27 Nov 2025, 16:21
މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދާއެކު އެއްކޮށް ހާދިސާ ހިނގި ވަގުތު ހުރި، ގ. އެރިޔަދޫ، ރައުދު އަހުމަދު ޒިލާލުގެ މައްޗަށް އިއްޔެ ހުކުމް ކުރިއިރު އަދިވެސް ޔުމްނުގެ ބަޔާން ނުދޭ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ރައުދު އިތުރު ހުކުމެއް ތަންފީޒު ކުރަން ނުޖެހޭ ގޮތަށް އިއްޔެ ކްރިމިނަލް ކޯޓުން މައްސަލަ ނިމުނީ، އޭނާގެ މައްޗަށް ދައުލަތުން ކުރި ދައުވާއަށް އޭނާ އިއުތިރާފުވުމުން އޭނާގެ އަދަބު ލުއިކޮށްދިނުމުންނެވެ.
ރައުދުގެ މައްޗަށް ކޮށްފައިވަނީ އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއް ނެތި، އެހީތެރިކަން ފޯރުކޮށް ނުދިނުމުގެ ކުށުގެ ދަޢުވާއެވެ. އެ ދައުވާގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.
އެކަމަކު، އޭނާ ކުށަށް އިއުތިރާފުވުމުން، އޭނާގެ އަދަބު 27 ދުވަހުގެ ޖަލު އަދަބަކަށް ޝަރިއަތުން ލުއިކޮށްދިނީއެވެ. އަދަބު ލުއިކޮށްދިންއިރު، މި މައްސަލައިގެ ތަހުގީގު މަރުހަލާގައި ބަންދުކޮށްފައި ހުރި މުއްދަތު، ހުކުމަށްވުރެ އިތުރުވުމުން އޭނާ ދެން އިތުރަށް ތަންފީޒުކުރަން ޖެހޭ ހުކުމެއް ނެތީއެވެ.
ރައުދަށް ހުކުމް ކޮށްފައިވާއިރު, އަދި އެ ހާދިސާއަށް ހަތް މަސް ވެގެން ދިޔައިރު, ތަހުގީގަށް ޔުމްނުގެ ފަރާތުން ނަގަން ޖެހޭ ބަޔާން ނެގޭގޮތް އަދިވެސް ނުވާ ކަމަށް ފުލުހުން މިއަދު ބުންޏެވެ. އަދި ތަހުގީގަށް އެކަށީގެންވާ ގޮތުގައި އެއްބާރުލުން ނުލިބޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ވަނީ ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށް ބުނެފައެވެ. އެކަމަކު، ޔުމްނުއާ ހަވާލާދީ އާއިލާގެ ފަރާތުން ވަނީ އެއީ އަމިއްލައަށް ކުރި ކަމެއް ނޫން ކަމަށް ބުނެފައެވެ. ހާދިސާ ހިނގި ހ. ފެންޓެނޯއީ ގޭގައި އުޅުނީ ވެސް މި މައްސަލައިގައި ހައްޔަރުކުރި ރައުދު އަހުމަދު ޒިލާލާ ދެ މީހުން އެކަނި ނޫން ކަމަށާއި އިތުރު ހަތަރު މީހުން އުޅުނު ކަމަށް އާއިލާއިން ޔުމްނުއާ ހަވާލާދީ މީގެކުރިން ބުންޏެވެ.
އެ ވާހަކަތަކާ ގުޅިގެން ފުލުހުންނަށް ފާޑުކިޔުން އަމާޒުވެފައި އޮއްވައި ފުލުހުން ބުނީ، އެ މައްސަލައިގައި ޔުމްނުގެ ބަހެއް ހޯދުމަކީ ތަހުގީގަށް މުހިންމު ކަމެއް ކަމަށް ދެކިގެން އެ ފުރުސަތު ހޯދަން ފުލުހުން ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތްކޮށްފައިވާ ކަމަށެވެ. އެކަމަކު، ޔުމްނުގެ ސިއްހީ ހާލަތުގެ ސަބަބުން އެކަން ނުވެ އޮތީ ކަމަށް ފުލުހުން ބުންޏެވެ.
އައިޖީއެމްއެޗުން ފަރުވާ ދިނުމަށް ފަހު ޔުމްނުއަށް އިތުރު ފަރުވާ ދިނުމަށް ވަނީ މެލޭޝިއާއަށް ގެންގޮސްފައެވެ. މެލޭޝިއާއަށް ދިވެހި ފުލުހުން ގޮސްގެން ވެސް ޔުމްނުގެ ބަޔާން ނެގޭ ގޮތް ނުވިއެވެ.
ޕާޓީ ކުރި ކަމަށް ތުހުމަތު ކުރެވޭ ޒުވާނުންތަކެއްގެ މެދުގައި ހިނގި ކަމަކާހެދި ހިނގި މި ހާދިސާ ފަހުން ވަރަށް ހޫނުވެގެން ދިޔައެވެ. އެއީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނާއި އެ އާއިލާގެ ބައެއް މެންބަރުންނަށް ތުހުމަތުތަކެއް ކުރެވުމާއެކުއެވެ.
އެ މައްސަލައިގައި އަށް މީހަކު ޕާސްޕޯޓު ހިފެހެއްޓި ނަމަވެސް، ހައްޔަރުކޮށް ދައުވާކޮށްފައިވަނީ ޔުމްނުއާ އެކު އެންމެ ފަހުން އުޅުނު ރައުދުގެ މައްޗަށް އެކަންޏެވެ.
ޔުމްނުގެ ހައްގުގައި ސިލްސިލާކޮށް ކުރިއަށްގެންދިޔަ މުޒާހަރާތަކެއްގައި ޒުވާނުން ވަނީ އެ މައްސަލައިގެ ތަހުގީގަށް ސަރުކާރުގެ އިސް ބޭފުޅުންތަކެއް ނުފޫޒު ފޯރުވާ ކަމަށާއި ފުލުހުންނަށް އިތުބާރު ނުކުރެވޭ ކަމަށެވެ. އެ މުޒާހަރާތަކުގައި އުޅުނު ދެ މީހަކަށް ދައުވާކޮށްފައިވާއިރު، އެކަން އިދިކޮޅުން ވަނީ ކުށްވެރިކޮށްފައެވެ.