ކ. މާފުށީ ޖަލުގައި ކުރިއަށްދާ ރިހެބިލިޓޭޝަން ޕްރޭމްވޯކްގެ ދެވަނަ ފޭސްގައި އަންހެން ގައިދީންގެ ދެ ބެޗަކަށް އަމާޒުކޮށް، ސައިކޮލޮޖީ ޕްރޮގްރާމުތަކެއް ފަށައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނީ، މިއީ، ގައިދީން އިސްލާހުކޮށް ތައުލީމީ ފުރުސަތު ހޯދައިދިނުމަށް ކުރިއަށް ގެންދާ ފްރޭމްވޯކެއް ކަމަށެވެ.

ތިން މަސް ދުވަހަށް ކުރިއަށްދާ މި ޕްރޮގްރާމުތަކުގެ ދެ ބެޗުގައި ޖުމުލަ ބާރަ ގައިދީން ވަނީ ބައިވެރިވެފައެވެ.

ކަރެކްޝަން އިން ބުނި ގޮތުގައި، ފްރޭމްވޯކްގެ ދެވަނަ ފޭސްގައި ކުރިއަށްދާނީ ސައިކޮލޮޖީ ޕްރޮގްރާމުތަކެކެވެ. އެ ކަމުގެ މަގްސަދަކީ ޤައިދީންނަކީ ނަފްސާނީ ގޮތުން ވަރުގަދަ މީހުންތަކަކަށް ހެދުމަށާއި އަމިއްލަ ނަފްސަށް އިތުބާރުކުރާ ބައެއް ގޮތުގައި މުޖްތަމަޢުއަށް ނެރެދިނުމަށް ކަމަށް ކަރެކްޝަންއިން ބުނެއެވެ.

އަންހެން ގައިދީންނަށް ޚާއްސަކޮށް ކުރިއަށް ގެންދާ ޕްރޮގްރާމުގެ ތެރެއިން --- ފޮޓޯ/ ކަރެކްޝަން

ހަތަރު ފޭސްގެ މައްޗަށް އެކުލެވޭ ރިހެބިލިޓޭޝަން ފްރޭމްވޯކް ތަޢާރަފްކުރުމުގެ މަގުސަދަކީ ގައިދީން އިސްލާހު ކުރުމާއި އެމީހުންނަށް ތައުލީމާއި ހުނަރު އުނގަންނައިދިނުމުގެ އިތުރަށް، މުޖްތަމައުއަށް ނުކުންނައިރު އާމްދަނީއެއް ލިބޭނޭފަދަ މަސައްކަތެއް ކުރަން މަގުފަހި ކުރުމަށް ކަމަށް ކަރެކްޝަންސް އިން ބުނެއެވެ.

އަންހެން ގައިދީންނަށް ޚާއްސަކޮށް ޕްރޮގްރާމެއް ފެށިއިރު، ގައިދީންނަށް އަމާޒުކޮށް އެކި ކަހަލަ ޕްރޮގްރާމުތައް ކަރެކްޝަންސް އިން ކުރިއަށް ގެންދެއެވެ. އެގޮތުން، އެ ގައިދީން ބައިވެރިކޮށްގެން މައުރަޒުތައް ބޭއްވުމާއި އެކި ކަހަލަ މަސައްކަތްތައް ދަސްކޮށްދިނުމުގެ ޕްރޮގްރާމުތައް ބާއްވައެވެ.