28 Nov 2025, 10:42

އިންޑިއާގެ މަޝްހޫރު ފިލްމީ އާއިލާ ކަޕޫރު ޚާންދާނުގެ މެމްބަރުންގެތެރެއިން އެންމެ ސިއްހަތު ރަނގަޅު މެމްބަރަކީ ކުރީގެ ބަތަލާ ނީތޫ ކަޕޫރު ކަމަށް އެ އާއިލާގެ މެމްބަރެއް ކަމަށްވާ އާދަރު ޖެއިން ބުނެފިއެވެ.
މިދިޔަ ހުކުރު ދުވަހު ނެޓްފްލިކްސްގައި ޕްރީމިއާކުރި "ޑައިނިންގް ވިތު ދަ ކަޕޫރްސް" ޝޯގައި ވާޙަކަ ދައްކަމުން އާދަރު ބުނެފައި ވަނީ ނީތޫ އަކީ ކަޕޫރު އާއިލާގެ މެމްބަރުންގެ ތެރެއިން ކެއުމުގައި ވެސް ވަކި މިންގަނޑެއް ގެންގުޅޭ ހަމައެކަނި މެމްބަރު ކަމަށެވެ.
އެގޮތުން ކަޕޫރު އާއިލާއިން ބާއްވާ ބޮޑެތި ކެއުންތަކާއި އެއްވުންތަކުގައި ނީތޫ ބައިވެރިވާއިރު އަބަދުވެސް ހާއްސަ ތަށިބަރިއެއް ގެންގުޅޭ ކަމަށް އާދަރު ވަނީ ބުނެފައެވެ. އޭގެތެރޭގައި އެ އާއިލާއިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ 'ކްރިސްމަސް ލަންޗް' ހިމެނޭ ކަމަށް ވެސް އާދަރު ބުނެފައިވެއެވެ.
އާއްމުކޮށް ކަޕޫރު އާއިލާއިން ބާއްވާ ކެއުންތަކުގައި އާއިލާގެ މެމްބަރުންނަށް މީރު އެންމެ ފެންވަރުގެ ކެއުންތައް ހިމެނުނު ނަމަވެސް ނީތޫ ބޭނުންވަނީ ސިއްހަތަށް ފައިދާހުރި ކެއުމަކަށް އިންސާފު ކުރުމަށް ކަމަށާއި އެއީ މައްސަލައެއް ނޫންކަން ވެސް އާދަރު ވަނީ ފާހަގަކޮށްފައެވެ.

ނީތޫ ކަޕޫރު ކުރީގެ އެކްޓަރު އަދި ފިރިމީހާ ރިޝީ ކަޕޫރާ އެކު--ފޮޓޯ/އެންޑީޓީވީ
އެ އާދަ އެގޮތުގައި ދެމިއޮންނަތާ އެތައް އަހަރުތަކެއް ވެފައިވާއިރު ނީތޫގެ މައިދައިތަ، ކުރީގެ އެކްޓަރު ރިޝީ ކަޕޫރުގެ މަންމަ ކްރިޝްނާ ކަޕޫރު އިންތިޒާމްކޮށްގެން ބާއްވާ ކެއުންތަކަށް ވެސް ނީތޫ ދާނީ އަމިއްލަ ތަށިބަރި ހިފައިގެންކަމަށް އާދަރު ވަނީ ބުނެފައެވެ.
އެކްޓަރު ރަންބީރު ކަޕޫރުގެ މަންމަ ނީތޫ ކަޕޫރު އަބަދުވެސް ފާހަގަކުރެވިފައި ވަނީ ސިއްހަތަށް ވަރަށް ހާއްސަ ސަމާލުކަމެއް ދެމުން އަންނަ ފިލްމީ ތަރިއެއްގެ ގޮތުގައެވެ. ނީތޫގެ ބަދަލުނުވާ މި އާދައާ ގުޅިގެން އިންޑިއާގެ މަޝްހޫރު ޑައިޓީޝަން ގަރީމާ ގޯޔަލް ބުނެފައި ވަނީ ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށް ކެއުމުގެ ރަނގަޅު އާދަތައް މަތީ ގަވައިދުން ދެމިހުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.
ނީތޫ ދުޅަހެޔޮކަންމަތީ ދެމިހުރުމުގެ އެންމެ މުހިއްމު އެއް ސަބަބަކީ އެއީ ކަމަށް ގަރީމާ ވަނީ ފާހަގަކޮށްފައެވެ.
ކުރީގެ އެކްޓަރު ރިޝީ ކަޕޫރާ އެކު ކުރިން މީޑިއާއަށް ދީފައިވާ އިންޓަވިއުތަކުގައި ވެސް ނީތޫ ވަނީ ހަށިގަނޑަށް ބަލައިގެން ކެއުމަށާއި ސިއްހަތަށް ބަލައިގެން އުޅުމަށް ފިރިމީހާއަށް އަބަދުވެސް ނަސޭހަތްތެރިވާ ކަމަށް ބުނެފައެވެ.
ނަމަވެސް ކަޕޫރު އާއިލާގެ ހުރިހާ މެމްބަރުންނަކީ ވެސް ބޮޑެތި ކެއުންތަކުގައި ބައިވެރިވެ ވަރަށް ފޯރި އާއި ޖޯޝާ އެކު ކެއުމުގައި ބައިވެރިވާ ބައެއްކަން ވަނީ ފާހަގަކުރެވިފައެވެ.