ސަލްމާންގެ ޚާއްސަ ފެނިލުމެއް ސަނީގެ ފިލްމު 'ގަބްރޫ'ގައި
ސަލްމާންގެ ޚާއްސަ ފެނިލުމެއް ސަނީގެ ފިލްމު 'ގަބްރޫ'ގައި

އަންނަ އަހަރުގެ ކުރީކޮޅު ރިލީޒްކުރަން ހަމަޖެހިފައިވާ އެކްޓަރު ސަނީ ޑިއޯލްގެ ފިލްމު "ގަބްރޫ"ގައި ސަލްމާން ޚާންގެ ވަރަށް ޚާއްސަ މަންޒަރުތަކެއް ހިމަނަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ރިޕޯޓުތައް ބުނާގޮތުން ޑައިރެކްޓަރު ޝަޝާންކް އުދަޕޫރުކަރުގެ މި ފިލްމުން ސަލްމާން ފެންނާނީ ފިލްމަށް އިތުރުކޮށްފައިވާ ހާއްސަ ތިން ސީން އަކުންނެވެ.

ފިލްމުގެ ޕްރޮޑަކްޝަން ޓީމާ ހަވާލާދީ މީޑިއާތަކުން ބުނެފައިވާ ގޮތުގައި ސަލްމާން ވަނީ މި ފިލްމަށް މީގެ އަހަރެއްހާ ދުވަސްކުރިން ޝޫޓްކޮށްދީ ނިންމާފައެވެ.

ސަލްމާން އާއި ސަނީ އަކީ ދެ އެކްޓަރުން އެކީގައި 1996ގައި މަސައްކަތްކުރި ފިލްމު "ޖީތު"ގެ ދުވަސްވަރުން ފެށިގެން ވަރަށް ގާތް ދެ ރަހްމަތްތެރިންނެވެ. އަދި ސަނީގެ މި ފިލްމަށް ސަލްމާން މަސައްކަތްކޮށްދީފައި ވަނީ ވެސް ސަނީއާ އެކު އޮތް ގާތް ރަހްމަތްތެރިކަމުގެ ގުޅުމަށް އިހުތިރާމް ކުރުމުގެ ގޮތުން ކަމަށް ފިލްމީ ޚަބަރުތަކުން ވަނީ ބުނެފައެވެ.

ސަލްމާން ޚާން އަދި އެކްޓަރު ސަނީ ޑިއޯލް--ފޮޓޯ/ފިލްމުފެއަ

ވިޝާލް ރާނާ ޕްރޮޑިއުސްކޮށްފައިވާ ފިލްމު "ގަބްރޫ" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ މާޗް މަހުގެ 13ގައެވެ. ސަނީ އާއި ސަލްމާންގެ އިތުރުން މި ފިލްމުން ފެންނާނެ އިތުރު ތަރިންގެތެރޭ ސިމްރަން ބައްގާ އަދި ޕްރިތު ކަމާނީ ހިމެނެއެވެ.

ސަނީގެ ކުރިއަށްހުރި ފިލްމުތަކުގެ ތެރެއިން އަންނަ އަހަރު ޖެނުއަރީ މަހުގެ 23ގައި ރިލީޒްކުރާ ފިލްމު "ބޯޑާ 2" ވެސް ހިމެނެއެވެ. ރިޕޯޓުތައް ބުނާގޮތުން ސަލްމާން ޚާން މިހާރު ޝޫޓިންގް ފަށާފައިވާ ފިލްމު "ބެޓްލް އޮފް ގަލްވާން" ވެސް ބެލުންތެރިންނަށް ގެނެސްދޭން ނިންމާފައި ވަނީ އަންނަ އަހަރުއެވެ.