24 Aug 2012, 16:57
ފެބުރުއަރީ 7 ވަނަ ދުވަހު ވެރިކަން ބަދަލުވީ ގޮތް ބެލުމަށް އެކުލަވާލާފައިވާ، ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ (ކޯނީ)ގެ ރިޕޯޓު މި މަހުގެ 30ގައި އާންމު ކުރާތީ ރިޕޯޓުގެ ފަހުން އަމަލުކުރާނެ ގޮތްތަކަކާއި މެދު މަޝްވަރާކުރުމަށް ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
ރައީސް ލަންކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ލަންކާގައި ތިއްބަވައި ބޭރުގެ ޑިޕްލޮމެޓުންނާއި ބައްދަލުކުރައްވާ ރައީސް ޑރ. ވަހީދު މިއަދު ވިދާޅުވީ އެ މަޝްވަރާތަކުގައި ބައިވެރވުމަށް ކުރިއަށް އޮތް 48 ގަޑިއިރު ތެރޭގައި ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް ދައުވަތު ދެއްވާނެ ކަމަށެވެ. އަދި ޑިޕްލޮމެޓަކު ކުރި ސުވާލެއްގެ ޖަވާބުގައި ރައީސް ވިދާޅުވީ އެ ވާހަކަތައް ހެޑް ކުރައްވާނީ ސިޔާސީ ޕާޓީތަކުގެ ވާހަކަތައްވެސް ވިލަރެސް ކުރައްވާ އަހުމަދު މުޖުތަބާ ކަމަށެވެ. އަދި ވިދާޅުވީ އެ ވާހަކަތަކުގައި ބައިވެރިވެ ވަޑައިގަންނަވާނީ ޕާޓީތަކުގެ ލީޑަރުން ނޫނީ ޑެޕިއުޓީ ލީޑަރުން ކަމަށާއި މި މަހުގެ 27 ނުވަތަ 28 ގައި މަޝްވަރާތައް ބޭއްވޭތޯ މަސައްކަތް ކުރައްވާނެ ކަމަށެވެ. ނޫނީ މަޝްވަރާތައް ބާއްވާނީ ރިޕޯޓް ނެރޭ ދުވަހު ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުގެ އުންމީދަކީ މި ވާހަކަތަކުން އަންނަ އަހަރު ރިޔާސީ އިންތިހާބެއް ބޭއްވުމާއި ހަމަޔަށް ކުރަން ޖެހޭ ކަންތައް ކަނޑައެޅި މަޝްވަރާ ކުރެވިގެންދާނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކޯނީގެ ރިޕޯޓުން ނިންމާ ކޮންމެ ނިންމުމަކަށް އިހުތިރާމު ކުރައްވާނެ ކަމަށާއި ސިޔާސީ އެހެން ލީޑަރުންވެސް ރިޕޯޓުގެ ނިންމުމަށް އިހުތިރާމު ކުރައްވާނެ ކަމަށް އުންމީދުކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ ފަށަން ހަމަޖެހިފައިވާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި އެމަނިކުފާނު ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ. ނަމަވެސް ބައެއް ލީޑަރުންނާ އެކު މަޝްވަރާތަކުގައި އިށީނުމަށް ރައީސް ނަޝީދު ދެކޮޅު ހައްދަވާފައިވާކަން ފާހަގަކުރެއްވި އެވެ.
ކޯނީގެ ކޯޗެއާ އަދި އެ ރިޕޯޓުގެ ބޮޑުބައި ލިޔުއްވައި ޖީޕީ ސެލްވަމް މާދަމާ ނޫނީ އަނެއް ދުވަހު ރާއްޖެ ވަޑައިގެން ކޮމިޝަނާއެކު އިށީންނަވައި ރިޕޯޓު ފައިނަލް ކުރައްވާނެ ކަމަށާއި 29 ވަނަ ދުވަހު ރައީސް އާއި އަދި ކަމާބެހޭ ފަރާތްތަކަށް ރިޕޯޓް ނިންމާ ހިއްސާކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ނަމަވެސް ރައީސް ޑރ. ވަހީދު މީގެ ކުރިން ވަނީ ކޯނީގެ ރިޕޯޓް ނެރުމުގެ އެކަމާ މެދު މަޝްވަރާ ނުކުރާނެ ކަމަށް ވިދާޅުވެފަ އެވެ.
ރައީސް ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ޖަލްސާތައް ފެށޭނެ ފަދަ މާހައުލެއް މިހާރު އެބަ އޮތް ކަމަށް ގަބޫލުކުރައްވާ ކަމަށާއި މަޖިލިސް ފެއްޓުމުގެ މަޝްވަރާތަކަށް އަވަހަށް ދާން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ މަޖިލިސް އަލުން ފެށުމަށް އަންނަ ހަފްތާ މަސައްކަތްތަކެއް ކުރެވޭނެ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.
"މިވަގުތަކީ މަޝްވަރާ ކުރަން ޖެހޭ ވަގުތު، އެކަކު އަނެކަކަށް އަރައިރުންވާންވީ ވަގުތެއް ނޫން،" ރައީސް ވިދާޅުވި އެވެ. އަދި ވިދާޅުވީ މަޖިލީހުން ކުރަން ޖެހޭ ގިނަ މަސައްކަތްތަކެއް އެބަހުރި ކަމަށެވެ.
ސިޔާސީ ގޮތުން ރާއްޖެއަށް ކޮންމެވެސް ވަރެއްގެ ފިނިކަމެއް ލިބިފައިވާކަން ފާހަގަކުރައްވައި ރައީސް ވަނީ ބައިނަލް އަގުވާމީ މުޖުތަމައުން ސަރުކާރަށް އެއްބާރުލުން ދެއްވުމަށް ގޮވާލައްވައިފަ އެވެ. ރައީސްއާ ސުވާލުކުރުމަށް ޑިޕްލޮމެޓުންނަށް ފުރުސަތު ދިން ނަމަވެސް ދެ ބޭފުޅަކު ފިޔަވައި އެހެން ބަޔަކު ސުވާލެއް ކޮށްފައެއްނުވެ އެވެ.