27 Nov 2025, 23:13

ކާމިޔާބުވާނީ އަމިއްލަ މަންފާއަށްވުރެ ބޮޑަށް އަނެކާއަށް ވެސް މަންފާވާހެން ވިޔަފާރިކުރާނަމަ ކަމަށް ސަން ސިޔާމް ގްރޫޕްގެ ޗެއާމަން އަދި މެނޭޖިން ޑައިރެކްޓަރު އަޙްމަދު ސިޔާމް މުޙައްމަދު މިރޭ ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމުގެ ގޮތުން، ފަތުރުވެރިކަމުގެ ހުރިހާ ވިޔަފާރިތަކަށް ބައިވެރިވެވޭހެން 'ސަން ޓްރެވަލްސް' ރީބްރޭންޑުކުރުމަށް އޮޅުވެލީގައި މިރޭ އޮތް ޚާއްސަ ހަފުލާގައި ވާހަކަފުޅުދައްކަވަމުން ސިޔާމް ވިދާޅުވީ މިއަދު އެމަނިކުފާނުގެ ކާމިޔާބީގެ ފަހަތުގައި ވަނީ އެމަނިކުފާނު އުޅެބޮޑުވި މާހައުލުން ދަސްވި އަޚުލާގު ކަމަށެވެ.
އެގޮތުން އެމަނިކުފާނުގެ ބައްޕާފުޅަކީ އާދައިގެ ކަތީބެއް ކަމަށާއި، އެމަނިކުފާނުގެ މަންމާފުޅާއެކު ވަރަށް ސާދާ ލޯބި ދިރިއުޅުމެއް އޭރު އުޅުނު މަންޒަރު ދުށް ކަމަށް ވިދާޅުވިއެވެ. ބޮޑުފުޅުވަމުން އައިއިރު ދެކެވަޑައިގެންނެވި މަންޒަރަކީ ރަށަށް އަންނަ މެހެމާނުންނަށް ދިން ފުރިހަމަ މެހެމާންދާރީއާއި، އޯގާތެރިވުމާއި، ލޯތްބާއި އަޅާލުން ކަމަށް ސިޔާމް ވިދާޅުވިއެވެ.
"އެހެންވީމަ މިއަދު އަޅުގަނޑަށް ދަސްވި އެއްޗެއް ދަސްވެފައި މިވަނީ ކައިރީ އުޅުނު އަވައްޓެރިންނާއި މައިންބަފައިން އަޅުގަނޑު ގެންގުޅުނު ގޮތުން،" ސިޔާމް ވިދާޅުވިއެވެ.
ސިޔާމް ވިދާޅުވީ ދަރިން ބޮޑުކުރުމުގައި ވެސް ވިސްނަންވީ ކަމަކީ ކުއްޖާގެ އުމުރުން ތިން އަހަރާއި އަށް އަހަރާ ދެމެދަކީ ކުއްޖާ ކަންކަން ދެނެގަންނާނެ އުމުރުކަން ކަމަށެވެ. އެހެންކަމުން ކުއްޖާގެ ވަށައިގެންވާ މާހައުލަކީ ރަނގަޅު ފިލާވަޅު ލިބިދޭ މާހައުލަކަށް ވާންޖެހޭކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސިޔާމް ވިދާޅުވީ ވިޔަފާރިއަކީ ވެސް ހަމަ އެގޮތަށް، ރަނގަޅު އަޚުލާގުގެ މައްޗަށް ބިނާވާ އެއްޗެއް ކަމަށެވެ. ވަކިން ޚާއްސަކޮށް ކާމިޔާބު ވިޔަފާރިއަކީ ކައިރީ ތިބޭ މީހުންނަށް ވެސް އޭގެން މަންފާވާގޮތަށް ކުރާ ވިޔަފާރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފަތުރުވެރިކަމުގެ ހުރިހާ ވިޔަފާރިތަކަށް ހުޅުވާލައި، "ސަން ޓްރެވަލްސް" ރީބްރޭންޑުކުރުމަށް ބޭއްވި ޚާއްސަ އިވެންޓުގެ ތެރެއިން -- ސަން ފޮޓޯ: މުހައްމަދު އަފްވާން
ސިޔާމް ވިދާޅުވީ، އެމަނިކުފާނުގެ ވިޔަފާރި ފެއްޓެވިއިރު، ވަރަށް ބައިވަރު ޓްރެވަލް އެޖެންސީ ހަދައިގެން ވަރަށް ބައިވަރު މީހުން އޭރު ވެސް އުޅުނު ކަމަށެވެ. ނަމަވެސް އެމަނިކުފާނަށް ވިސްނިވަޑައިގަތީ ޓްރެވަލް އެޖެންސީއެއް ހެއްދެވުމަށްފަހު މޮޑެލް ތަފާތުކުރަން ކަމަށް ސިޔާމް ވިދާޅުވިއެވެ. އޭގެ ނަތީޖާއަކީ ކުޑަ ކުޑަ ވިޔަފާރިއެެއްގެ ކެޕިޓަލް އެންމެ ދެ އަހަރު ތެރޭ 100 މިލިއަނަށް އަރައިގެން ދިޔުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މީހަކު ވިޔަފާރިއެއް ކުރާތީ އެންމެންވެސް ވިޔަފާރި ކުރަންވީ. އެގޮތަކަށް ކުރިއަކަށް ނުދާނެ. މޮޑެލް ތަފާތުކުރަންވީ. ކޮންމެ ކަމެއް ކުރާއިރު ވެސް އަޅުގަނޑު ވިސްނީ ކޮޕީކުރުމުގެ ބަދަލުގައި ތަފާތު މޮޑެލްއެއް ހަދަން. އޭގެން އެއް މޮޑެލް އަނެއްކާ ވެސް މި ތައާރަފުކުރީ،" ސިޔާމް ވިދާޅުވިއެވެ.
ސިޔާމް ވިދާޅުވި ގޮތުގައި މިރޭ އިފްތިތާހުކުރި 'ސަން ޓްރެވަލްސް' ބްރޭންޑަކީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މިވަގުތު ހުރި ވަރަށް ބައިވަރު ގެސްޓު ހައުސްތަކާއި، ސަފާރީ ބޯޓުތަކާއި އެ ނޫން ވެސް ހުރި ހުރިހާ ތަނެއް އެއް ޕްލެޓްފޯމަކުން ފެންނާނެ ގޮތަށް، ތައާރަފުކުރި ޕްލެޓްފޯމެކެވެ. އަދި މިއީ މުސްތަގުބަލުގައި ވެސް ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް އިސްކަން ދީގެން އުފެއްދި މޮޑެލެއްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ސިޔާމްގެ ވާހަކަފުޅު ނިންމަވައިލެއްވީ ވިޔަފާރިވެރިންނަށް ދެއްވި ނަސޭހަތަކާއެކުއެވެ.
"ވިޔަފާރިއެއް ކުރިއަރައިދާން ބޭނުންވާނަމަ [މުވައްޒަފުންނަށް] ހުނަރުވެރިކަން ދަސްކޮށްދޭންޖެހޭ. އެމީހުންނަށް ކަމޭ ވެސް ހިތަންޖެހޭނެ. ފައިސާ ހޯދުމެއް ނޫން އުފަލަކީ. އޭގެން އެތައް ބަޔަކަށް ފައިދާއާ ލާބަ ލިބޭ ގޮތަށް [ވިޔަފާރި] ކުރުން. ފަތުރުވެރިން އައިސް ހޮޓާ ފުރުން އެއީ ކާމިޔާބު ވިޔަފާރިއަކީ. އަދި ކައިރީ ތިބޭ އެންމެންނަށް ވެސް އޭގެ ލާބަޔާ މަންފާ ލިބިގެން،" ސިޔާމް ވިދާޅުވިއެވެ.
"ވިޔަފާރިވެރިންނަށް އަޅުގަނޑު ގޮވާލަން ބޭނުންވަނީ، އަނެއް [އެހެން މީހުންނަށް] މުޖުތަމައުއަށް ފައިދާ ވާނެ ކަމެއް ކޮށްގެންނޭ ވިޔަފާރި ކާމިޔާބު ވާނީ،" ސިޔާމް ވިދާޅުވިއެވެ.
އެމަނިކުފާނުގެ ވިސްނުންފުޅަކީ އެއްވެސް ހާލެއްގައި އަމިއްލަ ވިޔަފާރި އެކަނި ކުރިއެރުވުން ނޫން ކަމަށާއި، ހަގީގީ ކާމިޔާބު ލިބޭނީ ކައިރީގައި އުޅޭ އެހެން މީހުންނަށް ވެސް އެ ވިޔަފާރިއަކުން ފައިދާވާނަމަކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ހުރިނަމަ ހުރި ހުރިހާ އެނދެއް މި ޕޯޓްފޯލިއޯއަށް ލާން ހުރިހާ އެންމެންނަށް އަޅުގަނޑުމެން ވެލްކަމް ކިޔަން. ރާއްޖޭގައި ހުރި ހުރިހާ ގެސްޓް ހައުސްތަކަކަށް! ހުރިހާ ހޮޓާ ތަކަކަށް! ހުރިހާ ބެޑަކަށް! ހުރިހާ އެންމެނަށް ތަފާތުކުރުމެއް ނެތި އަޅުގަނޑުމެން މަރުހަބާ ކިޔަން!" ސިޔާމް ވިދާޅުވިއެވެ.