24 Aug 2012, 20:37
އެންމެ އަވަހަށް ބާއްވާ ރިޔާސީ އިންތިހާބެއްގައި ވާދަކުރެއްވުމާ މެދު ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
ރައީސް މިހާރުލަންކާ އަށް ކުރައްވައި ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޑރ. ވަހީދު ވިދާޅުވީ "ކުރިއަށް އޮތް މަދު މަސްތަކުގެ ތެރޭގައި އެކަމާ މެދު ގޮތެއް ނިންމަވާނެ" ކަމަށެވެ. އަދި އެކަމާ މެދު ފުންކޮށް ވިސްނަވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެ މައުލޫގައި އިތުރު އެއްޗެއް ރައީސް ވިދާޅެއްނުވި އެވެ.
މި މަހުގެ 30ގައި އާންމު ކުރާ ކޯނީގެ ރިޕޯޓާ ގުޅިގެން އިސްތިއުފާދެއްވާނަންތޯ ނޫސްވެރިއަކު ދެންނެވުމުން ރައީސް ޑރ. ވަހީދު ވިދާޅުވީ ކޯނީގެ ރިޕޯޓާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ތައްޔާރަށް ހުންނެވި ކަމަށާއި އެމަނިކުފާނު އަމިއްލަ ފުޅަށް ކަމެއް ކުރަން ޖެހިވަޑައިގެން ނަމަވެސް އެ ފިޔަވަޅެއް އެޅުއްވުމުގައި ފަސްޖެހި ވަޑައިނުގަންނަވާނެ ކަމަށެވެ.
"ނަމަވެސް އެ ފިޔަވަޅެއްވެސް އަޅަންޖެހޭނީ އޮންނަ ގޮތަށް އެ އުސޫލުގެ ތެރެއިން، އަޅުގަނޑު މި މަގާމާއި ހަވާލުވެގެން މިހުރީ ގާނޫނު އަސާސީގައި އަޅުގަނޑަށް މި މަސްއޫލިއްޔަތު ލާޒިމް ކުރާތީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކޯނީގެ ރިޕޯޓުގެ ސަބަބުން ގައުމުގައި ހަމަނުޖެހުމެއް އިތުރަށް ނުއުފެދޭނެ ކަމަށާއި ސަރުކާރުން އެކަމުގައި މަޝްވަރާއަށް ހުޅުވާލާފައިވާތީ ރިޕޯޓަށް ފަހު ވެސް ރާއްޖެ ދާނީ އަމާންކޮށް ކަމަށްވެސް އުންމީދުކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގައި މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ސަރުކާރުން މަގުފަހި ކޮށްދޭނެ ކަމަށާއި ނަމަވެސް އެކަން ކުރަން ޖެހޭނީ ގާނޫނުގެ ތެރެއިން ކަމަށެވެ.
"އިލެކްޝަނެއް އިއުލާންކުރުމަކީ އަޅުގަނޑުގެ ކަމެއްވެސް ނޫން، އެކަން ކުރާނީ އިލެކްޝަންސް ކޮމިޝަނުން، އަދި އިލެކްޝަނެއް ބޭއްވޭނެ ގޮތްވެސް ގާނޫނުގައި ލިޔެފައި އޮވޭ، އެއީ އެންމެ އަވަހަށްވެސް ޖުލައި މަހު،" ރައީސް ވިދާޅުވި އެވެ.