'ފެމިލީ މޭން'ގައި ކުޅުނު ކެރެކްޓާއަކީ ތަފާތު ތަޖުރިބާއެއް: ނިމްރަތު
'ފެމިލީ މޭން'ގައި ކުޅުނު ކެރެކްޓާއަކީ ތަފާތު ތަޖުރިބާއެއް: ނިމްރަތު

ޕްރީމިއާކުރިތާ ހަފުތާއެއްވެފައިވާ އެމެޒޯން ޕްރައިމްގެ މަގުބޫލު ވެބް ސީރީސް "ދަ ފެމިލީ މޭން"ގެ ތިންވަނަ ސީޒަންއަކީ މުޅީން އާ ތަޖުރިބާތަކެއް ކުރެވުނު ސީރީސްއެއް ކަމަށް ބަތަލާ ނިމްރަތު ކައުރު ބުނެފިއެވެ.

"ދަ ފެމިލީ މޭން 3"ގައި "މީރާ"ގެ ނަމުން ގެނެސްދިން ކެރެކްޓާއަކީ މިހާތަނަށް ކެރިއަރުގައި ކުޅުނު އެންމެ ޗެލެންޖިންގް ރޯލް ކަމަށް ވެސް ބަތަލާ ވަނީ ބުނެފައެވެ.

ވަރަށް ޖެހިލުން ކުޑަ ރިސްކު ނަގަން ކެރޭ ކެރެކްޓާއަކުން ނިމްރަތު ފެނުނުއިރު އެއީ ވިލެންއެއްގެ ރޯލަކަށް ވުރެ ބޮޑަށް މީގެ ކުރިން ނިމްރަތުގެ ފަރާތުން ނުފެންނަ ތަފާތު ހުނަރެއް ދައްކުވައިދިން ރޯލެއް ކަމަށް 43 އަހަރުގެ ބަތަލާ ވަނީ ބުނެފައެވެ.

ތިންވަނަ ސީޒަންގައި ނިމްރަތު ކުޅެފައިވަނީ އެ ފިލްމުގެ ލީޑް ތަރި ކަމަށްވާ މަނޯޖް ބަޖްޕައީ (ސްރީކާންތު ތިވާރީ)އާ ދެކޮޅަށް ވަރަށް ރޭވުންތެރި ޖަރީމާއެއް ހިންގާ ޖެހިލުންކުޑަ އަންހެނެއްގެ ރޯލެވެ.

ނިމްރަތު އަދި "ފެމިލީ މޭން 3"ގެ މުހިއްމު ތަރިން ކަމަށްވާ މަނޯޖް ބަޖްޕައީ އަދި ޖައިދީޕް އަހްލަވާތު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

މިހާތަނަށް ނިމްރަތު ކުޅެފައިވާ ފިލްމުތަކުގެ ތެރޭ "ދަ ލަންޗް ބޮކްސް"، "އެއާލިފްޓް" އަދި "ދާސްވީ" ހިމެނޭއިރު އެ ފިލްމުތަކާ އަޅާކިޔާއިރު "ފެމިލީ މޭން"ގެ ތިންވަނަ ސީޒައިން ބެލުންތެރިންނަށް ދައްކުވައިދިނީ މިހާތަނަށް ބަތަލާގެ ނުފެންނަ ފަރާތެއް ކަމަށް ނިމްރަތު ވަނީ ބުނެފައެވެ.

ޕްރެސް ޓްރަސްޓް އިންޑިއާއަށް ދިން އިންޓަވިއުއެއްގައި ނިމްރަތު ބުނީ، މިހާތަނަށް އޭނާ ކުޅެފައިވާ ފިލްމުތަކުގެ ތެރެއިން ބެލުންތެރިންގެ ފަރާތުން އެންމެ ގިނަ ފާޑުކިޔުންތައް ވެސް ލިބުނީ އެމެޒޯން ޕްރައިމްގެ ވެބް ސީރީސްގެ ކެރެކްޓާއަށް ކަމަށެވެ. އެ ހުރިހާ ފާޑުކިޔުންތަކަކީ ނެގެޓިވް ވިސްނުމެއް ނެތި ބެލުންތެރިންގެ ފަރާތުން ލިބުނު ލޯބި ކަމަށް ގަބޫލުކުރާ ކަމުގައި ބަތަލާ ވަނީ ބުނެފައެވެ.

އެހެންވެ، "ފެމިލީ މޭން 3"ގެ ކެރެކްޓާއާ ގުޅޭގޮތުން ވާހަކަ ދައްކަނީ ވެސް ވަރަށް ފަޚުރުވެރިވެފައި ހުރެ ކަމަށް ނިމްރަތު ވަނީ ބުނެފައެވެ.

ކުޅަދާނަ ފިލްމު ޑައިރެކްޓަރުން ކަމަށްވާ ރާޖް އާއި ޑީކޭގެ ސީރީސްގެ ތިންވަނަ ސީޒަން ހަތް އެޕިސޯޑުން ނިންމާލައިރު ބެލުންތެރިން ދެން އިންތިޒާރު ކުރަނީ އެ ސީރީސްގެ ހަތަރުވަނަ ސީޒަންއަށެވެ. ނަމަވެސް، ހަތަރުވަނަ ސީޒަންއިން ނިމްރަތު ފެންނާނެކަމުގެ އިޝާރާތެއް މިހާތަނަށް ބަތަލާ ދީފައެއް ނުވެއެވެ.