24 Aug 2012, 19:54
މިއަދު މެންދުރުން ފެށިގެން ހުއްޓުމެއްނެތި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ދ. މީދޫގެ ބޮޑު ބައެއްގައި ފެން ބޮޑުވެ އާންމުންނަށް ދަތިތަކާ ކުރިމަތިވެއްޖެ އެވެ.
މިދޫ ކައުންސިލްގެ ނައިބު ރައީސް މޫސާ އަހުމަދު މިރޭ ވިދާޅުވީ މިއަދު މެންދުރުން ފެށިގެން ހުއްޓުމެއްނެތި ވާރޭ ވެހުމުގެ ސަބަބުން އެރަށުގެ ބޮޑު ބައެއްގައި ފެންބޮޑު ވެފައިވާ ކަމަށާއި އަދި ބައެއް ގޭގެއަށް ފެންވަދެ ހިފާގެންގުޅޭ ބައެއް ސާމާނަށް ގެއްލުން ވެފައިވާ ކަމަށެވެ.
"ހިނގާބިނގާވެ އުޅެން ދަތިވާވަރަށް ވަރަށް ބޮޑަށް ފެންހެދިފައި އޮތީ. ބައެއް ހިސާބުތަކުގައި ދޮޅު ފޫޓަށްވެސް ފެންބޮޑުވެފަ ވަނީ. ގޭގެއަށް ފެން ވަނުމުގެ ސަބަބުން އެގޭގޭގައިހުރި ކަބަޑު، ސޯފާސެޓް، ފަދަ ތަކެއްޗަށް ވަނީ ގެއްލުންތަކެއް ވެފައިވޭ." މޫސަ ވިދާޅުވިއެވެ.
ގޭގެއަށް ފެން ވަންނަމުންދާތީ، ރަށުގެ ރައްޔިތުން ނިކުމެ ބައެއް ގޭތަކުގެ ދޮރުމަތީގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް މިހާރު ކުރަން އަންނަ ކަމަށާއި އަދި ފެންހިއްކުމުގެ މަސައްކަތް އެމްއެންޑީއެފްއާއި ފުލުހުންގެ އެހީތެރިކަމާއެކު ކުރަމުން ދާ ކަމަށް ވެސް ވިދާޅުވި އެވެ.
އެމްއެންޑީއެފް އިން ބުނީ ގާތްގަނޑަކަށް 1200 އަށް ވުރެ ގިނަ މީހުން އުޅޭ މީދޫގައި ފެންބޮވެ އުޅޭ ކަމުގެ މައުލޫމާތް ލިބުމާގުޅިގެން އެމްއެންޑީއެފް ކުޑަހުވަދޫ ޕޯސްޓްގައި މަސައްކަތްކުރާ ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ފަޔާމަނުންނާއި ކޯސްޓްގާޑުގެ ސިފައިނާއި ކުޑަހުވަދޫގައި ތިބޭ ފުލުހުން މިއަދު މެންދުރުފަހު 2:30 ހާއިރު އެރަށަށް ގޮސް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށާއި ރަށުގެ މަގުތަކުގައި ހެދިފައިވާ ފެން ހިއްކުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން ގުޅިގެން މިހާރު ކުރަމުން އަންނަ ކަމަށެވެ.
މޫސުމާބެހޭ އިދާރާއިން ބުނީ ކުރިއަށްއޮތް ދެ ދުވަހުވެސް ރާއްޖޭގެ އެކިހިސާބްތަކަށް ވިއްސާރަކުރާނެ ކަމަށާއި އަދި މެދު ރާއްޖެތެރެއާއި އުތުރުގެ ބައެއް ރަށްރަށަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.