އަލްމަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ ކުރިން ހިންގި އިމާރާތް ތަޅައިލުމުގެ މަސައްކަތް ލޯކަލް ގަވަނަންސް މިނިސްޓްރީން މިއަދު ފަށައިފިއެވެ.

އަރަބިއްޔާ ސްކޫލުގެ ކުރީގެ އިމާރާތް ތަޅާލަނީ، އެ ބިމުގައި ޕާކިން ޒޯނަކާއި ކޮމިއުނިޓީ ޕާކެއް އަޅަން ވެގެންނެވެ. އެކަން އިއުލާނުކުރެއްވީ މިދިޔަ އަންގާރަ ދުވަހުގެ ރޭ މައްޗަންގޮޅި ރައްޔިތުންނާ ބައްދަލުކުރައްވައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅުގައެވެ.

އެގާރަ ހާސް އަކަފޫޓުގެ އެ ބިމުގައި ހުރި އެ އިމާރާތް ތަޅައިލަން ނިންމީ، އެ އިމާރާތަކީ މީހުން ބޭނުންކުރުން ރައްކާތެރި ހާލަތެއްގައި ހުރިތަނެއް ނޫން ކަމަށް ވާތީއެވެ.

އެއަށްފަހު މިއަދު ހެނދުނު ލޯކަލް ގަނަނަންސް މިނިސްޓްރީން މިވަނީ އެ އިމާރާތް ތަޅާލަން ފަށާފައިވާކަން އިއުލާނުކޮށްފައެވެ. އެ މިނިސްޓްރީން ބުނި ގޮތުގައި ލޯކަލް މިނިސްޓަރު އާދަމް ޝަރީފު ޢުމަރު ވަނީ އެ ސަރަހައްދަށް ވަޑައިގެން މަސައްކަތް ބައްލަވައިލައްވައިފައެވެ.

ރައީސް، މައްޗަންގޮޅި ރައްޔިތުން ބައްދަލުކުރެއްވުން: ކުރީގެ އަރަބިއްޔާ އިމާރާތް ތަޅާލައި، ޕާކަކާއި ޕާކިން ޒޯނެއް ހަދާނެ ކަމަށް ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި އެ ބިމުގައި ޕާކު ހަދާނީ، ސުކޫލުތަކަށް އަންނަ ކުދިންނާއި ބެލެނިވެރިންނަށް މަޑުކޮށްލެވޭ ގޮތަށެވެ. އެ މަނިކުފާނު ވިދާޅުވީ، ބޭނުންފުޅު ވަނީ ވަރަށް ބާރު ސްޕީޑުގައި އެ މަޝްރޫއު ކުރިއަށް ގެންގޮސް، އަންނަ ފެބްރުވަރީ މަހު ފެށޭ ރޯދަމަހުގެ ކުރިން ނިންމަން ކަމަށެވެ.

އަރަބިއްޔާ އިމާރާތެކޭ އެއްފަދައިން މާލޭގައި ބައުވެ، ބޭނުން ނުކުރެވޭ ހާލަތުގައި ހުރި ތަންތަނުގެ ސަބަބުން ނުރައްކާތެރި ހާދިސާއެއް މެދުވެރިވެދާނެ ކަމަށް ފެންނަ އިމާރާތްތައް ތަޅައިލުމުގެ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް ހަތަރު އިމާރާތެއް ތަޅައިލުމުގެ މަސައްކަތް ވަނީ އެ މިނިސްޓްރީން ނިންމައިފައެވެ. އެއީ މއ. ރަބީއުވިލާއާއި، އޯކިޑް ޕްލާޒާއާއި، ނިއު ޕްލާޒާގެ އިތުރުން ހައުސް ޕްލާޒާއެވެ.

މިނިސްޓްރީއާ ތަޅައިލަން ހަވާލުކުރެވިފައިވާ އިމާރާތްތަކުގެ ތެރޭގައި ހިމެނޭ، ކުރީގެ ކްރިމިނަލް ކޯޓު ހިންގި އިމާރާތުގެ މަސައްކަތް ވެސް ކައިރި ތާރީޚެއްގައި ފެށޭނެ ކަމަށް ލަފާކުރެވޭ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އަރަބިއްޔާ ސްކޫލުގެ ކުރީގެ އިމާރާތް ހުރި ބިން --

އަރަބިއްޔާ ސްކޫލް އިމާރާތުގައި ރެނދުލައި، އެ ތަނުގައި ކިޔެވުމަކީ ދަރިވަރުންނަށް ނުރައްކާތެރި ކަމެއް ކަމަށް ބެލެނިވެރިން ބުނަމުން ދަނިކޮށް އެ ސްކޫލުގެ ކުދިން ވަގުތީ ގޮތުން އިއްޒުއްދީން ސްކޫލަށް ބަދަލު ކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމީ 2021ވަނަ އަހަރުގެ ފަހުކޮޅެވެ.

ނަމަވެސް, އެ ސްކޫލްގެ ބެލެނިވެރިން އެ ނިންމުމާ ދެކޮޅު ހެދުމުން މިނިސްޓްރީން ވަނީ ބިމެއް ހޯދައިދޭނެ ކަމަށް ބުނެފައެވެ. އެ މައްސަލައާ ގުޅިގެން ހުރި ކަންބޮޑުވުންތައް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙާ ހިއްސާ ކުރެއްވުމުން އެ މަނިކުފާނު ވަނީ އަރަބިއްޔާ ސްކޫލްގެ އާ އިމާރާތް އެޅުމަށް ބާ ޖަމާލުއްދީން ހަމަޖައްސަވައި ދެއްވައިފައެވެ.

އޭގެފަހުން، އެ ސުކޫލުގެ ކިޔެވުން ވަނީ، ދަރުމަވަންތަ ސުކޫލުގެ ވަގުތީ އިމާރާތަށް ބަދަލުކޮށްފައެވެ.

އަރަބިއްޔާގެ ކުރީގެ އިމާާރާތް ބޭނުންކުރަމުން އައީ، ސްކައުޓް އެސޯސިއޭޝަނާއި ކެޑޭޓު އޮފީހެއް ހިންގުމަށާއި އެޑިއުކޭޝަން މިނިސްޓްރީގެ އެކި މުދާތައް ވެސް ގުދަންކުރުމަށެވެ. އެކަމަކު، ސްކައުޓް އެސޯސިއޭޝަންގެ އޮފީހާއި ފިހާރަ ހިންގާނެ އިމާރާތެއް ހަމަނުޖެހެނީސް، އެ ތަނުން ނިކުންނަން ޖެހުމުން، އެ އެސޯސިއޭޝަންގެ އޮފީހާއި ފިހާރަ ބަންދު ކުރިއެވެ.

ވަރަށް ފަހުން، ފިލާ ބިލްޑިންއަށް އެ އެސޯސިއޭޝަން ވަނީ ބަދަލުކޮށްފައެވެ.