27 Nov 2025, 21:13

ގާނޫނާއި ގަވައިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އަންނަ ހަފުތާއިން ފެށިގެން މަސައްކަތް ހަލުވިވެ، އޭގެ ނަތީޖާ ފެންނާނެ ކަމަށް، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިރޭ ވިދާޅުވެއްޖެއެވެ.
ގާނޫނާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީންގެ މައުލޫމާތު ރިޕޯޓުކުރުމަށް އިކޮނޮމިކް މިނިސްޓްރީން އެދި، މިރޭ ވަނީ އިއުލާނެއް ނެރެފައެވެ.
އެ އިއުލާނު 'އެކްސް'ގައި ހިއްސާކުރައްވައި ސައީދު ލިޔުއްވިގޮތުގައި، ގަވައިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ޓަކައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ޚާއްސަ މަސައްކަތެއް ކުރުމަށް ވަނީ ރޭވައިފައެވެ.
"އިރާދަކުރެއްވިއްޔާ، އަންނަ ހަފުތާއިން ފެށިގެން މި މަސައްކަތް ހަލުއިކޮށް، ރަނގަޅު ނަތީޖާތަކެއް ނެރެމުންދާތަން ފެންނާނެ،" ސައީދު ލިޔުއްވާފައިވެއެވެ.
އޭނާގެ ޕޯސްޓުގައިވަނީ، މިފަދަ ކަންބޮޑުވުންތައް ހައްލުކުރެވޭނީ ސަރުކާރާއި އާންމުން ގުޅިގެން ކަމަށެވެ.
އިކޮނޮމިކް މިނިސްޓްރީގެ އިއުލާނުގައި ފުޅާ ދާއިރާއެއްގައި ގަވައިދާ ޚިލާފަށް ރާއްޖޭގައި ބިދޭސީން ވިޔަފާރިކުރަމުންދާ ކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށެވެ.
މިނިސްޓްރީން ބުނީ، ނިވާފަތްގަނޑަކަށް ދިވެހީން ހަދައިގެން ބިދޭސީން ހިންގަމުން އަންނަ ކަމަށެވެ. އަދި ފޮރިން އިންވެސްޓްމެންޓްގެ ގާނޫނުގައި ބިދޭސީންނަށް ހުއްދަނޫން ދާއިރާތަކުގައި ހަރަކާތްތެރިވަމުން އަންނަ ކަން، މިނިސްޓްރީން ބެލިބެލުމުން ފާހަގަވެފައިވާ ކަމަށެވެ.

އިމިގްރޭޝަން އޮފިސަރުންތަކެއް ބިދޭސީއަކާއެކު -- ފޮޓޯ/ އިމިގްރޭޝަން
އެހެންކަމުން ގާނޫނާއި ގަވައިދާ ޚިލާފަށް މަސައްކަތްކުރާ ބިދޭސީންގެ ވިޔަފާރިތައް އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓާއި މިނިސްޓްރީގެ ހޮޓްލައިން 3333199، ނުވަތަ އިމިގްރޭޝަންގެ އިމުގަ ޕޯޓަލް މެދުވެރިކޮށް ރިޕޯޓުކުރުމަށް މިނިސްޓްރީން އެދެއެވެ.
އެގޮތުން ލިބޭ މައުލޫމާތު ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީއާއި ފުލުހުންނާއި އިމިގްރޭޝަންގެ އިތުރުން ސަރުކާރުގެ ތަންފީޒީ އެހެނިހެން އިދާރާތައް ހިމެނޭ ޓާސްކްފޯހުން އަވަސް ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން މިނިސްޓްރީން ވަނީ ދީފައެވެ.
މިދިޔަ އަހަރުގެ އޮގަސްޓް މަހު ފާސްކޮށް އެއަހަރުގެ ސެޕްޓެމްބަރު މަހު އަމަލުކުރަން ފެށި ފޮރިން އިންވެސްޓްމެންޓް ގާނޫނުގެ ދަށުން މިދިޔަ އޮކްޓޯބަރު މަހުގެ އަށްވަނަ ދުވަހު އިކޮނޮމިކް މިނިސްޓްރީން ވަނީ ބިދޭސީންނަށް ވިޔަފާރިކުރެވޭނެ ދާއިރާތަކާއި ވިޔަފާރިކުރުން މަނާ ދާއިރާތައް އާންމުކޮށްފައެވެ. އެގޮތުން 34 ދާއިރާއަކުން ވިޔަފާރިކުރުން ބިދޭސީންނަށް މަނާވާނެއެވެ.
އޭގެ ތެރޭގައި އޮންލައިން ވިޔަފާރި ހިމެނޭހެން ރީޓެއިލް އަދި ހޯލްސޭލް ވިޔަފާރިއާއި ކެފޭ ރެސްޓޯރަންޓު ހިންގުމާއި ވަޒީފާތަކަށް މީހުން ހޯދުމުގެ ޚިދުމަތްދިނުމާއި ޓިއުޝަން ކްލާސްތަކާއި ޤުރުއާން ކްލާސްތައް ހިންގުމާއި އަތްތެރި މަސައްކަތްކުރުމާއި ފޮޓޯ އަދި ވީޑިއޯގްރަފީގެ ޚިދުމަތްތަކާއި ގާނޫނީ ވަކީލުކަމުގެ ޚިދުމަތްތައް ހިމެނެއެވެ.