ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޑިޕްލޮމާ އިން އެގްރިކަލްޗަރަލް ސައިންސް ކޯހުގެ 10 ސްކޮލާޝިޕަކަށް ކުރިމަތިލާން ފުރުސަތަށް ހުޅުވާލައިފިއެވެ.

ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ބުނީ މިއީ ދިވެހި ސަރުކާރާއި ވާލްޑް ބޭންކް ގުޅިގެން ހިންގާ، ޓްރާންސްފޯމިން ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓްގެ ދަށުން ސްޕޮންސާ ކުރުމަށް ހަމަޖެހިފައިވާ ސްކޮލާޝިޕެއް ކަމަށެވެ.

އެ ސްކޮލާޝިޕް ހޯދުމަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު، މިހާރު ވަނީ ހުޅުވާލާފައެވެ.

އެ ސްކޮލާޝިޕްގެ ޝަރުތު:

* ބަޔޮލޮޖީ ހިމެނޭހެން ޖީސީއީ އޯލެވެލްގެ ތިން މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ޙާސިލުކޮށްފައިވުން

* ޖީސީއީ އޭލެވެލްގެ ދެ މާއްދާއިން 'ސީ'އިން ފެށިގެން މަތީ ގްރޭޑެއް ޙާސިލުކޮށްފައިވުން ނުވަތަ ގުޅުންހުރި ދާއިރާއަކުން ލެވެލް ހަތަރެއްގެ ސަނަދެއް ޙާސިލުކޮށްފައިވުން ނުވަތަ އެހެން ދާއިރާއަކުން ލެވެލް ހަތަރެއްގެ ސަނަދެއް ފުރިހަމަކުރުން

* އެމްކިޔުއޭ އިން ފާސްކޮށްފައިވާ ޔުނިވާސިޓީ ޕްރިޕްރޭޓަރީ ޕްރޮގްރާމެއް ފުރިހަމަކުރުން ނުވަތަ އުމުރުން 20 އަހަރު ފުރިހަމަވެ، ޖީސީއީ އޯލެވެލް ފުރިހަމަކޮށްފައިވުމާއި، މަސައްކަތުގެ ގުޅޭ ދާއިރާއަކުން ދެ އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، އަދި އެމްކިޔުއޭއިން ފާސްކޮށްފައިވާ ޔުނިވާސިޓީ ޕްރިޕްރޭޓަރީ ޕްރޮގްރާމެއް ފުރިހަމަކޮށްފައިވުން.

* ސެޓިފައިޑް ޕްރޮފިޝިއެންސީ އިން އިންގްލިޝް (ޖީސީއީ އޯ ލެވެލް/އައިޖީސީއެސްއީ އިނގިރޭސި/އެމްއެންޔޫ އިނގިރޭސި ބަހުގެ ކޮމްޕެޓެންސީ ޓެސްޓް ނުވަތަ އެއާ އެއް ވަރުގެ ޓެސްޓް)އެއް ފުރިހަމަކޮށްފައިވުން.

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންތަކެއް-- ސަން ފޮޓޯ- އިބްރާހިމް އިފާޒް

ސްކޮލާޝިޕަށް އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

* ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެޓެސްޓް ކުރަންޖެހޭ ލިޔުމެއް ނަމަ އެޓެސްޓް ކުރެވިފައިވާ ކޮޕީ)

* ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ (ގްރޭޑިން ކްރައިޓީރިއާ އެނގޭ ގޮތަށް)

* ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ބުނީ އެ ސްކޮލާޝިޕުން ކުރާނެ ޚަރަދުތަކުގެ ތެރޭގައި ކޯސް ފީއާއި، ކޯސް ކުރިއަށްދާ މުއްދަތުގައި މަހަކު އެއް ފަހަރު ދޫކުރާ އެލަވަންސެއް ހިމެނޭނެ ކަމަށެވެ.

މީގެ އިތުރުން ބްލެންޑަޑް މޯޑުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން އަތޮޅުތަކުން ބައިވެރިވާ ދަރިވަރުން ކުޅުދުއްފުށި ނުވަތަ މާލެ ކެމްޕަސްއަށް ކުރާ ދަތުރުތަކުގެ ދެކޮޅު ޓިކެޓާއި އިތުރު އެލަވަންސް ދޭނެ ކަމަށް ފާހަގަކޮށްފައިވެއެވެ.

ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ އެ ކޯހަށް ޝައުގުވެރިވާ މީހުން އަންނަ ޖަނަވަރީ މަހުގެ 26 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން ފިޝަރީޒް މިނިސްޓްރީގެ ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓަށް އެޕްލިކޭޝަން ހުށަހެޅުމަށް އެދިފައިވެއެވެ.

އެޕްލިކޭޝަނާ އެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރާނެ ކަމަށް އެ ވުޒާރާއިން ބުންޏެވެ. އަދި ފިޝަރީޒް މިނިސްޓްރީގެއީމެއިލަށްވެސް އެޕްލިކޭޝަން ފޮނުވޭނެ ކަމަށް އެ ވުޒާރާއިން ބުންޏެވެ.

އެ ސްކޮލާޝިޕާ ގުޅޭ އިތުރު މައުލޫމާތު، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00އާއި 14:00 އާ ދެމެދު 3033484 ނަމްބަރަށް ގުޅުމުން ލިބޭނެ ކަމަށް ވުޒާރާއިން ބުންޏެވެ.