28 Nov 2025, 10:46

ބޮލީވުޑްގެ މަގުބޫލު އެކްޓަރު ސަލްމާން ޚާން މުމްބައީގައި ދިރިއުޅެމުންދާ ގެލެކްސީ އެޕާޓްމަންޓަށް ބަޑީގެ ހަމަލާތަކެއް ދިން މައްސަލައިގައި ހައްޔަރުކުރި ފަސް މީހުންނަށް ދައުވާކޮށްފިއެވެ.
ދަ އިންޑިއަން އެކްސްޕްރެސްގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން މި ފަސް މީހުންގެ މައްޗަށް ދައުވާކޮށްފައި ވަނީ މުމްބާއީގައި ހުންނަ މަހަރާސްތުރާ ކޮންޓްރޯލް އޮފް އޮގަނައިޒްޑް ކްރައިމް އެކްޓް ކޯޓުންނެވެ. އަދި މި މައްސަލައިގެ އަޑުއެހުންތައް ވަރަށް އަވަހަށް ބާއްވަން ނިންމާފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.
މި މައްސަލައިގައި ދައުވާކޮށްފައިވާ ފަސް މީހުންނަކީ ވިކީކުމާރު ގުޕްތާ، ސާގަރްކުމާރު ޕަލް، ސޯނޫކުމާރު ބިޝްނޯއީ، ރާފިގް ސަރުދާރު ޗައުދަރީ އަދި ހަރްޕަލް ސިންގް ކިޔާ މީހެކެވެ.

ބޮލީވުޑް އެކްޓަރު ސަލްމާން ޚާން އަދި އެކްޓަރަށް ލިބޭ މަރުގެ އިންޒާރުތަކުގެ ފަހަތުގައި ހުރި އިންޑިއާގެ ގޭންގްސްޓާ ލޯރެންސް ބިޝްނޯއި--ފޮޓޯ/ހިންދުންސްތާންޓައިމްސް
މީގެއިތުރުން އިންޑިއާގެ މަޝްހޫރު ގޭންގްސްޓާރުން ކަމަށްވާ ލޯރެންސް ބިޝްނޯއީ އާއި އަންމޯލް ބިޝްނޯއީގެ އިތުރުން ރާވްތަރަމަ ސްވާމީ އަދި ރަވީ ގޯދުރިއާ ކިޔާ މީހުންނަކީ މި މައްސަލައާ ގުޅުންހުރި އިންޑިއާގެ ފުލުހުން ހޯދަން ބޭނުންވާ މީހުން ކަމަށް ވެސް ކޯޓުން ވަނީ ނިންމާ އިއުލާނުކޮށްފައެވެ.
މި އެންމެންގެ މައްޗަށް ވެސް ކޯޓުން ކުރި ދައުވާގައި ގޭންގު ހަދައިގެން ކުށްކުރުމާ އެކު މީހަކު މަރާލުމުގެ ނިޔަތުގައި ކުށްކުރުން އަދި ޓެރަރިޒަމާ ގުޅުންހުރި އަމަލުތައް ހިންގުމުގެ ދައުވާ ވެސް ހިމެނެއެވެ.
ސަލްމާންގެ ގެލެކްސީ އެޕާޓްމަންޓަށް ބަޑީގެ ހަމަލާތައް ދީފައި ވަނީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ 14 ވަނަ ދުވަހު ފަތިހުގެ ވަގުތެއްގައެވެ. ބަޑީގެ ހަމަލާތައް ދިންތާ 24 ގަޑިއިރުތެރޭ ފުލުހުން ވަނީ އެ ސަރަހައްދުގައި ސައިކަލެއްގައި ހަރަކާތްތެރިވި ދެ މީހުން ކަމަށްވާ ސާގަރުކުމާރު ޕަލް އަދި ވިކީކުމާރު ގުޕްތާ ހައްޔަރުކޮށްފައެވެ.
މި މައްސަލައިގައި ހައްޔަރުކުރި މީހުންގެތެރެއިން އެކަކު ވަނީ ބަންދުގައި ހުއްޓާ އަމިއްލައަށް މަރުވެފައެވެ.
މީގެކުރިންވެސް އެކިފަހަރުމަތިން މަރުގެ އިންޒާރުތައް ލިބެމުންދިޔަ އެކްޓަރުގެ ގެއަށް ދިން ބަޑީގެ ހަމަލާގެ ޒިންމާ ނަގާފައިވަނީ އިންޑިއާގެ ހައިދަރުއާބާދުގެ ޖަލުގައި އޮތް މަޝްހޫރު ގޭންގްސްޓާ ލޮރެންސް ބިޝްނޯއީގެ ކޮއްކޮ އައްމޯލް ބިޝްނޯއީއެވެ.
އެމެރިކާގައި ދިރިއުޅެމުންދިޔަ އައްމޯލް އެ ޤައުމުން އިންޑިއާއަށް ޑީޕޯޓުކޮށްލުމާ އެކު އިންޑިއާގެ ނެޝަނަލް އިންވެސްޓިގޭޝަން އެޖެންސީ (އެންއައިއޭ)އިން ވަނީ އޭނާ ހައްޔަރުކޮށްފައެވެ.