27 Nov 2025, 14:11
ކުދި އާބާދީތަކުގައި ތިބޭ ކައުންސިލަރުންގެ އަދަދު މަދުކުރަން ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހަށް، ކައުންސިލްގެ ހުއްދައާ ނުލާ ވެސް ސަރުކާރުތަކުން ބޭނުންވެއްޖެ މަޝްރޫއެއް ހިންގޭނެ ގޮތަށް އިސްލާހެއް ގެނައުމަށް ފަހު، ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ސަރުކާރުން ވަނީ ކުދި ރަށްރަށުގެ ކައުންސިލަރުންގެ އަދަދު މަދުކުރަން ނިންމާފައެވެ. އެއީ، ޚަރަދުކުޑަކުރަން އަޅާ ފިޔަވަޅެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
ކައުންސިލަރުންގެ އަދަދު މަދުކުރަން ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހެވެ. އެ ބިލަށް ކޮމިޓީ މަރުހަލާގައި ގެނައި އިސްލާހުތަކުގެ އިތުރުން، މަޖިލީހުގެ ތަޅުމުގައި ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ވަނީ އިސްލާހެއް ހުށަހަޅާފައެވެ.
އެއީ، ރަށްރަށުގައި ސަރުކާރުން ހިންގާ މަޝްރޫއުތަކާއި ހަރަކާތްތަކަށް ކައުންސިލްތަކުން ހޯދަންޖެހޭ ހުއްދަތައް ހޯދަން ހުށަހެޅުމަށް ފަހު، އެކަށިގެންވާ މުއްދަތެއްގައި ހުއްދަ ނުލިބިއްޖެ ނަމަ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ހުއްދައާ އެކު ސަރުކާރަށް އެކަން ކުރެވޭ ގޮތަށް ގާނޫނުގައި ހިމެނުމަށެވެ. އެ އިސްލާހަށް ތާއީދުކުރެއްވީ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދެވެ.
ޕީއެންސީގެ ސުޕަމެޖޯރިޓީގެ ތާއީދާ އެކު 56 މެންބަރުންގެ ވޯޓުން އެ އިސްލާހު ވަނީ ފާސްކޮށްފައެވެ. އަދި، 54 މެންބަރުންގެ ވޯޓާ އެކު އެ ގާނޫނު ވަނީ ފާސްކޮށްފައެވެ. ބިލާ ދެކޮޅަށް ވޯޓުދެއްވީ 11 މެންބަރުންނެވެ.
އާ އިސްލާހާ އެކު ކައުންސިލަރުންގެ އަދަދަށް އަންނާނެ ބަދަލުތައް:
2،000 އަށްވުރެ ކުޑަ އާބާދީތަކުގައި އިންތިޚާބުކުރާނީ ތިން ކައުންސިލަރުން - ތިން ކައުންސިލަރުންގެ ތެރެއިން އެކަކު ވާންވާނީ އަންހެނަކަށް
- 2،000 އަށްވުރެ ބޮޑެތި އާބާދީތަކުގައި ފަސް ކައުންސިލަރުން - ދެ ކައުންސިލަރުން އަންހެނުންނަށް ވާންޖެހޭނެ
- މާލެއަށް އިންތިޚާބުކުރާނީ މަޖިލީގުގައި މާލެ ދާއިރާތަކުގެ މެންބަރުން ތިބޭ ނިސްބަތަށް
- ފުވައްމުލައް ސިޓީ ކައުންސިލަށް ދެން އިންތިހާބު ކުރާނީ ނުވަ ކައުންސިލަރުން
- އައްޑޫ ސިޓީ ކައުންސިލަށް 11 ކައުންސިލަރުން އިންތިޚާބުކުރާނެ
ފާހަގަކޮށްލެވޭ ގޮތުގައި ރައްޔިތުންގެ މަޖިލީހުން އަންގާރަ ދުވަހު ވަނީ އަތޮޅު ކައުންސިލްތައް އުވާލަން ގާނޫނުއަސާސީ ވެސް އިސްލާހުކޮށްފައެވެ.
ލާމަރުކަޒީ ނިޒާމަށް މި ސަރުކާރުން ގެންނަ ބަދަލުތަކާ ގުޅިގެން އިދިކޮޅު ފަރާތްތަކުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. ޚާއްސަކޮށް ސިޔާސީ މަގާމުތައް މަދުނުކޮށް، އިންތިޚާބީ މަގާމުތައް މަދުކުރާކަމަށް ބުނެ، ގިނަ ބައެއްގެ ނުރުހުން އަމާޒުވިއެވެ.