27 Nov 2025, 22:48
ޗައިނާގެ ޓެކްނޮލޮޖީ ދާއިރާގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އަލީބާބާއިން، އެ ކުންފުނީގެ "ކުއާކް އޭއައި ގްލާސް" ގެ ނަމުގައި އުފެއްދި ޒަމާނީ އައިނު ބާޒާރަށް ނެރެ، ގްލޯބަލް ވެއަރަބަލްސް މާކެޓުގެ ވާދަވެރި ރޭހަށް ރަސްމީކޮށް ވަދެއްޖެއެވެ.
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީގެ އެހީގައި ފަރުމާކޮށްފައިވާ މި އައިނަކީ، ޓެކްނޮލޮޖީގެ ދާއިރާއިން އަލީބާބާ ހޯދި ބޮޑު ކުރިއެރުމެއް ކަމުގައި އެކުންފުނިން ސިފަކުރެއެވެ.
މި އައިނުގެ "ހިތް" ކަމުގައިވާ ކުއާކްގެ އޭއައި އިންޖީނުގެ އެހީގައި، ބޭނުންކުރާ ފަރާތްތަކަށް އިންގިލާބީ ފަސޭހަތަކެއް ލިބިގެންދާނެއެވެ. އޭގެ ތެރޭގައި ވަގުތުން ތަރުޖަމާ ކޮށްދިނުމުގެ (ރިއަލް-ޓައިމް ޓްރާންސްލޭޝަން) ގާބިލިއްޔަތާއި ، އޯގްމެންޓެޑް ރިއަލިޓީ (އޭއާރް) ގެ ޚިދުމަތް އަދި އޭއައި އިން ހިންގާ ސްމާޓް އެސިސްޓެންޓް ސިސްޓަމްތައް ހިމެނެއެވެ.
މިއީ ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް މައުލޫމާތު ހޯދުމާއި މުއާމަލާތް ކުރުމަށް ލިބުނު އިތުރު ބާރެކެވެ.
އަލީބާބާގެ 'ކުވެން' އޭއައި މޮޑެލް އާއި އެޕްލިކޭޝަންގެ އެހީގައި މަސައްކަތްކުރާ މި އައިނުގެ އަގު ފެށެނީ 1,899 ޔުއާން (ގާތްގަނޑަކަށް 268.25 އެމެރިކާ ޑޮލަރު) އިންނެވެ. މެޓާ ފަދަ ކުންފުނިތަކުން އުފައްދާ ހެޑްސެޓްތަކާ ޚިލާފަށް، ކަޅު ކުލައިގެ ޕްލާސްޓިކް ފްރޭމެއްގައި ހަދާފައިވާ ކުއާކް އައިނު ބަލާބެލުމަށް ވައްތަރީ އާދައިގެ އައިނަކާއެވެ.
މި އައިނު މިހާރު ޗައިނާގެ ބާޒާރުން ލިބެން ހުރިއިރު، އަލީބާބާގެ މަޝްހޫރު އީ-ކޮމާސް ޕްލެޓްފޯމްތައް ކަމަށްވާ 'ޓީމޯލް' އަދި 'ޓައޮބާއޯ' މެދުވެރިކޮށް އޯޑަރު ކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް މިހާރު ވަނީ ހުޅުވާލާފައެވެ.
އަގު ހެޔޮކޮށް މި އުފެއްދުން ބާޒާރަށް ނެރުމުގެ ބޭނުމަކީ، ވީހާވެސް ގިނަ ބަޔަކަށް އޭއައި ޓެކްނޮލޮޖީގެ ތަޖުރިބާ ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުނެއެވެ.
އެޕަލް، ގޫގުލް އަދި މެޓާ ފަދަ ދުނިޔޭގެ ބޮޑެތި ކުންފުނިތަކުން ކޮންޓްރޯލް ކުރަމުންދާ ވެއަރަބަލްސް މާކެޓަށް އަލީބާބާއިން މި ނުކުތީ، ޓެކްނޮލޮޖީގެ މައިދާނުގައި އެ ކުންފުނީގެ ދައުރު ފުޅާކޮށް، ދިރިއުޅުމުގެ ވައްޓަފާޅިއަށް ޒަމާނީ ބަދަލުތަކެއް ގެނައުމުގެ އަމާޒުގައެވެ. ދަތުރުފަތުރު ކުރުމާއި، ތައުލީމު ހާސިލުކުރުމާއި އަދި މަސައްކަތުގެ މާހައުލުގައި ވެސް މި އައިނުގެ ބޭނުން ވަރަށް ބޮޑަށް ހިފޭނެ ކަމަށް ބެލެވެއެވެ.
މިފަދަ އައު އީޖާދުތަކާއެކު ޑޭޓާގެ ރައްކާތެރިކަމުގެ ގޮންޖެހުންތައް ހުރި ނަމަވެސް، އަލީބާބާގެ ފުޅާ އިކޮނޮމިކް ސިސްޓަމް (އީ-ކޮމާސް އަދި ކްލައުޑް ޚިދުމަތްތައް) ތަކާ މި އައިނު ގުޅުވާލެވިފައި ވުމުން، މުސްތަގުބަލުގައި މީގެ ފައިދާ ވަރަށް ބޮޑަށް ކުރާނެ ކަމަށް ތަޖުރިބާކާރުން ދެކެއެވެ.
ކުއާކް އޭއައި ގްލާސްއާއެކު އަލީބާބާއިން މިވަނީ ޓެކްނޮލޮޖީގެ ދުނިޔޭގައި މުހިންމު ފިޔަވަޅެއް ކުރިއަށް އަޅާފައެވެ.