28 Nov 2025, 10:38

ބޮލީވުޑްގެ ބަތަލާ ޝްރައްދާ ކަޕޫރުގެ ކުރިއަށްހުރި ފިލްމުތަކުގެ ތެރޭ ބަތަލާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް އަޑުއަރާފައިވާ ރާހުލް މޯދީގެ ފިލްމެއް ހިމެނޭ ކަމަށް ބުނެފިއެވެ.
ދާދި ފަހުން ސަޕޯޓަރުންނާ އެކު ސޯޝަލް މީޑިއާގައި ކުރިއަށްދިޔަ ލައިވް ސެޝަންއެއްގައި ބަތަލާ ބުނީ, މިހާރު ވެސް ފިލްމެއްގެ ޝޫޓިން ކުރިއަށްދާ ކަމަށާއި ނަމަވެސް އެ ފިލްމާ ގުޅޭ މައުލޫމާތު އަދި ހިއްސާކުރެވެން ނެތް ކަމަށެވެ.
އެ ފިލްމުގެ މަސައްކަތް ނިމުނުހާ އަވަހަކަށް ސްކްރީން ލިޔުންތެރިޔާ ރާހުލް މޯދީގެ ފިލްމުގެ މަސައްކަތް ފަށާނެ ކަމަށާއި އެ ފިލްމާ ގުޅޭގޮތުން ވާހަކަދެއްކިދާނެ ކަމަށް ޝްރައްދާ ވަނީ ބުނެފައެވެ. އެގޮތުން, އެއީ ވަރަށް ޗެލެންޖިންގް ކެރެކްޓާއަކުން ބަތަލާ ފެންނާނެ ފިލްމެއް ކަމަށާއި ފިލްމު ބިނާވެފައި އޮންނާނީ އިންޑިއާގެ ބަދަލުވަމުން އަންނަ ސަގާފަތުގެ މައްޗަށް ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

ޝްރައްދާ ކަޕޫރު ލޯބިވެރިޔާ ރާހުލް މޯދީއާ އެކު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް
ކުރިއަށް އޮތް ތަނުގައި ފިލްމުތައް ޚިޔާރުކުރާއިރު ވީހާ ވެސް ޗެލެންޖިން ރޯލްތަކަށް އިސްކަންދޭނެ ކަމަށާއި މީގެ ކުރިން ބަތަލާ ކުޅެފައިނުވާ ކަހަލަ ކެރެކްޓާތައް ހިމެނޭ ސްކްރިޕްޓްތަކަށް އިންތިޒާރުކުރާ ކަމަށް "އިސްތިރީ 2"ގެ ބަތަލާ ވަނީ ބުނެފައެވެ.
މިދިޔަ އަހަރު ރިލީޒްކުރި ޝްރައްދާގެ ފިލްމު "އިސްތިރީ 2"އަށް ބޮކްސް އޮފީހުގައި ރެކޯޑު އަދަދަކަށް އާމްދަނީ ލިބުނުއިރު އެ ފްރެންޗައިސްއަކީ ޝްރައްދާގެ ކެރިއަރުގެ އެންމެ ކާމިޔާބު އެއް ފްރެންޗައިސްއެވެ.
ފިލްމީ ޚަބަރުތައް ބުނާގޮތުން ޝްރައްދާ މިހާރު މަސައްކަތް ކުރަމުން އަންނަނީ އިންޑިއާގެ ކްލެސިކަލް ނެށުންތެރިއެއް ކަމަށްވާ ވިތާބާއިގެ ހަޔާތުގެ މައްޗަށް ބިނާކޮށް "އީތާ"ގެ ނަމުގައި އުފައްދާ ފިލްމެއްގައެވެ. މެޑޮކް ފިލްމްސްއިން ޑައިރެކްޓަރު ލަކްޝްމަން އުތޭކަރު އުފައްދާ މި ފިލްމުން ޝްރައްދާއާ އެކު އެކްޓަރު ރަންދީޕް ހުޑާ ވެސް ފެންނާނެއެވެ.