ބައިނަލްއަގުވާމީ ކްރެޓިޑް ރޭޓިން އޭޖެންސީ މޫޑީސްއިން، ރާއްޖޭގެ ދަރަނި ދެއްކުމުގެ ގާބިލުކަމަށް ބަލައި ދީފައިވާ ކްރެޑިޓް ރޭޓިން ސީއޭއޭ2ގައި ދެމެހެއްޓި ނަމަވެސް، ކުރީގައި ދީފައި އޮތް 'ނެގެޓިވް އައުޓްލުކް' މިހާރު 'ސްޓޭބަލް'އަށް ބަދަލުކޮށްފިއެވެ.

މި ސަރުކާރުގައި މިދިޔަ ސެޕްޓެމްބަރު މަހު މޫޑީސްއިން ވަނީ ރާއްޖޭގެ ދަރަނ ބޮޑުވުމުގެ ނުރައްކާ ފާހަގަކޮށް، ރޭޓިން ސީއޭއޭ1އިން ސީއޭއޭ2އަށް ދަށްކޮށްފައެވެ. އެއަށްފަހު މިދިޔަ ޑިސެންބަރު މަހާއި މިދިޔަ މެއި މަހު ވެސް ސީއޭއޭ2ގައި އެ ރޭޓިން ދެމެހެއްޓިއެވެ.

މިއަދު މޫޑީސްއިން ނެރުނު ބަޔާނެއްގައި ވަނީ، ރާއްޖޭގެ ރޭޓިން އަނެއްކާވެސް ސީއޭއޭ2ގައި ދެމެހެއްޓިކަން އިއުލާންކޮށްފައެވެ. ނަމަވެސް، ކްރެޓިޑް ރޭޓިން ބަދަލުވުމުގެ ފުރުސަތު ނުވަތަ 'އައުޓްލުކް' މިހާރު ވަނީ މަތިކޮށްފައެވެ.

މޫޑީސްގެ އައުޓްލުކް ހަތަރު ބަޔަކަށް ބެހިފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ޕޮޒިޓިވް، ނެގެޓިވް، ސްޓޭބަލް އަދި ޑިވެލޮޕިން އެވެ. އޭގެ ތެރެއިން ކުރިން ރާއްޖެއަށް ދީފައި އޮތް 'ނެގެޓިވް' އައުޓްލުކްގެ މާނައަކީ ކްރެޑިޓް ރޭޓިން ދަށްކުރުމުގެ ފުރުސަތު ބޮޑު ކަމެވެ. އަދި މިހާރު ދީފައިވާ 'ސްޓޭބަލް' އައުޓްލުކްގެ މާނައަކީ، މެދުރާސްތާގައި ކްރެޑިޓް ރޭޓިންއަށް އެއްވެސް ބަދަލެއް އައުމުގެ ފުރުސަތު ކުޑަ ކަމެވެ.

މޫޑީސްގެ ބަޔާނުގައިވާ ގޮތުން އެ ބަދަލު ގެނައީ، ސަރުކާރުގެ އިސްލާހީ ފިޔަވަޅުތަކާއެކު ބޭރުގެ ފައިސާގެ ރިޒާވް އިތުރުކުރުމާއި ދަރަންޏާއި އިމްޕޯޓަށް ބޭނުންވާ ފައިސާ ހުންނަކަން ކަށަވަރު ކުރުމަށް އަޅައިފައިވާ ފިޔަވަޅުތަކުގެ ސަބަބުންނެވެ. އެގޮތުން 2024ގައި ރިޒާވްތައް ދަށްވި ނަމަވެސް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާއި ސޮވެރިން ޑިވެލޮޕްމެންޓް ފަންޑް (އެސްޑީއެފް)ގައި ހުރި ބޭރު ފައިސާ މިހާރު އިތުރުކޮށްފައިވާ ކަމަށް އެ އިދާރާއިން ފާހަގަކުރިއެވެ.

ރާއްޖެއަށް ފަތުރުވެރިއަކު: ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް އިތުރުވެފައިވާކަން މޫޑީސްއިން ފާހަގަކުރި -- ފޮޓޯ/ އެމްއޭސީއެލް

މޫޑީސްއިން ވަނީ، މިދިޔަ މަހު ބޭރު ފައިސާގެ ރިޒާވްގައި 859 މިލިއަން ޑޮލަރު ހުރި ކަމަށާއި އޭގެ ތެރޭގައި ތިން މަހުގެ އިމްޕޯޓަށް ފައިސާ ދެއްކޭ ވަރަށް ހުރި ކަމާށް ބުނެފައެވެ. އަދި އެއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި ރިޒާވްގައި ހުރި 364 މިލިއަން ޑޮލަރާ އަޅައިބަލާއިރު ބޮޑު ކުރިއެރުމެއްކަން މޫޑީސްއިން ފާހަގަކުރިއެވެ.

ހަމައެއާއެކު މިދިޔަ އަހަރު އެސްޑީއެފްގައި ހުރީ 15 މިލިއަން ޑޮލަރު ނަމަވެސް މި މަހުގެ ނުވަ ވަނަ ދުވަހާ ހަމައަށް އެ އަދަދު 126 މިލިއަން ޑޮލަރަށް އިތުރުވިކަން މޫޑީސްގެ ބަޔާނުގައިވެއެވެ.

އެހެންކަމުން، މާލީ ގޮތުން ބަލާއިރު ރާއްޖެ މިހާރު އޮތީ ދަރަނި ދެއްކުމަށް ކުރިއަށް ވުރެ ރަނގަޅު ހާލަތެއްގައި ކަމަށް މޫޑީސްއިން ބުންޏެވެ. ނަމަވެސް، މިހާރު އޮތް ހާލަތަކީ އަދިވެސް މާލީ ގޮތުން އެންމެ ރަނގަޅު ހާލަތެއް ނޫންކަން މޫޑީސްއިން ފާހަގަކޮށްފައިވެއެވެ. އަދި ކްރެޑިޓް ރޭޓިން ސީއޭއޭ2ގައި ދަމަހައްޓަން ޖެހެނީ އެހެންވެ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

މޫޑީސްއިން މާލީ ހާލަތު ބަލައި، ރޭޓިން ދެނީ 'އޭއޭއޭ' އިން ފެށިގެންނެވެ. އެގޮތުން އެއީ ދަރަނި ދެއްކުމުގެ އެންމެ ގާބިލު ގައުމުތަކަށް ދޭ ރޭޓިންއެވެ. އެއަށްފަހު އަންނަ ރޭޓިންތަކުގެ ތެރޭގައި 'އޭއޭ'، 'ބީއޭއޭ'، އަދި 'ބީބީ'އާއި އެއަށްވުރެ ދަށް ރޭޓިން ހިމެނެއެވެ. 'ބީބީ'އަށް ވުރެ ދަށް ރޭޓިންއެއް ދީފައިވާނަމަ އޭގެ މާނައަކީ އެއީ ދަރަނި ނުދެއްކުމުގެ ނުރައްކާ ބޮޑު ގައުމެއް ކަމެވެ.

އެހެންވެ، އެފަދަ ރޭޓިންއެއް ދީފައިވާނަމަ، އެ ގައުމެއްގައި އިންވެސްޓް ކުރުމުގެ ނުރައްކާ ފާހަގަކޮށް، އެފަދަ ރޭޓިން 'ޖަންކް' ރޭޓިންގެ ގޮތުގައި ސިފަކުރެއެވެ.

ރާއްޖެއަށް މާލީ ގޮތުން އޮތް ނުރައްކާތަކުގެ ގޮތުގައި މޫޑީސްއިން ފާހަގަކުރީ، އަންނަ އަހަރު އެކަނި ވެސް 950 މިލިއަން ޑޮލަރު ދައްކަން ޖެހުމެވެ. އޭގެ ސަބަބުން، ބޭރު ފައިސާގެ ރިޒާވާއި އެސްޑީއެފަށް އޮތް ޕްރެޝަރު އިތުރުވާކަން އެ އިދާރާއިން ފާހަގަކުރެއެވެ.

ވިޔަފާރި ބަނދަރު ސަރަހައްދު: ބޭރު ފައިސާގެ ރިޒާވް އިތުރުވެ، ތިން މަހުގެ އިމްޕޯޓަށްވާ ވަރަށް މިދިޔަ މަހު ޑޮލަރު ހުރި ކަމަށް މޫޑީސްއިން ބުނޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މީގެ އިތުރުން ދިގު މުއްދަތަށް ބަލާއިރު ވެސް، ރާއްޖޭގެ ދަރަނި ބޮޑުވާނެ ކަމަށް މޫޑީސްއިން ލަފާކުރެއެވެ. އެގޮތުން މިދިޔަ އަހަރު ދަރަނި ހުރީ ޖީޑީޕީގެ ނިސްބަތުން 114 ޕަސެންޓުގައި ކަމާއި، އެއީ ކޮވިޑް ތެރޭގައި ދަރަނި ވަރަށް ބޮޑަށް އުފުލުނުއިރު ހުރި، 117 ޕަސެންޓާ ވަރަށް ގާތް އަދަދެއްކަން ބަޔާނުގައިވެއެވެ.

މީގެ އިތުރުން ބޭރުން ފައިސާ ނުލިބުމުން، ދައުލަތުން ގައުމުގެ އެތެރެއިން ފައިނޭންސް ހަމަޖައްސަން ޖެހި، އެތެރޭގެ ދަރަނި ނުރައްކާ މިންވަރަކަށް އިތުރުވެފައިވާ ކަމުގެ ކަންބޮޑުވުން މޫޑީސްއިން ފާޅުކުރިއެވެ.

އެ އިދާރާއިން ލަފާކޮށްފައިވަނީ، ސަރުކާރުން ބަޖެޓް ޑެފިސިޓް ކުޑަކުރި ނަމަވެސް، ދަރަނި ކުޑަވަމުންދާނީ މަޑުމަޑުން ކަމަށާއި، ކުރިއަށް އޮތް ތިނެއް ނުވަތަ ހަތަރު އަހަރު ވެސް ދަރަނި ހުންނާނީ ޖީޑީޕީގެ ނިސްބަތުން 100 ޕަސެންޓަށް ވުރެ މަތީގައި ކަމަށެވެ. އެއާ އަޅައިބަލާއިރު، ސީއޭއޭ ރޭޓިން އެންމެ ގިނައިން ދޭ ގައުމުތަކުގެ ރޭޓިން ހުންނަނީ 65 ޕަސެންޓާއި 70 ޕަސެންޓާ ދެމެދުގައި ކަމަށް މޫޑީސްގެ ބަޔާނުގައިވެއެވެ.

މޫޑީސްއާއެކު، ދުނިޔޭގެ އެންމެ ބޮޑެތި ރޭޓިން އޭޖެންސީތަކުގެ ތެރޭގައި ހިމެނޭ ފިޗުން ވެސް ރާއްޖެއަށް ދީފައި އޮތީ 'ސީސީ' ނުވަތަ 'ޖަންކް' ރޭޓިންއެކެވެ.

ބައިނަލްއަގުވާމީ އިދާރާތަކުން ކަންބޮޑުވުން ފާޅުކުރަނީ ރާއްޖެއިން އަންނަ އަހަރު ބޮޑު ދަރަންޏެއް ދައްކަން ޖެހޭއިރު، ދަރަނި ނުދެއްކިދާނެ ކަމުގެ ބިރު އޮތް ކަމަށް ބުނެއެވެ. އަދި ރާއްޖޭން ދަރަނި ދައްކަން މަސައްކަތްކުރަނީ ސުކޫކް ނުވަތަ ބޮންޑު ވިއްކައިގެން ކަމަށްވާއިރު، ރާއްޖޭގެ ރޭޓިން ދަށްވުން ފަދަ ސަބަބުތަކާ ހެދި، އިތުރަށް ދަރަނި ނެގުމަށް ވެސް ހުރަސްތައް އޮތް ކަމަށް އިދިކޮޅުންނާއި ބޭރުގެ އިދާރާތަކުން ވެސް ބުނެއެވެ.

މި ސަރުކާރުން ތަކުރާރުކޮށް އަންނަނީ، ދަރަނި ދެއްކޭނެ ކަމުގެ ޔަގީންކަން ދެމުންނެވެ.