28 Nov 2025, 13:27

ފަސްދޮޅަސް އަހަރު ތެރޭގައި ޗައިނާގައި ހިނގި އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ގާތްގަނޑަކަށް 94 މީހުން މަރުވެއްޖެއެވެ.
ޓައި ޕޯ ސަރަހައްދުގައި ހުންނަ ވަންގް ފުކް ކޯޓް ހައުސިން ކޮމްޕްލެކްސްގެ ހަތަރު އިމާރާތެއްގައި އަލިފާން ރޯވީ މިދިޔަ ބުދަ ދުވަހެވެ. އަލިފާންގަނޑު މިހާރު ކޮންޓްރޯލުވެފައި އޮތް ނަމަވެސް އަދިވެސް ދުން އަރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
މީހުން ސަލާމަތްކުރުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނައިރު، ކޮމްޕްލެކްސްގެ މަތީ ފަންގިފިލާތަކުގައި މީހުން ތާށިވެފައި ތިބި ކަމަށް ބެލެވޭ ކަމަށް އޮފިޝަލުން ބުނެއެވެ. ހޮންކޮންގުގެ ޗީފް އެގްޒެކެޓިވް ޖޯން ލީ ވިދާޅުވީ، ބުރާސްފަތި ދުވަހުގެ ވަގުތެއްގައި 279 މީހުންނާ ގުޅުން ކެނޑިފައިވާ ކަމަށެވެ.
ހޮންކޮންގުގެ ފަޔާ ސާވިސަސް ޑިޕާޓްމަންޓުން ބުނާ ގޮތުގައި ޗައިނާ ގަޑިން މިއަދު ހެނދުނުގެ ނިޔަލަށް ހާދިސާގައި މަރުވި މީހުންގެ އަދަދު 94 އަށް ވަނީ އުފުލިފައެވެ. އޭގެ ތެރޭގައި އަލިފާން ނިއްވަން އުޅުނު މީހަކު ވެސް ހިމެނެއެވެ. ހާދިސާގައި 70 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާއިރު، ގިނަ ބަޔަކު ފިހި، އަނެއް ބަޔަކަށް ދުމުގެ އަސަރުކޮށް ނޭވާލާން އުދަގޫވެފައިވެއެވެ.
އުސް އިމާރާތްތަކުގެ ބޭރު ފާރުތަކުގައި ހުރި ބައެއް ތަކެތި އަލިފާނުން ދިފާއުވުމުގެ މިންގަނޑަށް ނުފެތޭ ކަމަށާއި، އާދަޔާ ހިލާފަށް އަލިފާންގަނޑު ފެތުރިގެން ދިޔަ ކަމަށް ކަމާބެހޭ ފަރާތްތަކަށް ބުނެއެވެ.
އެ ހާދިސާއާ ގުޅިގެން ޝައްކު ކުރެވޭ ތިން މީހުން ވަނީ ހައްޔަރުކޮށްފައެވެ.

އަލިފާނުގެ ހާދިސާއިން ސަލާމަތްވި ބައެއް މީހުން. ފޮޓޯ/ގެޓީ
އެއީ ވަންގް ފުކް ކޯޓް އެޕާޓްމަންޓް ބްލޮކް މަރާމާތުކުރުމުގެ މަސައްކަތް ކުރާ ކުންފުންޏަށް ނިސްބަތްވާ ތިން މީހުންނެވެ. އެއީ، ކުންފުނީގެ ދެ ޑިރެކްޓަރުންނާއި އިންޖިއަނަރު ކަމަށް ފުލުހުންގެ ސީނިއާ ސުޕްރިންޓެންޑެންޓް އައިލީން ޗަންގް ވިދާޅުވިއެވެ.
އަލިފާނުގެ ހާދިސާ ހިނގި ކަމަށް ވަނީ ވަންގް ފުކް ކޯޓް އެޕާޓްމަންޓް ބްލޮކް މަރާމާތުކުރާއިރު އެ ތަނުގައި ދަމާފައިހުރި ދާގަނޑުތައް ހިފަހައްޓަން ޖަހާފައިވާ ހިކި އޮނުގެ ފްރޭމް ގަނޑެއްގައި އަލިފާން ރޯވެގެންނެވެ. މި ފްރޭމްގަނޑުގައި އަލިފާން ރޯވާން މެދުވެރިވި ސަބަބު ސާފެއް ނޫނެވެ.
ޖުމްލަ އަށް ޓަވަރު ހުންނަ މީހުން ދިރިއުޅޭ އިމާރާތަކީ ސަރުކާރުގެ އިޖުތިމާއީ ބޯހިޔާވަހިކަމުގެ ދަށުން ތަރައްގީކޮށްފައިވާ އިމާރާތެކެވެ. އެ ތަނުގެ ކޮންމެ ޓަވަރެއްގައި 31 ފަންގިފިލާ ހުންނައިރު، އެ ތަނުގައި 1983 ވަނަ އަހަރުން ފެށިގެން މީހުން ދިރިއުޅެމުންދެއެވެ. އެ އިމާރާތުގައި 2،000 އާ ގާތްކުރާ އަދަދަކަށް މީހުން ދިރިއުޅޭ ޔުނިޓް ހުރެއެވެ.
ލީ ވިދާޅުވީ، ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން 38.6 މިލިއަން އެމެރިކާ ޑޮލަރުގެ ފަންޑެއް ސަރުކާރުން ގާއިމުކުރާނެ ކަމަށެވެ.
ޗައިނާގެ ގިނަ ކުންފުނިތަކާއި ގްރޫޕްތަކުން ޝިއޯމީ، އެކްސްޕެންގް އަދި ގީލީގެ އިތުރުން އަލީބާބާގެ ބާނީ ޖެކް މާގެ ޗެރިޓީ ފައުންޑޭޝަނުން ވެސް ވަނީ އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު މީހުންނަށް އެތައް މިލިއަނެއް ދޭނެ ކަމަށް ބުނެފައެވެ.