުވުމުގެ ކުރިން ސުވާލު ނުވަތަ ޚިޔާލު ހުށަހަޅަން ޖެހޭކަމަށް ބުނެ ބައެއް މީހުން ދައްކަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ހަގީގަތާ ޚިލާފު ދޮގު ވާހަކަތަކެއް ކަމަށެވެ.

"މީގެ ކުރިން ބޭއްވުނު މިފަދަ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންނެވި ކޮންމެ ބޭފުޅަކަށް ވެސް އެ ބޭފުޅެއްގެ ޚިޔާލާއި ކަންބޮޑުވާ ކަންކަމާ ބެހޭ ގޮތުން މިނިވަންކަމާ އެކު އެ ބޭފުޅަކު ދައްކަވަން ބޭނުންފުޅުވާ ވާހަކައެއް ދެއްކެވުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައި. އަދި ކުރިއަށް ހުރި ބައްދަލުވުންތަކުގައި ވެސް ޢަމަލުކުރައްވާނީ އެ އުޞޫލުން," ހީނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ، އެއްވެސް މީހަކު ރައީސާ ކުރަން ބޭނުންވާ ސުވާލު ނުވަތަ ޚިޔާލު އެއްވެސް ފަރާތަކާ ކުރިއާލާ ޙިއްސާކުރަން ނުޖެހޭނެ ކަމަށެވެ.

މައްޗަންގޮޅީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިދިޔަ ހަފުތާގައި ރައީސް ބޭއްވެވި ބައްދަލު ކުރެއްވުމުގައި ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް އަޙްމަދު މުއިއްޒު ވަނީ ޝަރުއީ ދާއިރާއާ މެދު ސަރުކާރުން އަމަލުކުރަމުން އަންނަ ގޮތާމެދު ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ.

އެ ބައްދަލުވުމުގައި ކުރީގެ ޕީޖީ މުއިއްޒު ވަނީ ގާނޫނުއަސާސީއަށް އިސްލާހު ގެންނައިރު، ޖޭއެސްސީ އިސްލާހު ނުކުރަނީ ކީއްވެތޯ ސުވާލު އުފައްދަވަފާއެވެ.

ވަކީލް މުއިއްޒު ވިދާޅުވީ، ޖޭއެސްސީގެ ރައީސަކަށް ކުރިއާއި މިހާރު ވެސް ހުންނަވަނީ ރައީސުލްޖުމްހޫރިއްޔާގެ ޕާޓީއަށް ނިސްބަތްވާ ބޭފުޅެއް ކަމަށެވެ.

އެކަމަކު، އޭގެ ބަދަލުގައި އެ ކޮމިޝަނުގެ ހުންނަންވާނީ ސުޕްރީމް ކޯޓު ތަމްސީލުކުރައްވާ ފަނޑިޔާރެއް ކަމަށް ވަކީލް މުއިއްޒު ގަބޫލުކުރައްވައެވެ.

މީގެ އިތުރުން ވެސް ބައެއް އާއްމުން ގެންދަނީ އެ މީހުންނަށް ދަތިވާ ކަންކަން ރައީސަށް ހުށަހަޅުއްވަމުންނެވެ. އެކި ސަރަހައްދުތަކުގެ މީހުންނަށް ބާއްވާ މި ބައްދަލުވުންތަކުގައި ތަކުރާރުކޮށް އެއް ބަޔަކު ބައިވެރިވެ, ސުވާލު ކުރަމުން އަންނާތީ ވެސް ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.